މިދިޔަ ޖެނުއަރީ މަހުގެ 8 އަދި 9 ވަނަ ދުވަހު އީރާނުގައި ހިނގާދިޔަ ނުރައްކާތެރި ހަމަނުޖެހުންތަކަކީ އެ ގައުމުގެ ވެރިކަން ބަދަލުކުރުމަށް އިޒްރޭލުން އަޑީގައި އޮވެގެން ރޭވި ކަންތައްތަކެއް ކަމަށް ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފިއެވެ. ހުޅަނގުގެ މީޑިއާއިން "ޑިމޮކްރަސީގެ ހަރަކާތްތަކެއް"ގެ ގޮތުގައި ސިފަކުރި މި ހަމަނުޖެހުންތަކުގައި ގާތްގަނޑަކަށް 3000 މީހުން މަރުވެފައިވެއެވެ.
އިޒްރޭލުގެ ޖާސޫސީ އިދާރާ، މޮސާޑުން ބެލި ގޮތުގައި މި ހަމަނުޖެހުންތަކުގެ ސަބަބުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް މަގުފަހިވެގެންދާނެއެވެ. އިޒްރޭލުގެ ޖާސޫސީ އިދާރާތަކުން ވަނީ އީރާނުގެ އިސްވެރިންނަށް އަމާޒުކޮށް ދޭ ހަމަލާތަކެއްގެ ސަބަބުން އިސްލާމީ ޖުމްހޫރިއްޔާގެ ވެރިކަން ވަގުތުން ވެއްޓޭނެ ކަމަށް ޓްރަމްޕަށް ވިސްނައިދީފައެވެ. ޖެނުއަރީ މަހުގެ ހަމަނުޖެހުންތަކަކީ އީރާނުގެ ވެރިކަން ވައްޓާލެވިދާނެ ކަމުގެ ހެއްކެއްގެ ގޮތުގައި ޓްރަމްޕަށް ދައްކާފައިވެއެވެ.

ނިއުޔޯކް ޓައިމްސް އާއި ދަ ގާޑިއަން ފަދަ ހުޅަނގުގެ މީޑިއާއިން ވަނީ އިޒްރޭލުގެ މި އޮޅުވާލުމަށް އެހީތެރިވެދީފައެވެ. މި މީޑިއާއިން ވަނީ ވެރިކަން ވައްޓާލުމަށް ހިންގި އަނިޔާވެރި އަމަލުތަކަކީ އާދައިގެ މުޒާހަރާތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި މަރުވި މީހުންގެ އަދަދު އޮޅުވާލައި، އިޒްރޭލުގެ އެހީތެރިކަމާއެކު ހަރަކާތްތެރިވި މީހުން އަތުން މަރުވި މީހުންގެ ހަގީގަތް ފޮރުވާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ހުޅަނގުގެ މީޑިއާއާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ގަސްދުގައި މި ހަމަނުޖެހުންތަކުގެ ހަގީގަތް އޮޅުވާލާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.





