ކުޅުދުއްފުށި ސިޓީގައި ބިނާކުރުމަށް ނިންމާފައިވާ 2،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް މިނިސްޓަރ އޮފް ހައުސިން، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމެންޓް ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ކުޅުދުއްފުށީގައި ބޭއްވި ޕީއެންސީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ މި މަޝްރޫއު މިހާރު ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފައި ކަމަށެވެ. އަދި އެޗްޑީސީން މިހާރު ދަނީ އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މިއަހަރުގެ ތެރޭގައި އޭގެ މަސައްކަތްވެސް ފަށައި އަދި މި ޔުނިޓުތައް ދޭންޖެހޭ ފަރާތްތައް ހޯދުމަށްޓަކައި އިއުލާންކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދެވޭނެކަމަށް،" މުއްތަލިބު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ކުޅުދުއްފުށީގައި ފެށި ހައުސިން މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 2022 ވަނަ އަހަރުގެ ޖުލައި މަހު ފެށި އެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޑީޕީގެ ކުރީގެ މަޖިލިސް މެންބަރެއްގެ ކުންފުންޏަކާ ކަމަށެވެ. އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 65 މިލިއަން ރުފިޔާ އަދި މަސައްކަތް ކުރިއަށް ދިޔަ ވަރަށް ބަލައި 21 މިލިއަން ރުފިޔާ ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް، 18 މަސް ދުވަސް ފާއިތުވެ ވެރިކަން ބަދަލުވިއިރު ނިމިފައިވަނީ މަސައްކަތުގެ އެންމެ 18 އިންސައްތަ ކަމަށް މުއްތަލިބު ފާހަގަކުރެއްވިއެވެ. މި ސަރުކާރުން އެ ކުންފުންޏާ ވާހަކަދައްކައިގެން މަސައްކަތް ކުރިއަށް ގެންދަން މަސައްކަތް ކުރި ނަމަވެސް، އެއްބަސްނުވުމުގެ ސަބަބުން މިދިޔަ އަހަރުގެ މެދުތެރޭގައި އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މާތް ﷲ އިރާދަފުޅާއެއްކޮށް މިމަސް ތެރޭގައި ނޫނީ އެންމެ ލަސްވެގެން މާޗު މަސް ތެރޭގައި އެޗްޑީސީގެ ފަރާތުން މަސައްކަތް ކުރާނެ ބަޔަކު ހޯދައި، މަސައްކަތް ފެށުމުގެ ހުރިހާކަމެއް ހަމަޖެހިގެންދާނެ،" މުއްތަލިބު ވިދާޅުވިއެވެ.
ކުޅުދުއްފުއްޓަކީ އުތުރުގެ ވެރިރަށް ކަމަށް ސިފަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އުތުރުގެ ގިނަ ރައްޔިތުން ތައުލީމާއި ސިއްހީ ހިދުމަތް ހޯދުމަށް އެ ސިޓީއަށް ބަރޯސާވާ ކަމަށެވެ. އެހެންކަމުން އާބާދީ އިތުރުވަމުންދާ މި ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، އެންމެ ލަސްވެގެން އަންނަ މާޗު މަހުގެ ތެރޭގައި އެޗްޑީސީ މެދުވެރިކޮށް މަސައްކަތް ކުރާނެ ބަޔަކު ހޯދައި، އަމަލީ މަސައްކަތް ފެށުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިގެންދާނެއެވެ.
Minister Says Delayed Khulhudhuhfushi Housing Project Will Restart This Year







