އިންޑިއާގެ ބޮޑުވަޒީރު މޯދީ މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އައު އުސްމިންތަކަކަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މެލޭޝިޔާއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިސްތިރާތީޖީ ގުޅުން އިތުރަށް ވަރުގަދަވެ، ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދިޔަ ދަތުރުފުޅެއް ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ ސެކްރެޓަރީ (އީސްޓް) ޕީ. ކުމާރަން ވިދާޅުވީ، މޯދީގެ މި ދަތުރުފުޅުގެ ސަބަބުން އެކި ދާއިރާތަކުން އަމަލީ ގޮތުން ފެންނަން ހުރި ފައިދާތަކެއް ދެ ގައުމަށްވެސް ލިބިގެންދާނެ ކަމަށެވެ.

 ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީއާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ މެލޭޝިޔާގެ "ސެރީ ޕެރްދާނާ" ގައި ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. މިގޮތުން ވިޔަފާރި، އިންވެސްޓްމަންޓް، ދިފާއީ އަދި ސަލާމަތީ ކަންކަމުގެ އިތުރުން ޑިޖިޓަލް އަދި ފައިނޭންޝަލް ޓެކްނޮލޮޖީ، އިއާދަކުރަނިވި ހަކަތަ، ތައުލީމް، ސިއްހީ ދާއިރާ، ސަގާފަތް އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުވުމުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ސެމީކޮންޑަކްޓަރ، ސިއްހީ ދާއިރާ، ސަލާމަތީ ކަންކަން، މަސައްކަތްތެރިކަމުގެ ތަމްރީނު، ކާރިސާތަކުން ރައްކާތެރިވުން، ސޯޝަލް ސެކިއުރިޓީ އަދި އޯޑިއޯ-ވިޝުއަލް ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ. މީގެ އިތުރުން އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގައި ގުޅިގެން މަސައްކަތް ކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.

ޕީ. ކުމާރަން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" މެލޭޝިޔާގެ ފައިސާ ދެއްކުމުގެ ނިޒާމާ ގުޅުވައިލުމުގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ. މި ނިޒާމު ގާއިމުވުމުން މެލޭޝިޔާގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނަށާއި ދެ ގައުމަށް ދަތުރުކުރާ ފަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައިވެސް ދެ ގައުމުން ގުޅިގެން ވަރުގަދަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން މައުލޫމާތު ބަދަލުކުރުމާއި، ދެ ގައުމުގެ ގުޅިފައިވާ ވޯކިންގ ގްރޫޕްތަކުގެ ޒަރީއާއިން ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ވަނީ އެއްބަސްވެފައެވެ.

ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅަކީ އިންޑިއާއާއި މެލޭޝިޔާގެ ދެމެދުގައި އޮތް "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ޕާޓްނަޝިޕް" އައު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

 

 

ހިއްސާ ކުރައްވާ!