ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 22,000 އަށްވުރެ ގިނަ ކޭސް ދޫކޮށްފިއެވެ.
މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ފެށި މި މަސައްކަތުގެ ދަށުން، ބުރާސްފަތި ދުވަހުގެ ނިޔަލަށް ގްރެޓަރ މާލެ ސަރަޙައްދުގައި ގާއިމްކޮށްފައިވާ މަރުކަޒުތަކުން ޖުމްލަ 22,901 މަސްދަޅު ކޭސް ވަނީ ދޫކޮށްފައެވެ. މި މަސައްކަތަކީ މިނިސްޓްރީއާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
ގްރެޓާ މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރަނީ ރަޖިސްޓްރީ ކުރެވިފައިވާ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ. މި ސަރަހައްދުގައި އެފަދަ 65,230 މީޓަރު ހުރިއިރު، ތަރުތީބުން ކޭސްތައް ދޫކުރުމަށްޓަކައި ޚާއްޞަ ޕޯޓަލެއް މެދުވެރިކޮށް ކޮންމެ ރެއަކު 300 ޓޯކަން ދޫކުރަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރަމުންދަނީ މިފްކޯ މައި މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯމިލް، ގަލޮޅު ދަނޑު އަދި ހެންވޭރު ދަނޑުގައެވެ. ހުޅުމާލެ ފޭސް އެކަކުން ޢުމްރު ޒާހިރު ޢިމާރާތާއި، ޕޮލްކޯ ޓަވަރު އަދި މުޙައްމަދު ޤާސިމް ޕްރީ ސްކޫލުން ކޭސް ދޫކުރާއިރު، ފޭސް ދޭއަކުން ކާމިލްދީދީ ޕްރީ ސްކޫލާއި، ހިޔާ ޓަވަރު 10 އަދި އެމްޕީއެލް ޓަވަރުން ކޭސް ދޫކުރެއެވެ. ވިލިމާލޭގައި މި މަސައްކަތް ކުރިއަށްދަނީ ވެމްކޯ ސައިޓުގައެވެ.
އަތޮޅުތެރޭގެ ރަށްތަކުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްދަނީ އެ ރަށެއްގެ ކައުންސިލްތައް މެދުވެރިކޮށެވެ. މިއަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމްލަ 118,673 ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އަތޮޅުތަކުގެ 56,918 ގޭބިސީއާއި މާލެ ސަރަޙައްދުގެ 61,755 ގޭބިސީ ހިމެނެއެވެ.
މިއީ މި ސަރުކާރުން ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ހަދިޔާއެކެވެ. މިއަހަރުގެ ރަމަޟާން މަހު ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ ސަރުކާރަށް އެއް އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.







