އަރަބިން ޑރ. ހުސާމް އަބޫ ސަފިއްޔާ މަތިން ހަނދާން ނައްތާލައިފި

އިސްރާއީލުގެ ކަނީސަތުން ފަލަސްޠީނުގެ ރަހީނުންނާއި އަސިރުންނަށް މަރުގެ އަދަބު ދިނުމުގެ ގާނޫނު ފާސްކުރުމާ ގުޅިގެން، އިސްރާއީލުން ވަގްށް ނަގާފައިވާ ޑޮކްޓަރު ޙުސާމް އަބޫ ސަފިއްޔާގެ އާއިލާގެ ކަންބޮޑުވުން އިތުރުވެއްޖެއެވެ. ޚާއްޞަކޮށް، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭނާ ވަގަށް ނެގި ފަހުން މެދުނުކެނޑި ކުރަމުންދާ އަނިޔާތަކުގެ ސަބަބުން އޭނާގެ ސިއްހީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ޑރ. އަބޫ ސަފިއްޔާގެ ކޮއްކޮ މުޙައްމަދު އަބޫ ސަފިއްޔާ ބުނި ގޮތުގައި، ބަލިމީހުން ޔަހޫދީންނަށް ދޫކޮށްލަން ދެކޮޅު ހަދައި ސާބިތުކަން ދެއްކުމުގެ ސަބަބުން، އަލަށް ފާސްކުރި ގާނޫނުގެ ދަށުން އޭނާގެ ބޭބެގެ ކިބައިން ބަދަލުހިފައި މަރުގެ އަދަބު ދީފާނެތީ އާއިލާއިން ބިރުގަނެއެވެ.

މުޙައްމަދު ބުނި ގޮތުގައި، ޑޮކްޓަރުގެ ސިއްހީ ހާލަތު ވަނީ ނުރައްކާތެރި ދަރަޖައަކަށް ގޯސްވެފައެވެ. އަނިޔާކުރުމުގެ ސަބަބުން އޭނާގެ މޭކަށިގަނޑުގެ ހަތަރު ތަނަކުން ބިންދައިގެން ގޮސްފައި ވެއެވެ. އަދި ބަނޑަށް ޖެއްސުމާއި އަނިޔާކުރުމުގެ ސަބަބުން ބަރުދަނުން 40 ކިލޯ ވަނީ ލުއިވެފައެވެ. މީގެ އިތުރުން އޭނާގެ ފެނުންވެސް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ.

އާއިލާއަށް އޭނާގެ މިހާރުގެ ހާލަތެއް ނޭނގެއެވެ. މުޙައްމަދު ބުނި ގޮތުގައި އިސްރާއީލުން އޭނާއަކީ "ޣައިރު ގާނޫނީ ހަނގުރާމަވެރިއެއް" ކަމަށް ބެލި ނަމަވެސް، އޭނާ ވަގަށް ނެގީ އަސްކަރީ މަރުކަޒަކުން ނޫނެވެ. އޭނާ ހައްޔަރުކުރީ ހޮސްޕިޓަލެއްގައި ޑޮކްޓަރެއްގެ ވާޖިބު އަދާކުރަން ހުއްޓައެވެ. އޭނާގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތެވެ.

ޚާން ޔޫނިސްގައި ހުރެ ދިން ވީޑިއޯ މެސެޖެއްގައި މުޙައްމަދު އިތުރަށް ބުނީ، އިސްރާއީލުން މި ގާނޫނު ތަންފީޒުކުރުމުގައި ދުނިޔޭގެ އިހުސާސްތައް ހުރި ގޮތް ބަލަމުންދާ ކަމަށާއި، ނަމަވެސް ޑޮކްޓަރު އަބޫ ސަފިއްޔާ ސަލާމަތްކުރުމަށް އަރަބިންނާއި ދުނިޔެއިން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި އަބޫ ސަފިއްޔާ ވަގަށް ނެގީ 2024 ޑިސެމްބަރު 27 ގެ ފަތިހު އިސްރާއީލު ސިފައިން އެ ހޮސްޕިޓަލަށް ވަދެގަނެ، ބަލިމީހުންނާއި މުވައްޒަފުން ނެރުމަށްފަހު ހޮސްޕިޓަލުގެ ބައެއް ތަންތަނުގައި ހުޅުޖެހުމަށްފަހުއެވެ. އޭނާ ގެންދިޔައީ ޑޮކްޓަރުންގެ ހުދު ޔުނީފޯމުގައި ހުއްޓައެވެ.

އޭނާގެ ބަންދުގެ މުއްދަތު އެތައް ފަހަރަކު އިތުރުކޮށްފައިވެއެވެ. އަދި އެންމެ ފަހުން 2025 އޮކްޓޯބަރު 16 ގައި ވަނީ އިތުރު 6 މަސްދުވަހަށް ބަންދު އިތުރުކޮށްފައެވެ. އިސްރާއީލުން އޭނާ ސިފަކުރަނީ "ޣައިރު ގާނޫނީ ހަނގުރާމަވެރިއެއް"ގެ ގޮތުގައެވެ.

ޑރ. އަބޫ ސަފިއްޔާއަކީ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއްގެ ގޮތުގައި ދުނިޔެއަށް ނަން މަޝްހޫރުވި ބޭފުޅެކެވެ. އޭނާ ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑައިރެކްޓަރުކަމާ ހަވާލުވީ 2024 ފެބްރުއަރީގައެވެ. އެއީ އިސްރާއީލުގެ ހަމަލާތަކާއި ހިސާރުގެ ސަބަބުން ޣައްޒާގެ ސިއްހީ ނިޒާމު އިނދަޖެހެމުންދިޔަ ދަނޑިވަޅެކެވެ.

އިންސާނީ ޚިދުމަތުގެ ބަދަލުގައި އޭނާއަށް ވަނީ ބޮޑެތި ގުރުބާނީތަކެއް ވާންޖެހިފައެވެ. އޭނާ ހައްޔަރުކުރުމުގެ އިތުރުން، 2024 އޮކްޓޯބަރު 26 ގައި އިސްރާއީލުން ހޮސްޕިޓަލް ކައިރިއަށް ދިން ހަމަލާއެއްގައި އޭނާގެ ދަރިފުޅު އިބްރާހީމް ވަނީ ޝަހީދުވެފައެވެ. އަދި ހޮސްޕިޓަލަށް ދިން އެކި ހަމަލާތަކުގައި އޭނާއަށްވެސް ވަނީ އަނިޔާވެފައެވެ.

ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ދިނުމުގެ ގާނޫނު ޔަހޫދީ ރެޖީމުން ފާސްކުރީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. މި ގާނޫނު ފާސްވީ 62 ޔަހޫދީ ހަރުކަށި ޓެރަރިޒަމަށް ވާގިވެރިވާ ކައްޓަރު ޔަހޫދީ މެންބަރުންގެ ތާއީދާއެކުގައެވެ.

މި ގާނޫނު އޮތްގޮތުން، ޔަހޫދީ މީހަކު މަރާލާ ކޮންމެ ފަލަސްތީނު މީހަކަށް މަރުގެ އަދަބު ދޭނެއެވެ. ނަމަވެސް، ފަލަސްތީނު މީހަކު ޝަހީދުކޮށްލާ ޔަހޫދީއަކަށް އެއްވެސް އަދަބެއް ނޯންނާނެއެވެ.

ޔަހޫދީ ރެޖީމަކީ މެދުއިރުމަތީގައި އެމެރިކާގެ ޕްރޮކްސީ އެކެވެ. މިއީ އިންސާނީ ތާރީޚުގައި އެންމެ ގިނައިން ޖަރީމާ ހިންގާފައިވާ މަލްއޫނު ދައުލަތެވެ.

ހިއްސާ ކުރައްވާ!