ޔަހުޔާ ސިންވާރު ފެށި ހަނގުރާމައިން މިހާތަނަށް ޔަހޫދީ ރެޖީމަށް 112 ބިލިއަން ޑޮލަރުގެ ގެއްލުން

އީރާނާ ދެކޮޅަށް ކުރަމުންދާ ސޮލީބީ ސަހުޔޫނީ ހަނގުރާމަ ދިގުލައިދިއުމާއެކު، އިސްރާއީލުގެ އިގްތިސާދީ ކާރިސާ ދަނީ ބޮޑުވަމުންނެވެ.

ބޭންކް އޮފް އިސްރާއީލުން އަންދާޒާކުރާ ގޮތުގައި، ޣައްޒާ އަދި ލުބުނާނު ހަނގުރާމައިގެ ސަބަބުން ލިބުނު ނުސީދާ ގެއްލުންތައް 2024 އާއި 2025 ވަނަ އަހަރާ ދެމެދު 57 ބިލިއަން ޑޮލަރަށް އަރާނެއެވެ. އަދި 2023 އޮކްޓޫބަރުން ފެށިގެން އަސްކަރީ އޮޕަރޭޝަންތަކަށް ހިނގި ސީދާ ޚަރަދު ވަނީ 112 ބިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސްފައެވެ.

މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅޭގޮތުން ކަލްކަލިސްޓް ނޫހުން އަންދާޒާކުރާ ގޮތުގައި، ފާއިތުވި 38 ދުވަހުގެ ތެރޭގައި ޔަހޫދީ ރެޖީމުން ވަނީ 15 ބިލިއަން ޑޮލަރު ޚަރަދު ކޮށްފައެވެ. މީގެ އިތުރުން، އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން ވަނީ ޚަރަދުތައް ފޫބެއްދުމަށް އިތުރު 12 ބިލިއަން ޑޮލަރަށް އެދިފައެވެ.

މި ބުރައިގެ ސަބަބުން، 2024 އިން ފެށިގެން ކުރަމުންދާ ހަނގުރާމަތަކުގެ ޚަރަދުގެ ގޮތުގައި އިސްރާއީލުގެ ކޮންމެ އާއިލާއަކަށް ގާތްގަނޑަކަށް 33،000 ޑޮލަރު ޖެހެއެވެ.
ހަމައެއާއެކު، މުހިންމު ދާއިރާތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
އިސްރާއީލް އިނޮވޭޝަން އޮތޯރިޓީން ބުނާގޮތުގައި، ޓެކްނޮލޮޖީ ކުންފުނިތަކުގެ 87% އަށް އުފެއްދުންތައް ތަރައްގީކުރުމުގައި ލަސްތަކެއް ކުރިމަތިވެފައިވާއިރު، 71% ކުންފުނިތަކަށް ފަންޑު ހޯދުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި 10% ކުންފުނިތަކުން ވަނީ މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާފައެވެ.

އިމާރާތްކުރުމުގެ ދާއިރާއަށް ބަލާއިރު، ފަލަސްތީނުގެ މަސައްކަތްތެރިން ވަނުން މަނާކުރުމާ ގުޅިގެން 150،000 މަސައްކަތްތެރިންގެ ތަދުމަޑުކަމެއް ވަނީ އުފެދިފައެވެ.
މީގެ ސަބަބުން ގޭބިސީތަކުގެ ވިޔަފާރި 35% އަށް ވަނީ ދަށަށް ގޮސްފައެވެ.
މީގެ އިތުރުން، މުދަލަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމަށް 26،000 ހުށަހެޅުން ލިބިފައިވާއިރު، އޭގެ އަގު 450 މިލިއަން ޑޮލަރަށް އަރައެވެ.

ޣައްޒާގައި ވަސީލަތްތައް ހުސްވަމުންދިއުމާއި އީރާނާއެކު އާ ކުރިމަތިލުމެއް ފެށުމުގެ ސަބަބުން، އިސްރާއީލުގެ އިގްތިސާދު ވަނީ ނުރައްކާތެރި އިމްތިހާނެއްގެ ކުރިމަތީގައެވެ.
އަދި މި ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ލޮޅުންތަކުން އަރައިގަތުމުގެ ގާބިލުކަން ކުޑަވަމުންދާކަމުގެ ނިޝާންތައް ވެސް އިސްރާއީލުން ފެންނަ ކަމަށް ބެންކު އޮފް އިސްރާއީލުން ބުނެއެވެ.

ހިއްސާ ކުރައްވާ!