ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، އެމެރިކާގެ ނުފޫޒުގަދަ ވިޔަފާރިވެރިޔާ ޅަ އަންހެން ކުދިން ހޯދައިދޭ ދައްލާލް ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވިކަން ބޭޒާރުވުމާ ގުޅިގެން މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ޑރ. ވަހީދުގެ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މި އިސްތިއުފާއާ ގުޅޭގޮތުން ޑރ. ވަހީދު މިހާތަނަށް އާންމުކޮށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ޑރ. ވަހީދަކީ ސައުދީ އަރަބިއްޔާގެ ރެޑް ސީ ގްލޯބަލް ކުންފުނީގެ އެޑްވައިޒަރީ ބޯޑުގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އެމެރިކާގެ ހައުސް އޯވަސައިޓް ކޮމިޓީން އާންމުކުރި 20،000 އަށްވުރެ ގިނަ ފައިލްތަކުން ހާމަވާގޮތުގައި، ޑރ. ވަހީދު ނައިބު ރައީސްކަމާއި ރައީސްކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރުގެ އިތުރުން މަގާމުން ވަކިވެވަޑައިގަތުމަށްފަހުވެސް އެޕްސްޓީންއާ އެކު އީމެއިލް އަދި އެސްއެމްއެސް މެދުވެރިކޮށް މުއާމަލާތް ކުރައްވާފައިވެއެވެ. މި ގުޅުން 2012 ވަނަ އަހަރުން ފެށިގެން ކުރިއަށް ގޮސްފައިވާކަން ލިޔެކިޔުންތަކުން އެނގެއެވެ.
މި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ޑރ. ވަހީދު ވަނީ ރާއްޖޭގެ ސިޔާސީ އަދި މާލީ ކަންކަމުގައި އެޕްސްޓީންގެ ލަފާ ހޯއްދަވާފައެވެ. އޭގެ ތެރޭގައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި، އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ހުށަހެޅުއްވި 4 ބިލިއަން ޑޮލަރުގެ މާލީ މަޝްރޫއަކާ ގުޅޭ ކަންކަން ހިމެނެއެވެ. އެޕްސްޓީން ވަނީ އެއީ އޮޅުވާލުމެއްގެ ގޮތުގައި ސިފަކޮށް، އެކަމުން ދުރުހެލިވުމަށް ޑރ. ވަހީދަށް ލަފާދީފައެވެ.
މީގެ އިތުރުން، ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުންނާއި، ކުރީގެ ރައީސް ޔާމީން އަދި ރައީސް ނަޝީދުގެ ސިޔާސީ ކުރިމަގާ ގުޅޭގޮތުންވެސް ވާހަކަދައްކަވާފައިވެއެވެ. އަދި ރާއްޖޭގެ ރަށެއް ތަރައްގީ ކުރުމުގެ މަޝްރޫއަކާ ގުޅޭ ފީޒިބިލިޓީ ރިޕޯޓެއްވެސް ޑރ. ވަހީދު އެޕްސްޓީންއާ ހިއްސާކުރައްވާފައިވާކަން ފައިލްތަކުން ހާމަވެއެވެ.
Special Envoy Resigns Amid Epstein Revelations and Questions Over His Saudi Red Sea Role
ޑރ. ވަހީދު އެޕްސްޓީންއާ ބައްދަލުކުރައްވާފައިވަނީ 2012 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހަށް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި މައްސަލައިގައި ސަރުކާރުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ރަސްމީ ތަހުގީގެއް ހިންގާނެކަން ނުވަތަ ނޫންކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
ވަހީދަށް ރައީސްކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އިނާޔަތްތަކަށް މިކަމުގެ ސަބަބުން އަސަރުކޮށްފާނެތޯ އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ.







