ދެވަނަ ފަހަރަށް މިސްކިތް އަންދާލާނެ ކަމުގެ އިންޒާރު ދީފި

އޮސްޓްރޭލިއާގެ ސިޑްނީގައި ހުންނަ މިސްކިތަކަށް، އެ މިސްކިތް އަންދާލާނެ ކަމުގެ އިންޒާރު ދީ ސިޓީއެއް ފޮނުވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. މިއީ ފާއިތުވި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި މިސްކިތަށް މިފަދަ އިންޒާރެއް ލިބުނު ދެވަނަ ފަހަރެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ މުސްލިމް މުޖުތަމައުގެ މެދުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ.

ވެސްޓަން ސިޑްނީގެ މެދުތެރޭ ސަރަހައްދެއްގައި ހުންނަ ލަކެމްބާ މިސްކިތަށް ބުދަ ދުވަހުގެ އިރުއޮއްސުނު ވަގުތު ލިބުނު މި ސިޓީގައި، މިސްކިތުގެ ތެރޭގައި މީހުން ނަމާދަށް ތިއްބާ މިސްކިތުގައި ހުޅުޖަހައ ރޯކޮށްލާފައިވާ މަންޒަރު ކުރަހާފައިވެއެވެ. މީގެ އިތުރުން، އެ ސިޓީގައި ނަސްލީ ތަފާތުކުރުންތަކަށް ހިތްވަރުދޭ ބަސްމަގު ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނިއު ސައުތު ވޭލްސް ޕްރިމިއާ ކްރިސް މިންސް ވިދާޅުވީ، އެ ސްޓޭޓަކީ ނަފްރަތާއި ބިރުދެއްކުމަށް ޖާގަ އޮތް ތަނެއް ނޫން ކަމަށެވެ. މިންސް ވަނީ ލަކެމްބާ މިސްކިތް ހިންގާ ލުބުނާން މުސްލިމް އެސޯސިއޭޝަނާ ވާހަކަދައްކަވައި، ސަރުކާރުގެ އެއްބާރުލުން އޮތްކަން ހާމަކުރައްވާފައެވެ.

"މީހުންނަށް ބިރުވެރިކަމެއް ނެތި މިސްކިތްތަކަށް ގޮސް އަޅުކަން ކުރެވެން ޖެހޭނެ. މި މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައި،" ޕްރިމިއާ ވިދާޅުވިއެވެ.

ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، އެ ސިޓީ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޮރެންސިކް ތަހުގީގުތައް ފަށާފައެވެ. މީގެ 10 ދުވަސް ކުރިންވެސް މި މިސްކިތަށް އިންޒާރުގެ ސިޓީއެއް ފޮނުވި މައްސަލައިގައި 70 އަހަރުގެ މީހަކަށް ވަނީ މަރުގެ އިންޒާރު ދިނުމުގެ ދައުވާ އުފުލާފައެވެ.

އޮސްޓްރޭލިއާގައި އިސްލާމްދީނާ ދެކޮޅު އިސްލާމޯފޯބިއާ ހަރަކާތްތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

އިސްލާމޯފޯބިއާ ރެޖިސްޓާ އޮސްޓްރޭލިއާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ޑިސެމްބަރު މަހު ބޮންޑައިގައި ހިނގި ޓެރަރިސްޓް ހަމަލާއަށްފަހު، މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލުތައް ވަނީ 740 އިންސައްތަ އިތުރުވެފައެވެ.

އޮސްޓްރޭލިއަން ނޭޝަނަލް އިމާމްސް ކައުންސިލުން ބުނެފައިވަނީ، މުސްލިމް މުޖުތަމައުން ބަލައިނުގަންނަ އަނިޔާވެރި އަމަލުތަކާ އެ މުޖުތަމައު ގުޅުވައިގެން، ނުހައްގުން ފާރަވެރިވެ ދަތިކުރަމުންދާ ކަމަށެވެ.

ހިއްސާ ކުރައްވާ!