ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލުގެ ވެރިރަށް ތަލް އަބީބުގައި ހުންނަ އެ ގައުމުގެ މިނިސްޓްރީ އޮފް ޑިފެންސް ގެ މަރުކަޒަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި ކަމަށް އެ ޖަމާއަތުން މިއަދު އިއުލާނުކޮށްފިއެވެ.
ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތަލް އަބީބުގެ މެދުތެރޭގައި ހުންނަ އިސްރާއީލުގެ ހަނގުރާމައާ ބެހޭ ވުޒާރާގެ މަރުކަޒަށް ހަމަލާދީފައިވަނީ "ހާއްސަ މިސައިލްތަކެއް" ބޭނުންކޮށްގެން ކަމަށެވެ. މީގެ އިތުރުން ތަލް އަބީބުގެ އުތުރުގައި ހުންނަ އިސްރާއީލުގެ މިލިޓަރީ އިންޓެލިޖެންސްގެ ޑޮލްފިން ބޭސްއަށް ވެސް އެފަދަ މިސައިލްތަކުން ހަމަލާދީފައިވާ ކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ.

މީގެ އިތުރުން، ލުބުނާނުގެ ދެކުނުގައިވާ ދީރު ސިރްޔާން ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އިސްރާއީލުގެ މާކަވާ ޓޭންކަކަށް ގައިޑެޑް މިސައިލަކުން ހަމަލާދީ އެ ޓޭންކަށް ސީދާ އަމާޒުވެފައިވާ ކަމަށް ވެސް ހިޒްބުﷲ އިން ވަނީ ކަށަވަރުކޮށްދީފައެވެ.






