ޔަހޫދީ ރެޖީމުން 10 މިނެޓް ތެރޭ ލުބުނާނުގެ 100 އަށްވުރެ ގިނަ ތަނަށް ހަމަލާދީ ބޮޑު ގަތުލުއާންމެއް ހިންގައިފި

އިސްރާއީލުގެ ޔަހޫދީ ރެޖީމު ގެ ޖެނޮސައިޑް ސިފައިން ލުބުނާނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، އެންމެ 10 މިނެޓް ތެރޭގައި 100 އަށްވުރެ ގިނަ ތަނަށް ބޮން އަޅައި ބޮޑު ގަތުލުއާންމެއް ހިންގައިފިއެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން ޔަހޫދީން ލުބުނާނަށް ދިން އެންމެ ވަރުގަދަ އަދި އެންމެ ނުރައްކާތެރި ހަމަލާތައް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔަހޫދީ ޖެނޮސައިޑް ސިފައިން ބުނި ގޮތުގައި މި ހަމަލާތައް އަމާޒުކޮށްފައިވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ އިތުރުން ބަގާޢު ވާދީ އަދި ދެކުނު ލުބުނާނުގެ އެކި ސަރަހައްދުތަކަށެވެ. މި ހަމަލާތަކުގައި ހިޒްބުﷲގެ ކޮމާންޑް ސެންޓަރުތަކާއި، އަސްކަރީ އޮނިގަނޑުތަކާއި، ރޮކެޓް ސިސްޓަމްތަކުގެ އިތުރުން ޑްރޯން އޮޕަރޭޓްކުރާ މަރުކަޒުތަކަށް އަމާޒުކޮށްފައިވާ ކަމަށް ޔަހޫދީން ދައުވާ ކުރެއެވެ. މި ހަމަލާއަކީ ހަފްތާތަކެއް ވަންދެން ރޭވިގެން ދިން ހަމަލާއެއް ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

ލުބުނާނުގެ ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވި ގޮތުގައި، ޔަހޫދީންގެ މި އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ލުބުނާނުގެ އެކި ކަންކޮޅުތަކުން ސަތޭކައަށްވުރެ ގިނަ މީހުން ޝަހީދުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން މިއަދު ހެނދުނު ދެކުނު ލުބުނާނުގެ ޞޫރު ސިޓީގެ އައްބާސިއްޔާ ސަރަހައްދުގައި ހުރި އިމާރާތަކަށްވެސް ވަނީ ވައިގެ ހަމަލާއެއް ދީފައެވެ.

ޔަހޫދީ ސިފައިން ވަނީ ޞޫރު ސިޓީގެ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ވަގުތުން ގެދޮރު ދޫކޮށް ޒަހްރާނީ ކޯރުގެ އުތުރަށް ދިއުމަށް އިންޒާރު ދީފައެވެ.

ލުބުނާނުގެ ދެކުނުގެ އަވަށްތަކެއް ކަމަށްވާ ޞަރީފާ އަދި އައްޝަރްޤިއްޔާ ސަރަހައްދަށްވެސް ޔަހޫދީންގެ ހަނގުރާމަމަތީ ބޯޓުތަކުން ދަނީ ހަމަލާދެމުންނެވެ. މި ހަމަލާތަކާ އެކު ލުބުނާނާއި އިސްރާއީލު ގުޅޭ ބޯޑަރު ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ލުބުނާންގެ ބޮޑު ވަޒީރު ސަލާމާ ވިދާޅުވަނީ ލުބުނާނަށް ހަމަލަތައް ހުއްޓުމެއް ނެތް ކަމަށެވެ.

ހިއްސާ ކުރައްވާ!