ރިޕޯޓު: ޒަޔަނިސްޓުންގެ ބްލެކްމެއިކް ކުރުން| 3 ފަނޑިޔާރުންގެ ކޮމިޓީ އަކުން ކަރީމް ޚާން ބަރިއަކޮށްފި

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ ޗީފް ޕްރޮސެކިއުޓަރ ކަރީމް ޚާންގެ މައްޗަށް ޒަަޔަނިސްޓުން އަޑީގައި ތިބެގެން އުފެއްދި ހެކިތަކަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން އދ. ން ހިންގި ތަހުގީގުގެ ހޯދުންތައް މުރާޖައާކުރުމަށް އައްޔަންކުރި ފަނޑިޔާރުންގެ މަޖިލީހަކުން އޭނާ ކުށެއް ނުކުރާކަމަށް ނިންމައި، އޭނާ ތުހުމަތުތަކުން ބަރއަ ކޮށްފިއެވެ.

ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ މަޖިލީހުން ތައްޔާރުކުރި މި ސިއްރު ރިޕޯޓު، އައިސީސީގެ އިދާރީ ކަންކަމަށް ފާރަވެރިވާ ބިއުރޯ އޮފް ދަ އެސެމްބްލީ އޮފް ސްޓޭޓްސް ޕާޓީސް (އޭއެސްޕީ) އަށް ހުށަހަޅާފައިވަނީ މާރިޗު މަހުގެ 9 ވަނަ ދުވަހުއެވެ. މި ރިޕޯޓު އާންމުކޮށް ފެންނާނެހެން ހާމައެއް ނުކުރާނެއެވެ. އަދި ކޯޓުގެ މެންބަރު 125 ގައުމުގެ ތެރެއިން ގިނަ ގައުމުތަކަށް މި ރިޕޯޓު ފެނިފައެއް ނުވެއެވެ.

އޭއެސްޕީން އައްޔަންކުރި މި 3 ފަނޑިޔާރުން، މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ދިޔައީ ޚާންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން އދ. ގެ އޮފީސް އޮފް އިންޓަރނަލް އޯވަސައިޓް ސަރވިސަސް (އޯއައިއޯއެސް) އިން ހިންގި ބޭރުގެ ފެކްޓް ފައިންޑިންގ ރިޕޯޓު ދިރާސާކުރަމުންނެވެ. އޭނާގެ މައްޗަށް ތުހުމަތުތައް ކޮށްފައިވަނީ، ޣައްޒާ ހަނގުރާމައާ ގުޅިގެން ޔަހޫދީ އޮފިޝަލުންގެ މައްޗަށް ހަނގުރާމައިގެ ކުށުގެ ތަހުގީގެއް ހިންގުމަށް ޚާންގެ އޮފީހުން މަސައްކަތް ފެށުމުންނެވެ.

މި ޕެނަލްގެ ދައުރަކީ، އޯއައިއޯއެސް ރިޕޯޓުގައިވާ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް، ހުރިހާ ތުހުމަތުތަކަކަށް ވަރުގަދައަށް އިންކާރު ކުރައްވާފައިވާ ޚާން، ސީރިއަސް ނޫނީ ކުޑަ މިންވަރެއްގެ ނުވަތަ އެއްވެސް ވަރެއްގެ ނޭދެވޭ އަމަލެއް ހިންގާފައިވޭތޯ ބަލައި، މިނިވަން ގާނޫނީ ލަފާ ދިނުމެވެ.

މި ރިޕޯޓު ކިޔާފައިވާ ޑިޕްލޮމެޓިކް ދެ މަސްދަރަކާއި، ރިޕޯޓުގެ މައުލޫމާތު ލިބިފައިވާ އެހެން ދެ މަސްދަރަކުން ބުނި ގޮތުގައި، ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ރިޕޯޓުގެ ހޯދުންތަކުން "އެއްވެސް ނޭދެވޭ އަމަލެއް ނުވަތަ ވަޒީފާގެ ވާޖިބާ ޚިލާފުވުމެއް ސާބިތުނުވާ" ކަމަށެވެ.

ފަނޑިޔާރުންގެ މި ނިންމުމަކީ ޚާންއާ ދެކޮޅަށް އިސްރާއީލުން އަޑީގައި އޮވެގެން އުފެއްދި ޖިންސީ ގޯނާގެ ތުހުމަތުގެ ތަހުގީގުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ. ޚާންގެ މުސްތަގުބަލާ މެދު އުފެދުނު ނުތަނަވަސްކަމާއި، އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތައް މީޑިއާއަށް ލީކުވުމާ ގުޅިގެން، މިދިޔަ އަހަރު އޭނާ އަމިއްލައަށް ޗުއްޓީއަށް ވަޑައިގަތުމުން، ކޯޓު އޮތީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތިނުވާ ފަދަ ނޭނގުމެއްގެ ތެރޭގައެވެ.

ފަނޑިޔާރުންގެ ރިޕޯޓާ މެދު އަމަލުކުރާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބިއުރޯއިން ހޯމަ ދުވަހު ބައްދަލުކުރި ނަމަވެސް، އަދި މިކަމުގައި އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އައިސީސީގެ އަމިއްލަ ގަވާއިދުތައް ބުނާގޮތުން، އެއްވެސް ނޭދެވޭ އަމަލެއް ހިންގާފައި ނުވާކަމަށް ބިއުރޯއިން ނިންމައިފިނަމަ، އެ ތަހުގީގު އެ ހިސާބުން ބަންދުކުރަން ޖެހޭނެއެވެ.

ތަހުގީގު ހިންގުމަށް ހަވާލުކުރީ 2024 ނޮވެމްބަރުގައެވެ. ޚާނަށް ކޮށްފައިވާ ތުހުމަތަކީ، ޚާންގެ އޮފީހުގެ މެންބަރަކު ޖިންސީ ގޯނާގެ ތުހުމަތު އޭނާގެ މައްޗަށް ކުރުމެވެ. ޝަކުވާ ހުށަހެޅި ފަރާތުން ވަނީ އައިސީސީގެ އަމިއްލަ ތަހުގީގީ އިދާރާއަށް އެއްބާރުލުން ދިނުމަށް އިންކާރު ކޮށްފައެވެ!

ތަހުގީގުގެ ނަތީޖާ ނުކުންނަންދެން ޚާން ހުންނެވީ މިދިޔަ މެއި މަހުން ފެށިގެން ޗުއްޓީގައެވެ. އޭނާ ނެތް ދުވަސްވަރު އޮފީސް ހިންގުމާ ހަވާލުވެ ހުންނެވީ އޭނާގެ ނައިބު ޕްރޮސެކިއުޓަރުންނެވެ.

ތިން މަސް ދުވަހުގެ މުއްދަތަށް، ފަނޑިޔާރުންގެ ޕެނަލުން ވަނީ 150 ސަފުހާގެ އޯއައިއޯއެސް ރިޕޯޓާއި، އޭގެ އަސްލު ހެކީގެ ގޮތުގައި ހިމެނޭ 5،000 އަށްވުރެ ގިނަ ސަފުހާ ދިރާސާކޮށްފައެވެ. ފުރަތަމަ ރިޕޯޓު ހުށަހެޅުމަށް ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް ހެކިތައް ގިނަކަމުން ބިއުރޯއިން ވަނީ އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށްދީފައެވެ.

ފަނޑިޔާރުން މި މައްސަލަ ބަލާފައިވަނީ ޖިނާއީ ގާނޫނުގައި ހެކި ސާބިތުކުރުމުގެ އެންމެ މަތީ މިންގަނޑު ކަމަށްވާ "ބިޔޯންޑް ރީޒަނަބަލް ޑައުޓް" ކަމަށްވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރެވޭ މިންގަނޑުންނެވެ.

ޕެނަލްގެ ރިޕޯޓު ލިބޭތާ 30 ދުވަހުގެ ތެރޭގައި، ތުހުމަތު ކުރެވޭ ނޭދެވޭ އަމަލާ މެދު ބިއުރޯގެ ފުރަތަމަ ހެކި ވަޒަންކުރުން ހާމަކުރަން ޖެހެއެވެ.
އޭގެ ފަހުން ޖަވާބުދާރީވުމަށް ޚާންއަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
ދެން އެއަށްފަހު ފަހުގެ ނިންމުމެއް ނިންމުމަށް ބިއުރޯއަށް އިތުރު 30 ދުވަސް ލިބެއެވެ.

ޚާންގެ މައްޗަށް ކުރެވޭ ނަހަމަ އަމަލުތަކުގެ ތުހުމަތުތައް ފެންމަތިވެފައިވަނީ، ޣައްޒާ އާއި ފަލަސްތީނުގެ ބިން ހިފާފައިވާ އިސްރާއީލުގެ ސިފައިން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން އިސްރާއީލުގެ ވެރިންގެ މައްސަލައިގެ ޕްރޮސެކިއުޝަންގެ ތެރެއިންނެވެ.

މޭ 2024 ގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭރުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް ޚާން އެދިވަޑައިގަތުމުން، އިސްރާއީލާއި ޒަޔަނިސްޓުންގެ ސަޕޯޓަރުން، ހާއްސަކޮށް އެމެރިކާއިން ވަނީ އެ ތަހުގީގު ހުއްޓާލުމަށް ފިއްތުންތައް ކުރިމަތިކުރުވައި، ކޯޓާއި ފަނޑިޔާރުން ބްލެކްމެއިލް ކުރުމަށް ވަރުގަދަ ކެމްޕޭނެއް ފަށާފައެވެ.

ފެބްރުއަރީ 2025 އިން ފެށިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ އިސްރާއީލް ފަލަސްތީން ތަހުގީގާ ގުޅިގެން ޚާން އާއި، އޭނާގެ ދެ ނައިބު ޕްރޮސެކިއުޓަރުންނާއި، ހަ ފަނޑިޔާރުންނާއި، ފަލަސްތީނާ ބެހޭ އދ.ގެ ހާއްސަ ރެޕަޓުއާގެ އިތުރުން ފަލަސްތީނުގެ ތިން އެންޖީއޯއަކަށް މާލީ އަދި ވިސާގެ ދަތިކުރުމުގެ ނަހަމަ ފިޔަވަޅުތައް އަޅާފައެވެ.

އައި.ސީ.ސީގެ ފަނޑިޔާރުން މިހާރު ދަނީ ފަލަސްތީނުގެ ހާލަތާ މެދު އެ ކޯޓުގެ އިޚުތިސާސް އޮތް މިންވަރާ މެދު އިސްރާއީލުން ހުށަހަޅާފައިވާ މައްސަލައާއި، އަދި ވަކިފަރާތަކަށް ނުޖެހޭކަމުގެ ދައުވާކޮށް ޕްރޮސެކިއުޓަރު އެ މަގާމުން ވަކިކުރުމަށް އެދި ނޮވެމްބަރު 17 ގައި އިސްރާއީލުން ހުށަހެޅި ވަކި ޝަކުވާއެއް ބަލަމުންނެވެ.

23 އެޕްރީލް 2024 ގައި ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރުކުރުމުގެ އަމުރަށް އެދުމަށް ޚާން ތައްޔާރުވަމުން ދަނިކޮށް، އޭރުގެ އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ކެމަރަން ވެސް ވަނީ ޚާންއަށް ފޯނުން ގުޅުއްވައި، ކޯޓުން އެ އަމުރުތައް ނެރެފިނަމަ އިނގިރޭސިވިލާތުން އައި.ސީ.ސީ އަށް ދޭ ފައިސާ ހުއްޓާލައި އެ ކޯޓުން ވަކިވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

އިނގިރޭސި ފޮރިން އޮފީހުން ޖެނުއަރީ މަހު ވަނީ ކެމަރަން އާއި ޚާންއާ ދެމެދު ފޯނު ކޯލެއް ހިނގިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ދޭން ވަނީ އިންކާރުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ދެއްވި ފުރަތަމަ ބަޔާނުގައި، ޚާން ޑިސެމްބަރު މަހު އައި.ސީ.ސީގެ އެޕީލް ޗެމްބަރަށް ހުށަހެޅުއްވި ލިޔުމެއްގައި، އޭނާ ތަހުގީގުން ވަކިކުރުމަށާއި ނަތަންޔާހޫއާ ބައިވެރިން ހައްޔަރުކުރުމުގެ އަމުރުތައް ބާތިލުކުރުމަށް އިސްރާއީލުން އެދިފައިވާ އެދުމަށް ރައްދު ދެއްވިއެވެ. މިއީ ކެމަރަންގެ ނުރައްކާތެރި ފޯނު ކޯލާއި ޚާންގެ އަގުވައްޓާލުމަށް ޒަޔަނިސްޓު ގުރޫޕުން ކުރި ގިނަ މަސައްކަތްތަކެއްގެ ތަފްސީލު ހާމަކުރި އެމް.އީ.އީގެ ކުރީގެ ރިޕޯޓްތަކަށް ބާރުދޭ ކަމެކެވެ.

ޚާންގެ ބަޔާނުގައި، 20 މޭ 2024 ގައި އިސްރާއީލުގެ ދެ އިސްވެރިންނާއި ހަމާސްގެ ލީޑަރުން ހައްޔަރުކުރުމުގެ އަމުރަށް އެދުމަށް މަގުފަހިވި ކަންކަން ތަރުތީބުން ތަފްސީލުކޮށް ދެއްވާފައިވެއެވެ. އެއީ އޭނާ ސިފަކުރެއްވި ގޮތުގައި އެކަމަކީ އޮފީހުން ހިންގި މަސްތަކެއްގެ "ވަރަށް ފަރުވާތެރި މަސައްކަތެއް"ގެ ނަތީޖާއެވެ.

މި ކަންކަން ހިނގާފައިވާ ތަރުތީބަށް ބަލާއިރު، ޖިންސީ ގޯނާގެ ތުހުމަތުތައް ޚާންއަށް ފުރަތަމަ އެނގިވަޑައިގަތީ 2 މޭ 2024 ގައި އޭނާގެ ޓީމުގެ މެންބަރުންގެ ފަރާތުންނެވެ.
އެއީ ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރުކުރުމުގެ އަމުރު އިއުލާނުކުރަން އޭނާ ރާވާފައި އޮތް ދުވަހެވެ.

ޖެނޮސައިޑް އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި ޔަހޫދީ ވެރިން ހައްޔަރުކުރުމުގެ އަމުރުތައް ނެރުމަށް ޚާން އަވަސްވެގަތީ އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތައް އެނގުމާ ގުޅިގެންނެވެ.
ނަމަވެސް ޚާންގެ ބަޔާނުގައި އިސްރާއީލުގެ އެ ދޮގުތައް ދޮގުކުރައްވައި، އެއީ "ވަކި މަގްސަދެއް ހާސިލުކުރުމަށް އަމާޒުކޮށްގެން އުފައްދާފައިވާ ދޮގު ވާހަކަތަކެއްގެ" މައްޗަށް ބިނާވެފައިވާ ކަންކަން ކަމަށް ސިފަކުރެއްވިއެވެ.

ޔަހުދީންނާ ޖެހޭ ހިނދު ކޮންމެ މައްސަލައަކީ ބަނީއިސްރާއީލުގެ ގެރިއާއެއް ފަދަ މައްސަލައެކެވެ!

ހިއްސާ ކުރައްވާ!