އިސްރާއީލުގެ ޓެރަރިސްޓް ހަމަލަތަކަށް ރައްދު ހަމަލަ ދިނުމަށް އީރާނުން ދެމުންދާ ކާމިޔާޞު ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ބެން ގޫރިއަން އެއާޕޯޓު ވަނީ ބަންދު ކޮށްފައެވެ. އޭގެ ބަދަލުގައި ޔަހޫދީން ދަނީ ޖޯޑަންގެ އަގަބާ އެއާޕޯޓު ބނުން ކުރަމުންނެވެ. އަދި މިސްރުގެ ތާބާގެ މަގުން މިސްރަށް ވަދެ އެހެން ގައުމުތަކަށް ދަތުރު ކުރަމުންނެވެ. ނަމަވެސް، މިހާރު މި ދެ ގައުމުން ވެސް ވަނީ އިސްރާއީލުގެ ދަތުރުވެރިންނަށް ހުރަސްތައް ކުރިމަތިކުރަން ފަށާފައެވެ.
ޚާއްޞަކޮށް އިސްރާއީލުގެ "އަރްކިއާ" އެއާލައިނުން ޔޫރަޕްގެ ކުންފުނިތަކުން ބޯޓު ކުއްޔަށް ހިފައިގެން ޗާޓަރު އުސޫލުން ދަތުރުވެރިން އަގަބާ އަދި ތާބާ އެއާޕޯޓަށް އުފުލައި، އެތަނުން އެއްގަމު މަގުން އިސްރާއީލަށް މީހުން ގެންދިއުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.

މިދިޔަ އާދީއްތަ ދުވަހު ޖޯޑަންގެ ކަމާބެހޭ ފަރާތްތަކުން ވަނީ "އަރްކިއާ" އެއާލައިނުން ޗާޓަރު އުސޫލުން ކުރާ ދަތުރުތައް ކުއްލި ގޮތަކަށް ހުއްޓުވާފައެވެ. ޖޯދަން އިން ބޭނުން ވަނީ އިސްރާއީލުގެ ކުންފުނިތަކުން ޖޯޑަންގެ އެއާލައިންތައް ބޭނުންކުރުމަށް މަޖުބޫރުކުރުވާ ށެވެ. އަދި އެ ގައުމުގެ ވައިގެ ދާއިރާއަށް ލިބެމުންދާ ގެއްލުންތައް ފޫބެއްދުމަށް ފިޔަވަޅު އަޅާށެވެ.
ޖޯޑަންގެ މި ނިންމުމުގެ ސަބަބުން "އަރްކިއާ" އެއާލައިން ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ. އެ ކުންފުނިން ބުނާ ގޮތުގައި ޖޯޑަންގެ އެއާލައިންތައް ބޭނުންކުރުމަކީ މާލީ ގޮތުން ބޮޑު ބުރައެއްގެ އިތުރުން، ސަލާމަތީ ގޮތުން ވެސް އޮތް ނުރައްކަލެކެވެ. ސަބަބަކީ އިސްރާއީލުގެ ސިފައިންނާއި ސަލާމަތީ ބާރުތަކުގެ މީހުން އަރަބި ގައުމުތަކުގެ އެއާލައިންތަކުގައި ދަތުރުކުރުމަކީ މަނާ ކޮށްފައިވާ ކަމަކަށް ވާތީއެވެ.
މި މައްސަލަ ބޮޑުވެ، ޔަހޫދީ ދަތުރުވެރިންގެ މެދުގައި ބޮޑު ހާސްކަމެއް އުފެދިފައި ވެއެވެ. އަދި "އަރްކިއާ" އިން މިހާރު ވަނީ ޖޯޑަންގެ އެއާޕޯޓުތައް މެދުވެރިކޮށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. މިއީ އިސްރާއީލަށް ކުރިމަތިވެފައިވާ ބައިނަލްއަގުވާމީ އެކަހެރިކަމާއި، ސަރަހައްދީ ގޮތުން ކުރިމަތިވަމުންދާ ފިއްތުންތަކުގެ ބޮޑުކަން ހާމަކޮށްދޭ ކަމެކެވެ.
މިސްރުންވެސް ވަނީ ތާބާ އިން ލައިގެން މިސްރަށް ވަންނަ ޔަހޫދީން އަތުން ކުރިން ނަގާ 60 ޑޮލަރުގެ ބަދަލުގައި މިހާރު 120 ޑޮލަރު ނަގަން ފަށާފައެވެ. މިއާ ޚިލާފަށް ފަލަސްޠީނު މީހެއްގެ އަތުން އެތައް ހާސް ޑޮލަރެއް މިސްރަށް ވަނުމަށް ނަގައެވެ.





