އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާ ގުޅޭ ގޮތުން އެއް ގަޑި އިރު ތެރޭގައި 7 ފަހަރަށް ދޮގު ހަދާފައެވެ. ޓްރަމްޕްގެ ދޮގުތަކަށް ރައްދު ދެމުން އީރާނުން ބުނަނީ މާގިނައިން ހޮޅި ހޮއްލަނީނަމަ، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު ރާސްތާއެއް ކަމަށްވާ ހުރުމުޒު ކަނޑުއޮޅި އަލުން ބަންދު ކުރަން ޖެހިދާނެ ކަމަށެވެ.
ތެހެރާނުން ބުނި ގޮތުގައި މި ހަފުތާގައި އެމެރިކާއިން އިއުލާނުކުރި އީރާންގެ ބަނދަރުތައް ހިސާރަ ކުރުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށާއި، އޭގެ ސަބަބުން ސަރަހައްދުގެ ވިޔަފާރި އުޅަނދުފަހަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
އީރާނުގެ އޮފިޝަލުން ވަނީ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ހޮޅި ވާހަކަފުޅުތައް ދޮގުކުރައްވާފައެވެ. އަދި އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ދޫކޮށްލުމަށް އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިނަމަވެސް އެކަމަކީ ޓްރަމްޕް ހެދި ދޮގެއް ކަމަށް އީރާނުން ވަނީ ބުނެފައެވެ. ތެހެރާނުން ތުހުމަތުކުރާ ގޮތުގައި ވޮޝިންގޓަނުން ދޮގު މައުލޫމާތު ފަތުރަނީ ހަނގުރާމަ ހުއްޓާލުމުގެ ސުންގަޑި ހަމަވުމުގެ ކުރިން އީރާނަށް ނުފޫޒު ފޯރުވުމަށެވެ.
އީރާނު ސަރުކާރުން ބުނެފައިވަނީ އެމެރިކާއިން ކަނޑުގެ ސަރަހައްދުގައި އަޅާފައިވާ ހުރަސްތައް އިތުރަށް ފުޅާކޮށްފިނަމަ، އެކަމަށް ރައްދު ދޭނެ ކަމަށް ބަލަން ވާނެ ކަމަށެވެ. އަދި އީރާނުގެ ކަނޑުގެ ސަރަހައްދުގެ ހައްގުތަކަށް އުނިކަން އަންނަ ފަދަ ކޮންމެ އަމަލަކީ މުޅި ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމަށް މަޖުބޫރުވާނެ ކަމެއް ކަމަށް ވެސް އީރާނުން ވަނީ އިންޒާރު ދީފައެވެ.
ޓްރަމްޕް ހޮޅި ހޮއްލަން ފަށާފައި ވަނީ، ޕާކިސްތާނުގެ މެދުވެރިކަމާއެކު އިސްލާމްއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާގެ ދެވަނަ ބުރަށް ދެ ގައުމުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް ދެ ފަރާތުގެ ދެމެދުގައި އުފެދިފައިވާ ބަހުގެ ހަމަލާތަކުގެ ސަބަބުން މަޝްވަރާތަކަށް ހުރަސް އެޅިދާނެ ކަމުގެ ބިރު ވެސް މިހާރު ވަނީ ހީވެފައެވެ.




