ޗައިނާ ރައްޔިތުން "ވީ އެންމެ އަވަހަކަށް" އިސްރާއީލުން ފޭބުމަށް އަންގައިފި

މެދުއިރުމަތީގައި ޔަހޫދީ ދައުލަތާއި އެމެރިކާއިން ފެށި ޓެރަރިޒަމާ ހެދި ސަލާމަތީ ހާލަތު އިތުރަށް ގޯސްވަމުންދާތީ، އިސްރާއީލުގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުން އެމީހުންގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަމުން ދުރުހެލިވެ، ވަގުތުން ޔަހޫދީ ދައުލަތުން ފޭބުމަށް ނުވަތަ އެނބުރި ޗައިނާއަށް ދިއުމަށް އިސްރާއީލުގައި ހުންނަ ޗައިނާގެ އެމްބަސީން އަންގައިފިއެވެ.

ޗައިނާގެ ދައުލަތުގެ ނިއުސް އެޖެންސީ، ޝިންހުއާއިން އެމްބަސީއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މިޞްރާ ގުޅޭ ތާބާ ބޯޑަރު ހުރަސްކޮށް ޗައިނާގެ ރައްޔިތުން ބޭރުކުރުމުގެ މަސައްކަތް ޗައިނާ ސަރުކާރުން ދަނީ އިންތިޒާމު ކުރަމުންނެވެ.

"އިސްރާއީލަށް އަމާޒުކޮށްދޭ މިސައިލް އަދި ޑްރޯން ހަމަލާތަކުގެ ދާއިރާއާއި، ތަކުރާރުވަމުންދާ މިންވަރާއި، އަދި ހަމަލާތަކުގެ ވަރުގަދަކަން ވަނީ އިތުރުވެފައެވެ.
މީގެ ސަބަބުން މީހުން މަރުވުމާއި މުދަލަށް ގެއްލުންވުން އިތުރުވެފައިވާއިރު، ބޮން އަޅާ ވަގުތު ރައްކާތެރި ތަންތަނަށް ނު ވެއްދުމުގެ ސަބަބުން މީހުންނަށް އަނިޔާވުމުގެ ހާދިސާތައް ވެސް ދަނީ ތަކުރާރުވަމުންނެވެ،" ޝިންހުއާއިން އެމްބަސީއާ ހަވާލާދީ ބުނެފައިވެއެވެ.

މީގެ އިތުރުން، އަދިވެސް އިސްރާއީލުގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުން "ވައިގެ ބަނދަރުތަކާއި، ކަނޑުގެ ބަނދަރުތަކާއި، އިންޖީނުގެތަކާއި، ތެޔޮ ސާފުކުރާ ތަންތަނާއި، އަދި އެހެނިހެން މުހިންމު އުމްރާނީ ވަސީލަތްތަކާއި އަސްކަރީ މަރުކަޒުތަކާ ދުރުގައި ތިބުމަށް" އެމްބަސީން ވަނީ ތަކުރާރުކޮށް ހަނދާން ކޮށްދީފައެވެ.

ހިއްސާ ކުރައްވާ!