ޖަރުމަނުގެ ސިޔާސީ ބޭފުޅެއް ކަމަށްވާ ކާރިން ޕްރީންގެ ނަން، 2027 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި އެ ގައުމުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރގެ ބަދަލުގައި މަގާމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. މިއީ ޖަރުމަނުގެ ރައީސްކަމަށް ވަޑައިގަންނަވާ ޔަހޫދީ ނަސްލުގެ ފުރަތަމަ އަންހެން ބޭފުޅާ ކަމަށް ވެއްޖެނަމަ، ތާރީޚީ ގޮތުން ބޮޑު މާނައެއް އެކުލެވޭނެ ފިޔަވަޅަކަށް ވާނެއެވެ.
ޕްރީން އުފަންވީ 1964 ވަނަ އަހަރު ނެދަލޭންޑްސްގެ އެމްސްޓެރެޑަމްއަށެވެ. އޭނާގެ ކާބަފައިންނަކީ ހޮލޮކޯސްޓުން ސަލާމަތްވި ޔަހޫދީ އާއިލާއެކެވެ. ދީނީ ގޮތުން ބަލާއިރު އޭނާއަކީ ޔަހޫދީއެއް ކަމަށް ކަނޑައެޅޭ މިންގަނޑުތަކަށް ނުފެތުނު ކަމުގައިވިޔަސް، އޭނާ އަމިއްލައަށް ސިފަކުރައްވަނީ ޔަހޫދީ ތާރީޚަކާއި ފަސްމަންޒަރެއް އޮތް ބޭފުޅެއްގެ ގޮތުގައެވެ. އަދި އޭނާ ބޮޑުވީ ޔަހޫދީ ސަގާފީ މާހައުލެއްގެ ތެރޭގައެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޖަރުމަނުގައި ޔަހޫދީވަންތަކަން ހާމަކުރުމަށް އޭނާގެ އާއިލާއިން އުފުލި ބިރުވެރިކަމުގެ އިހުސާސްތަކަކީ، އޭނާގެ ސިޔާސީ އަދި އަމިއްލަ ވިސްނުން ބައްޓަންކުރުމުގައި ފުން އަސަރުތަކެއް ކުރުވި ކަމެކެވެ.
ޕްރީން ނިސްބަތްވަނީ ކްރިސްޓިއަން ޑިމޮކްރެޓިކް ޔޫނިއަން ސީޑީޔޫ އަށެވެ. އޭނާ މިހާރު ހުންނެވީ ތައުލީމާއި، އާއިލީ އަދި އިޖުތިމާއީ ކަންކަމާ ބެހޭ މިނިސްޓަރުގެ މަގާމުގައެވެ. އޭނާއަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޖަރުމަނުގެ މިނިސްޓްރީއެއްގެ އިސްވެރިޔަކަށް އައި ޔަހޫދީ ނަސްލުގެ ފުރަތަމަ އިންސާނާއެވެ.
މީގެ އިތުރުން، އޭނާގެ ޕާޓީގެ ތެރޭގައި އޮންނަ ޔަހޫދީ ފޯރަމެއްގެ ރިޔާސަތުވެސް އޭނާ ބަލަހައްޓަވައެވެ. މި ފޯރަމަކީ ޔަހޫދީންނާ ދެކޮޅުވެރިވުން ހުއްޓުވުމަށާއި ޔަހޫދީ މުޖުތަމައުތަކާ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރާ ތަނެކެވެ.
ޕްރީން ފާހަގަކުރެވެނީ ލިބަރަލް ޑިމޮކްރަސީގެ ވަރުގަދަ ފާރަވެރިއެއްގެ ގޮތުގައެވެ. އަދި ޖަރުމަނާއި ޔޫރަޕްގައި ހަރުކަށި ފިކުރުތައް އިތުރުވަމުންދާތީ އޭނާ އިންޒާރު ދެއްވައެވެ. ކަނާތު ފިޔައިގެ ހަރުކަށި ޕާޓީއެއް ކަމަށްވާ 'އަލްޓަނޭޓިވް ފޯ ޖާމަނީ' އޭއެފްޑީ އާ ދެކޮޅަށް އޭނާ ވަނީ ވަރަށް ބޮޑަށް އަޑު އުފުއްލަވާފައެވެ. އަދި އެ ޕާޓީ ވެރިކަމަށް އަތުވެއްޖެނަމަ ޖަރުމަނު ދޫކޮށް ދިއުމާ މެދުވެސް ވިސްނަވާފާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޚާރިޖީ ސިޔާސަތަށް ބަލާއިރު، ޕްރީންއަކީ އިސްރާއީލަށް ގުރުބާންވާ ބޭފުޅެކެވެ. ޚާއްޞަކޮށް 2023 އޮކްޓޫބަރު 7 ގެ ހަމަލާތަކަށްފަހު އޭނާ މިކަން ފާހަގަކުރެއްވިއެވެ. ނަމަވެސް ހަމައެއާއެކު، ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލެނބުމުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރައްވައެވެ.
ޕްރީން ދެކެވަޑައިގަންނަވާ ގޮތުގައި، ޔަހޫދީ ފަސްމަންޒަރެއް އޮތް ބޭފުޅަކު ޖަރުމަނުގެ ރައީސްކަމަށް ވަޑައިގަތުމަކީ، ހޮލޮކޯސްޓަށްފަހު އެތައް އަހަރެއް ފާއިތުވެފައިވާއިރު، ޖަރުމަނުންނާއި ޔަހޫދީންގެ ގުޅުން ކުރިއަރާފައިވާ މިންވަރު ރަމްޒުކޮށްދޭ "ވަރުގަދަ ނިޝާނަކަށް" ވާނެއެވެ. ނަމަވެސް އޭނާ ގަބޫލުކުރައްވާ ގޮތުގައި މި ގުޅުން އަދިވެސް "މުޅިން އާދައިގެ ހާލަތަކަށް" ރުޖޫއައެއް ނުވެއެވެ.
![]()






