ކޮންގްރެސް ޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓްގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ކޮންގްރެސް ޕާޓީން ބުނި ގޮތުގައި، އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައި އިލެކްޝަންގައި ޕާޓީގެ ޓިކެޓަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރިލް 19 ވާ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އެވެ. ޓިކެޓަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ ޕާޓީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ. މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑް ފަދަ އެންމެހާ ލިޔެކިޔުންތައް ވެސް ހުށަހަޅަންޖެހޭނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

މި ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް ގާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. އަދި އެ ފަރާތަކީ ކޮންގްރެސް ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރަކަށް ވާންޖެހެއެވެ. ނުވަތަ ޕާޓީގެ މެންބަރަކަށްވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ވެސް ޕީއެންސީން މައުލޫމާތުދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން 2026 ކޮންގްރެސް ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ޝަރުތުތަކަކީ:

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭނެކަމަށް ޤާނޫނުތަކާއިގަވާއިދުތަކުގައި ކަނޑައަޅާފައިވާ އެންމެހާ ޝަރުޠުތައް ފުރިހަމަވުން

އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާކޮންގްރެސް ޕާޓީގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތަކަށްވުން ނުވަތަ، ކޮންގްރެސް ޕާޓީގެ މެންބަރަކަށްވުމަށް އެދި (ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދި ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިޖުރާތުތަކާއި އެއްގޮތަށް) އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފަރާތަކަށްވުން.

ޕާޓީގެ ޓިކެޓަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އެއް ފަރާތަށްވުރެ ގިނަ ފަރާތްތައް ތިބިނަމަ، ޓިކެޓް ދޭނެ ފަރާތެއް ކަނޑައަޅާނީ ބާއްވާ އެތެރޭގެ ޕްރައިމަރީއަކުންނެވެ. މި ޕްރައިމަރީ ބޭއްވުމަށް ތާވަލުކޮށްފައިވަނީ އޭޕްރިލް 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

މި ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ އިލެކްޝަންސް ކޮމިޝަނުގައި އޮތް ކޮންގްރެސް ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށާއި، އޭޕްރިލް 13 ގެ އިރުއޮއްސި 6:00 ގެ ކުރިން ޕާޓީއަށް ވަނުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވާ ފަރާތްތަކުގެ ލިސްޓު އޭޕްރިލް 20 ވާ ހޯމަ ދުވަހު ޕާޓީގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!