އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާއި، އެގައުމުގެ މީހުން އެމީހުންގެ ގެދޮރުން ނެރެ ވިއްސިވިހާލި ކުރުމަށް ޔަހޫދީން ހިންގާ ކަންކަމަކީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ހިއުމަންރައިޓްސް ވޮޗްއިން ބުނެފިއެވެ. ލުބުނާންގެ މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރިކަން ހޯދަން ޔަހޫދީން ވަނީ މަޖުބޫރުކޮށްފައެވެ. މިއީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ރެފިއުޖީން ދިރިއުޅޭ ލުބުނާނުގެ އާބާދީގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައެވެ.
ހިއުމަން ރައިޓްސް ވޮޗް އިން ފާހަގަކުރާ ގޮތުގައި، ފާއިތުވި ދެ އަހަރު ދުވަހު ފަލަސްތީނުގެ ސަރަހައްދުތަކުގައި އިސްރާއީލުން މީހުން ބޭރުކުރުމަށް ބޭނުންކުރި އުކުޅުތައް މިހާރު ލުބުނާނުގައި ވެސް ދަނީ ތަކުރާރު ކުރަމުންނެވެ. ވައިގެ ހަމަލާތަކުގެ ބިރު ދައްކައިގެންނާއި އަސްކަރީ އޮޕަރޭޝަންތަކުގެ ތެރެއިން މުޅި އަވަށްތަކާއި ރެފިއުޖީ ކޭމްޕުތައް ހުސްކުރުމަށް އިސްރާއީލުން ދަނީ މަޖުބޫރު ކުރަމުންނެވެ.

އިސްރާއީލުން ނެރެމުންދާ އަމުރުތަކުގެ ސަބަބުން ލުބުނާނުގެ ބިމުގެ 15 އިންސައްތަ ސަރަހައްދެއް ވަނީ ހުސްކުރަން ޖެހިފައެވެ. މީގެ ތެރޭގައި ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކާއި ވެރިރަށް ބެއިރޫތުގެ ދެކުނުގެ ބައެއް ހިސާބުތައް ހިމެނެއެވެ. ގެދޮރު ގެއްލުނު މީހުން ރައްކާތެރިކަން ހޯދަމުންދަނީ ރަށްޓެހިންނާއި ތިމާގެ މީހުންގެ ގޭގައާއި، ސަރުކާރުން ގާއިމުކޮށްފައިވާ ހިޔާވަހިތަކުގައެވެ. އަދި ބައެއް މީހުން ބެއިރޫތުގެ އައްސޭރިފަށުގައި ވަގުތީ ފޭލިގެތައް ޖަހައިގެން ދިރިއުޅެމުންދާއިރު، އެ ސަރަހައްދަށް ވެސް އިސްރާއީލުން ދަނީ ހަމަލާދެމުންނެވެ.
ހަނގުރާމައިގެ ގާނޫނުތައް ބުނާގޮތުން، އަސްކަރީ ގޮތުން ކޮންމެހެން މަޖުބޫރު ހާލަތެއް މެދުވެރިވެގެން ނުވަތަ އާންމުންގެ ސަލާމަތަށް ނޫން ގޮތަކަށް މީހުން ގެދޮރުން ބޭރުކުރުމަކީ މަނާކަމެކެވެ. އަދި މިގޮތަށް ބޭރުކުރާ މީހުންނަކީ ވަގުތީ ގޮތުން ބޭރުކުރާ ބައެއް ކަމުގައި ވާންޖެހޭނެ ކަމަށާއި، ހަމަނުޖެހުންތައް ނިމުމުން އެމީހުންނަށް އެނބުރި އާދެވޭނެ މަގު ފަހިކޮށްދޭން ޖެހޭނެއެވެ.
"ހަނގުރާމައަކީ މީހުންގެ ބިމުން އެމީހުން ބޭރުކުރުމަށް ލިބޭ ހުއްދައެއް ނޫން" ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ބުނެފައިވެއެވެ.
ޣައްޒާގައި ވެސް އިސްރާއީލުން ވަނީ ދެ މިލިއަނެއްހާ މީހުން މަޖުބޫރުން ވަޒަނުން ބޭރުކޮށް، އެމީހުން ކުދިކުދި ސަރަހައްދުތަކަށް ޖަމާކޮށްފައެވެ. މި ނިޒާމުގެ ސަބަބުން އާންމުން ވަނީ ސީދާ ނުރައްކަލުގެ ތެރެއަށް ހުށަހެޅިފައެވެ. މިހާރު ލުބުނާނުގައި ވެސް ފެންނަމުންދަނީ މި ނުރައްކާތެރި އުކުޅުތައް ބޭނުންކުރަމުންދާ މަންޒަރު ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނއެވެ.






