ޔޫނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ބޭރަށް ކުރާ ދަތުރުތަކަށް ބުރޫއެރުމުގެ ސަބަބުން ދުބާއީ މެދުވެރިކޮށް ކުރިއަށްގެންދާ ރަނާއި ރިހީގެ ޝިޕްމަންޓްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބްލޫމްބާގް އިން ރިޕޯޓްކޮށްފިއެވެ. މީގެ ސަބަބުން ބައެއް ވިޔަފާރިވެރިންނަށް ވަނީ އެ ގައުމުގައި ތާށިވެފައިވާ ރަން، ބައިނަލްއަގުވާމީ ބާޒާރުގެ އަގުތަކަށްވުރެ ހެޔޮ އަގުގައި ވިއްކަން މަޖުބޫރުވެފައެވެ.
ރިޕޯޓްތައް ބުނާގޮތުން ދުބާއީގައި ރަން ވިއްކަމުންދަނީ ލަންޑަނުގެ ބާޒާރާ އަޅާބަލާއިރު އައުންސަކުން 10 ޑޮލަރާއި 30 ޑޮލަރާ ދެމެދުގެ ހެޔޮ އަގެއްގައެވެ. މިއީ ސުވިޒަލޭންޑް، އިންޑިއާ އަދި ހޮންކޮންގް ފަދަ ރަން ސާފުކުރާ މަރުކަޒުތަކަށް ރަން ފޮނުވުމުގައި ދަތިތަކެއް ކުރިމަތިވުމުގެ ނަތީޖާއެކެވެ. ފްލައިޓްރޭޑާ24 ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިޒްރޭލާއި އެމެރިކާއިން އީރާނަށް ދެމުންދާ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ފްލައިޓެއް ކެންސަލްވުމުން އެކަމުގެ އަސަރު ދުބާއީގެ ރަނުގެ ވިޔަފާރިއަށް ކޮށްފައި ވެއެވެ.
ބްލޫމްބާގް އިކޮނޮމިކްސްގެ ދިރާސާއަކުން ދައްކާގޮތުގައި، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ނުރައްކާ ހަމައެކަނި ތެލާއި ގޭހަކަށް ނެތެވެ. ދުނިޔޭގެ ބާޒާރަށް ނެރޭ ފާޓިލައިޒާގެ 7 އިންސައްތަ، އަގުބޮޑު މައުދަނުގެ 6 އިންސައްތަ އަދި އެލްމިނިއަމްގެ 5.3 އިންސައްތަ އަކީ ގަލްފުގެ ބަނދަރުތައް މެދުވެރިކޮށް އުފުލާ ތަކެއްޗަށް ވުމުން، މި ހުރިހާ ދާއިރާއަކަށްވެސް ވަނީ ނުރައްކާ ކުރިމަތިވެފައެވެ.
ދުބާއީ މަލްޓި ކޮމޮޑިޓީޒް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު ޔޫއޭއީގެ ރަނާއި އަގުބޮޑު މައުދަނުގެ ބޭރުގެ ވިޔަފާރި ވަނީ 170 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން، ޔޫއޭއީގެ ތެޔޮ ނޫން އެކްސްޕޯޓްގެ 48.6 އިންސައްތަ ހިއްސާކުރަނީ ރަނެވެ.
ގަލްފު ގައުމުތަކުގެ ތެރެއިން މި ވިޔަފާރީގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ޔޫއޭއީގައެވެ. 2024 ވަނަ އަހަރު އެ ގައުމުން 58.7 ބިލިއަން ޑޮލަރުގެ ރަން އެކްސްޕޯޓްކޮށްފައިވާއިރު، ސައުދީ އަރަބިއްޔާ، ގަތަރު އަދި ބަހްރޭން ފަދަ ގައުމުތަކުގެ އެކްސްޕޯޓް މިއަށްވުރެ މާ ބޮޑަށްވެސް ދަށެވެ. ނަމަވެސް މިހާރު ކުރިމަތިވެފައިވާ މަސްރަހުގެ ސަބަބުން މި މުހިންމު ސިނާއަތަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ.






