ލުބުނާނުގެ ހިޒްބުالله ޖަމާއަތުގެ އަސްކަރީ ގާބިލުކަމާ މެދު އިޒްރޭލުގެ ސިފައިންގެ އުތުރުގެ ކޮމާންޑްގެ ކޮމާންޑަރު ރާފީ މިލޯ ދެއްކި ވާހަކަތަކާ ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަރަށް ބޮޑަށް ރުޅިފަދަވެއްޖެއެވެ. މިކަން ހާމަވެފައިވަނީ އާދީއްތަ ދުވަހުގެ ރޭ ބޭއްވި އިޒްރޭލުގެ ސަލާމަތީ ކެބިނެޓް ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މިރީ ރެގޭވް ވަނީ، 'އޮޕަރޭޝަން ނޮދަން އެރޯސް' އަށް ފަހު ހިޒްބުاللهގެ ގާބިލުކަމާ މެދު އިޒްރޭލު ސިފައިން ހައިރާންވާ ކަމަށް ބުނެ ނޮދަން ކޮމާންޑްގެ ކޮމާންޑަރު ދެއްވި ބަޔާނާ ގުޅޭގޮތުން ސިފައިންގެ މަންދޫބުންނާ ސުވާލު ކޮށްފައެވެ. މިކަން އެނގޭ ފަރާތްތަކުން ޔަހޫދީ މީޑިއާގައި ބުނާ ގޮތުގައި މި ސުވާލާ އެކު ނަތަންޔާހޫ ވަނީ މޭޒުމަތީގައި ބާރަށް އަތްޖަހައި އަވަގުރާނަ ގޮވަމުން "ޖެނެރަލުން ބަޔާންތައް ދޭން ފެށީ ކޮން އިރަކު؟" ހޭ އަހައި ހޭ ދައިވެގެން ހަޅޭއްލަވާފައެވެ.
އެ ވާހަކައިގެ ރައްދުގައި މި ބައްދަލުވުމުގައި އިޒްރޭލުގެ ޗީފް އޮފް ސްޓާފް އިއާލް ޒާމިރު ވަނީ ހިޒްބުاللهގެ ހަނގުރާމަވެރިންގެ ފެންވަރު ދަށްކަމުން ހައިރާންވާ ކަމަށް ބުނެ މަސްރަހު ފިނިކުރަން މަސައްކަތް ކޮށްފައެވެ. އޭނާ ފާހަގަކުރި ގޮތުގައި ހިޒްބުاللهގެ ހަނގުރާމަވެރިންގެ ކިބައިގައި ހިތްވަރެއް ނެތެވެ. އަދި އެމީހުންގެ ހަނގުރާމަ ކުރުމުގެ ގާބިލުކަން ހީކުރި ވަރަށް ވުރެ ދަށެވެ.
މީގެ އިތުރުން ޒާމިރު ބުނީ ހިޒްބުاللهގެ އެންމެ ވަރުގަދަ ލަޝްކަރު ކަމަށް ބެލެވޭ "ރިޒްވާން ފޯސް" އަކީ ކުރިން ހީކުރިހާ ނުރައްކާތެރި ބައެއް ނޫނެވެ.





