އިންޑިއާގެ ރިލަޔަންސް އިންޑަސްޓްރީޒް އިން ވެނެޒުއޭލާގެ 2 މިލިއަން ފީފާ ސާފުނުކުރާ ތެޔޮ ގަނެފިއެވެ. މިއީ ގާތްގަނޑަކަށް އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އެ ކުންފުނިން ވެނެޒުއޭލާއިން ތެޔޮ އެތެރެކުރާ ފުރަތަމަ ފަހަރެވެ.
ވިޔަފާރީގެ މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި، ރިލަޔަންސް އިން މި ތެޔޮ ގަނެފައިވަނީ ދުނިޔޭގެ މަޝްހޫރު ޓްރޭޑިންގ ކުންފުންޏެއް ކަމަށްވާ ވިޓޯލް މެދުވެރިކޮށެވެ. މި ތެޔޮ ޝިޕްމަންޓް އޭޕްރީލް މަހުގެ ތެރޭގައި އިންޑިއާއަށް ފޯރާނެ ކަމަށް ބެލެވެއެވެ.
މި މުއާމަލާތް ހިނގާފައި މިވަނީ ވެނެޒުއޭލާގެ ތެޔޮ މާކެޓްކޮށް ވިއްކުމުގެ ހުއްދަ އެމެރިކާއިން ވިޓޯލް އަދި ޓްރެފިގޫރާ ފަދަ ކުންފުނިތަކަށް ދިނުމާ ގުޅިގެންނެވެ. މިއީ އެމެރިކާ އިން އެގައުމުގެ ރައީސް ވަގަށް ނެގި އަސްކަރީ އޮޕަރޭޝަނަކަށްފަހު އެ ގައުމުގެ ސިޔާސީ މަސްރަހަށް އައި ބަދަލުތަކާއެކު، އިންތިގާލީ ލީޑަރު ޑެލްސީ ރޮޑްރިގޭޒްއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ނިންމި ނިންމުމެކެވެ.
ދުނިޔޭގެ އެންމެ ބޮޑު ރިފައިނިންގ ކޮމްޕްލެކްސް ހިންގާ ރިލަޔަންސް އިން މި ތެޔޮ ގަނެފައިވަނީ އައި.ސީ.އީ ބްރެންޓްގެ އަގަށްވުރެ ފީފާއަކުން ގާތްގަނޑަކަށް 6.5 އާއި 7 ޑޮލަރާ ދެމެދުގެ އަގު ހެޔޮކޮށެވެ. މިއީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އަހަރުތަކެއް ވަންދެން ބަންދުވެފައި އޮތް ވިޔަފާރީގެ މަގުތައް އަލުން ހުޅުވިގެންދާކަމުގެ ނިޝާނެކެވެ.
މި މުއާމަލާތުން ދޭހަވަނީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަ ބަދަލުތަކާއެކު، ތެޔޮ ހޯދާނެ އެކި މަގުތައް އިތުރުކުރުމަށް އިންޑިއާއިން ބާރުއަޅަމުންދާ މިންވަރެވެ.







