ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ފެއްޓެވި ގިނަ މަސައްކަތްތަކެއް މިހާރު ހުއްޓިފައިވާ ކަމަށާއި، އެ މަސައްކަތްތައް ނިންމުމަށްޓަކައި މާލޭގެ މޭޔަރުކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) ގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލު ހޮވަންޖެހޭ ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ކޮންގުރެސް ޕާޓީގެ ކެމްޕެއިން މެނޭޖަރުކަންވެސް ކުރައްވަމުންގެންދަވާ ފަލާހު މިފަދައިން ވިދާޅުވީ، މާފަންނު ދެކުނު ދާއިރާގެ ކައުންސިލު ގޮނޑިއަށް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
"އެ ޚިދުމަތް މެދުކެނޑިފައި އޮތްކަން މާލޭ ރައްޔިތުން ގަބޫލުކުރޭ. މިއަދު އެ ސަބަބަށްޓަކައި އެމަނިކުފާނު ފައްޓަވާފައި މިހިރަ މަސައްކަތްޕުޅުތައް އަދި ސަރުކާރުގެ ސިޔާސަތުުތައް، މާލޭ ސިޓީ މޭޔަރުކަމުގައި އެމަނިކުފާނު ކުރިއަށްގެންދަވަން ރޭއްވެވި ކަންކަން ކުރިއަށްގެންދިއުމަށް މޫސާ އަލީ ޖަލީލު އިންތިޚާބު ކުރަންވީ. އަދި ޕީއެންސީން މާލޭ ސިޓީ ކައުންސިލަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ހޮވަންވީ،" ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު
ފަލާހު ވިދާޅުވީ ކައުންސިލަރުން އިންތިޚާބުކުރަނީ ސަރުކާރު ޖަވާބުދާރީކުރުވަން ނޫން ކަމަށާއި، އޭގެ ބަދަލުގައި ކައުންސިލަރުންގެ ދައުރަކީ ސަރުކާރުން ހިންގާ މަޝްރޫއުތަކާއި ހިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމުގައި އެހީތެރިވުން ކަމަށެވެ. މާލެ ސިޓީގެ މޭޔަރުކަމުގައި ރައީސް މުޢިއްޒު ހުންނެވިއިރު މާލެ ޒީނަތްތެރިކުރުމާއި ޕާކުތައް ހެދުން ފަދަ ގިނަ މަސައްކަތްތަކެއް ފުރިހަމަ އިންތިޒާމެއްގެ ދަށުން ކުރިއަށްދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސް ޑރ. މުޢިއްޒަކީ ކުރީގެ ވެރިންނަށް ހައްލުކުރަން ނުކެރުނު ބޮޑެތި މައްސަލަތައް ހައްލުކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން، އޭގެ މިސާލެއްގެ ގޮތުން ވޭޕުގެ ނުރައްކަލާ ދެކޮޅަށް ރައީސް އެޅުއްވި ފިޔަވަޅު ފަލާހު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ހިތްވަރުގަދަ ރައީސަކަށް އެހީތެރިވާނެ ކައުންސިލަރުންތަކެއް އިންތިހާބުކުރުމަކީ މުސްތަގުބަލުގައި ރައްޔިތުންނަށް އެތައް ފައިދާއެއް ލިބޭނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.








