ފިކުރެއް ނެތި އެއް ދުވަހެއްގައި 3 ނޫސްވެރިން ޝަހީދު ކޮށްލަން ކެރޭނީ ޔަހޫދީންނަށް

އިސްރާއީލުގެ ޔަހޫދީ ރެޖީމުން އިއްޔެ ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާތަކެއްގައި ތިން ނޫސްވެރިއަކު ޝަހީދުކޮށްލައިފިއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ލުބުނާނަށާއި ފަލަސްތީނުގެ ޣައްޒާ އަށެވެ.

ލުބުނާނަށް ދިން ހަމަލާތަކުގައި ޝަހީދުވެފައިވަނީ އަލްމަނާރު ޓީވީގެ ރިޕޯޓަރު ސޫޒަން ޚަލީލް އާއި ސައުތުލް ފަރަޙަ ރޭޑިއޯގެ ނޫސްވެރިއެއް ކަމަށްވާ ޣާދާ އައްދައިކް އެވެ. މި ދެ ނޫސްވެރިން ޝަހީދު ކޮށްފައި ވަނީ ލުބުނާނުގެ އެކި ސަރަހައްދުތަކަށް ޖެނޮސައިޑް ހިންގާ ޔަހޫދީން ދިން ރަހުމުކުޑަ ވައިގެ ހަމަލާތަކުގައެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ޣައްޒާގައި މަސައްކަތް ކުރަމުންދިޔަ އަލްޖަޒީރާގެ ނޫސްވެރިއެއް ކަމަށްވާ މުހައްމަދު ވިޝާހް ވެސް ވަނީ އިއްޔެ ޝަހީދުކޮށްލާފައެވެ. އޭނާ ޝަހީދު ކޮށްފައި ވަނީ ޣައްޒާގައި ދުއްވާފައި ދިޔަ އޭނާގެ އުޅަނދަށް ޔަހޫދީންގެ ޑްރޯން ހަމަލާއެއް އަމާޒުވުމުގެ ސަބަބުންނެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ މި ހަމަލާތަކަކީ ހަގީގަތް ފޮރުވުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އަމަލުތަކެކެވެ. އެއްވެސް ފިކުރެއް ނެތި އެއް ދުވަހެއްގެ ތެރޭގައި ތިން ނޫސްވެރިން ޝަހީދުކޮށްލުމަކީ ޔަހޫދީންގެ ޓެރަރިޒަމްގެ ބިރު އިންސާނިއްޔަތަށް އޮތް މިންވަރު ހާމަވާ ކަމެކެވެ.

ހިއްސާ ކުރައްވާ!