އިސްރާއީލާއެކު އޮންނަ އެއްބަސްވުން މެދުކަނޑާލުމުގެ އިޝާރާތެއް ފަރަންސޭސިވިލާތުން ދީފި، ޖަރުމަނުން ވެސް އިންޒާރު ދެނީ

ޔަހޫދީ ރެޖީމްގެ ޖަރީމާތަކާ ހެދު ނޮހޮރޮއްޕާނަކަށް ވެގެން ޔޫރަޕުން ޔަހޫދީ ދައުލާ މެދު ފިޔަވަޅު އަޅަން ވިސްނަން ފަށައިފިއެވެ. ޔަހޫދީ ޖެނޮސައިޑް ރެޖީމުން ލުބުނާނަށް ދެމުންދާ ވަރުގަދަ ހަމަލާތަކާއި، ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ ލަޓޯފަޓޯ ވަޒަންވެރިން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން، ވިލާތުގެ އިއްތިހާދާއި އިސްރާއީލާ ދެމެދު އޮންނަ ޕާޓްނަޝިޕް އެއްބަސްވުން މެދުކަނޑާލުމުގެ ވަގުތު ޖެހިއްޖެކަމަށް ފަރަންސޭސިވިލާތުން ބުނެފިއެވެ.

ފަރަންސޭސި ޚާރިޖިއްޔާގެ ތަރުޖަމާނު ޕާސްކަލް ކޮންފާވްރޯ ބުރާސްފަތި ދުވަހު ވިދާޅުވީ، މަސްރަހު މިހާރު އޮތް ނުރައްކާތެރި ހާލަތަށް ބަލާއިރު، 2000 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ އިއްތިހާދާއި ޔަހޫދީ ދައުލަތުގެ އެއްބަސްވުން މެދުކަނޑާލުމާ މެދު އަލުން މަޝްވަރާ ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އިސްރާއީލަށް އަމިއްލަ ނަފްސު ދިފާއުކުރުގެ ހައްގު އޮތް ކަމަށް ގަބޫލުކުރަން، ނަމަވެސް ޔަހޫދީ ގައުމުގެ އަމަލުތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން،" ތަރުޖަމާނު ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އިސްރާއީލުގެ ލުބުނާނަށް ދޭ ހަމަލާތަކަކީ އެއްވެސް މިންގަނޑަކަށް ނުފެތޭ ވަރުގަދަ ހަމަލާތަކެކެވެ.

މި އެއްބަސްވުން މެދުކަނޑާލުމަށްޓަކައި ވިލާތުގެ އިއްތިހާދުގެ މެންބަރު 27 ގައުމުގެ އިއްތިފާގު ބޭނުންވެއެވެ. ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާއި އިންސާނީ ކާރިސާއާ ގުޅިގެން، ނެދަލޭންޑްސް ފަދަ ގައުމުތަކުގެ އެދުމުގެ މަތިން މިދިޔަ އަހަރުން ފެށިގެން މި އެއްބަސްވުން މުރާޖައާ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެ ގައުމުތަކުން ބުނާ ގޮތުގައި އިސްރާއީލުން ދަނީ އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމަށް ބާރުއަޅާ އެއްބަސްވުމުގެ ދެވަނަ މާއްދާއާ ޚިލާފުވަމުންނެވެ.

ޖަރުމަނުގެ ޗާންސެލަރ ފްރެޑްރިކް މާރޓްޒް ވަނީ ލުބުނާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ސުލްހައިގެ މަސައްކަތްތަކަށް ހުރަސްއެޅިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

"ލުބުނާނުގެ ދެކުނުގައި އިސްރާއީލުން ހިންގާ އޮޕަރޭޝަންތަކުގެ ސަބަބުން މުޅި ސުލްހައިގެ މަރުހަލާ ފެއިލްވެދާނެ ކަމުގެ ބިރު އެބައޮތް،" މާރޓްޒް ވިދާޅުވިއެވެ. ނަމަވެސް، އިސްރާއީލާއެކު އޮންނަ އެއްބަސްވުން މުޅިން އުވާލުމަށް ޖަރުމަނުން ވަނީ ދެކޮޅު ހަދާފައެވެ.

މީގެ އިތުރުން، އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ވަގުތީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅިގެން، ޖަރުމަނުން އަލުން އީރާނާއެކު މުއާމަލާތް ކުރަން ފަށާފައިވާކަން މާރޓްޒް އިއުލާން ކުރެއްވިއެވެ.

މި މަޝްވަރާތައް ކުރިއަށްދަނީ އެމެރިކާއާއި ވިލާތުގެ ބައިވެރިންނާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ. މި މަޝްވަރާތަކުގެ ބައެއް ބައްދަލުވުންތައް ޕާކިސްތާނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހިއްސާ ކުރައްވާ!