މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު، މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު ހެނދުނު މޫކާއި ހޮޓަލުގައި ބޭއްވި މި ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގަތުމުން އެކަމަނާއަށް ވަނީ ގާޑް އޮފް އޮނަރއެއް އަރުވާފައެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގެ ޚާއްޞަ މެހެމާން، ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި ގާލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރއަށް ވެސް ވަނީ ގާޑް އޮފް އޮނަރއެއް އަރުވާފައެވެ.

މި ޖަލްސާގެ ތެރެއިން 2024 ވަނަ އަހަރުގެ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި މާލީ ބަޔާން އިއްވުން ކުރިއަށް ގޮސްފައިވެއެވެ. މިއީ އެސޯސިއޭޝަންގެ ކުރިމަގުގެ މަސައްކަތްތައް ރޭވުމަށާއި ވޭތުވެދިޔަ އަހަރުގެ މަސައްކަތްތައް ވަޒަންކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

ޖަލްސާގެ ޚާއްޞަ މެހުމާނު، ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި ގާލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ ނިޢުމާތު ޝަފީޤަށް، އެކަމަނާ ކުރައްވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މި ޖަލްސާގައި ވަނީ ޓޯކަން އޮފް އެޕްރިސިއޭޝަނެއް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ އިސްވެރިންނާއި، ގިނަ އަދަދެއްގެ ގައިޑުން ބައިވެރިވެފައިވެއެވެ. މި ޖަލްސާއަކީ ރާއްޖޭގެ ގަރލް ގައިޑް ހަރަކާތް އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ހިއްސާ ކުރައްވާ!