ހުޅަނގުގެ ފަލްސަފާއާއި އިސްލާމްދީންގައި: ގާނޫނާއި އަޚްލާގުން ދައުލަތް ބިނާކުރުމާ ދެމެދު

އިޓަލީގެ މަޝްހޫރު ފިލޯސަފަރު ނިކޮލާ މެކިޔަވެލީ އޭނާގެ ފޮތް "ޑިސްކޯސަސް އޮން ލިވީ" ގައި ލިޔެފައިވެ އެވެ: "މީހުންގެ ތެރޭގައި ރަނގަޅު އާދަކާދަތަކެއް އަށަގެންނެވުމަށްޓަކައި ހެޔޮ ގާނޫނުތަކެއް ބޭނުންވާ ފަދައިން، އެ ގާނޫނުތަކަށް އިހުތިރާމުކޮށް އަމަލުކުރުމަށްޓަކައި ރައްޔިތުންގެ ކިބައިގައި ހެޔޮ އަޚްލާގާއި އާދަތައް ހުންނަންޖެހެ އެވެ."

މެކިޔަވެލީ މި ބަޔާންކުރަނީ ހަމައެކަނި ގާނޫނަކުން ވަރުގަދަ ދައުލަތެއް ނުވަތަ ފާގަތި މުޖުތަމައެއް ބިނާނުކުރެވޭނެ ކަމެވެ. ގާނޫނުތައް ދިރިގެންދަނީ ރައްޔިތުންގެ ކިބައިގައި ހުންނަ ހެޔޮ އަޚްލާގީ އާދަތަކެއްގެ ސަބަބުންނެވެ. ނަމަވެސް، މި ވިސްނުމަކީ ހުޅަނގުގެ ސިޔާސީ ފަލްސަފާގައި ކުކުޅުތޯ ދޮށީ ނުވަތަ ބިސްތޯފަދަ ހައްލެއް ނެތް މައްސަލައެކެވެ.

ސުވާލަކީ: ރައްޔިތުންގެ ކިބައިގައި ހެޔޮ އަޚްލާގީ އާދަތަކެއް ނެތްނަމަ، ހެޔޮ ގާނޫނުތަކެއް އުފަންވާނީ ކިހިނެއް ހެއްޔެވެ؟ އަދި ހެޔޮ ގާނޫނުތަކަކާއި ހެޔޮވެރިކަމެއް ނެތްނަމަ، ރައްޔިތުންގެ އަޚްލާގު ތަރުބިއްޔަތު ކުރާނީ ކިހިނެއް ހެއްޔެވެ؟

މި މައްސަލައަކީ ހުޅަނގުގެ ފިކުރުގައި ޒަމާނުއްސުރެ އޮތް ބޮޑު ބަހުސެކެވެ. އެމީހުންގެ ފިކުރު ތާށިވެފައި އޮތީ، އަމަލީ ގޮތުން ތަންފީޒުކުރާނެ ނިޒާމެއް ނެތް އަފްލާތޫންގެ ހުވަފެނީ މުޖުތަމައާއި، އިންސާނާއަކީ "އިންސާނާއަށް އޮތް މިނިކާވަގެއް" ކަމަށް ބުނާ އަދި ގާނޫނަކީ އިންސާނާ ބަނދެލަން ގެންގުޅޭ ދަގަނޑު ކޮޅެއް ކަމަށް ދުށް ތޯމަސް ހޮބްސް ގެ ރަހުމެއްނެތް މާއްދިއްޔަތާ ދެމެދުގަ އެވެ.

އިސްލާމްދީނުގެ އިލްމީ ހައްލު: ފަރުދުންނާއި މުޖުތަމައު ބިނާކުރުން

އިސްލާމްދީން ވަނީ ހުޅަނގުގެ ފަލްސަފާވެރިން ގެ ބޯދާ ވިސްނުމުގެ ބަނދެވުމުގެ ވިސްނުމުން، ވަރަށް ސާފު އިލާހީ މަންހަޖަކުން ނައްތާލާފަ އެވެ. އިސްލާމްދީން މިކަން ހައްލުކުރީ ޒަމާނީ އަދި ތަޝްރީއީ ތަރުތީބަކުންނެވެ.

ރަސޫލާ ﷺ ގެ މައްކާގެ 13 އަހަރުގެ ދައުރު ޚާއްޞަކުރެއްވީ ނަފްސުތައް ސާފު ކުރައްވައި އިންސާނުން ބިނާކުރުމާއި އީމާންތެރިކަމުގެ ބިންގާ އެޅުމަށެވެ. ގާނޫނުތަކާއި ދައުލަތުގެ ބާރު އައުމުގެ ކުރިން، އިންސާނާގެ ހިތުގައި އިލާހީ ޗެކް އެންޑް ބެލެންސް ނުވަތަ އަމިއްލަ އަށް ނަފްސު ހިސާބު ކުރުމުގެ ނިޒާމެއް އުފެއްދެވި އެވެ. މިއީ މެކިޔަވެލީ ބުނާ "ހެޔޮ އާދަތައް" ނަފްސުގައި ބިނާކުރުމުގެ މަރުހަލާ އެވެ. އެއަށްފަހު، މަދީނާގެ ދައުރުގައި ގާނޫނުތަކާއި، ޝަރީއަތާއި، އެ ގާނޫނުތައް ހިމާޔަތްކުރާނެ ވެރިކަމުގެ ބާރު ގެންނެވި އެވެ.

އިސްލާމްދީން މުޖުތަމައު ސިފަކުރަނީ ހަމައެކަނި ގާނޫނުތަކަކުން ގަދަކަމުން ހަމަޔަކަށް އަޅުވާ ވެރިކަން ލިބިގަންނަން ޖެހޭ ބައެއްގެ ގޮތުގައެއް ނޫނެވެ. އިސްލާމްދީން ފަށަނީ އިންސާނާ ބިނާ ކުރުމުގެ އެންމެ ފުރަތަމަ އަސާސުންނެވެ. އެއީ ފަރުދުންނެވެ. ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާއި، ބުއްދިއާއި، އަޚްލާގު ތާހިރުކުރުމަށް ގޮވާލާފައިވެ އެވެ.

ގާނޫނުގެ ކަނޑިއާއި ވެރިޔާގެ ބާރުގެ ކުރިން، އިލާހީ ބިރުވެރިކަން ހިތުގައި ބިންވަޅު ނެގިފައި އޮތުމުގެ ސަބަބުން، އިސްލާމީ ތަޝްރީއުތައް އައުމާއެކު މުސްލިމުން އެއަށް ކިޔަމަންތެރިވީ ބިރަކާ ނުލަ އެވެ. މިސާލަކަށް ރާ ޙަރާމްކުރެއްވި އާޔަތް ބާވައިލެއްވުމާ އެކު، މަދީނާގެ މަގުތަކުގައި ރާ ޖާޑީތައް އޮއްސާލީ އެއްވެސް ފުލުހެއްގެ ބިރުދެއްކުމެއް ހުރެއެއް ނެތިއެވެ. މިއީ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ޙަޤީޤަތެވެ:

بَلِ الْإِنسَانُ عَلَىٰ نَفْسِهِ بَصِيرَةٌ  (އަދި ކިއެއްތަ! އެ އިންސާނާވަނީ އޭނާގެ އަމިއްލަ نفس ގެ މައްޗަށްވާ ހެތްކެއް ކަމުގައެވެ.)

ނަމަވެސް، އިސްލާމްދީނަކީ އިންސާނާގެ ނަފްސާނީ ހާލަތު ވަރަށް ރަނގަޅަށް ދަންނަ، ހަގީގަތްތަކުގެ މައްޗަށް ބިނާވެފައިވާ ދީނެކެވެ. ޒަމާން ދިގުލައިގެންދާއިރު، އެތެރޭގެ އީމާންތެރިކަން އެކަނި ހުރިހާ އެންމެންގެ ކިބައިގައި ދެމިނޯންނާނެކަން އިސްލާމްދީން ދަނެ އެވެ. އެހެންކަމުން، މުޖުތަމައުގެ ސަލާމަތްތެރިކަން ހަމައެކަނި ފަރުދުންގެ އަޚްލާގީ އިސްނެގުމަށް ދޫކޮށެއްނުލަ އެވެ. އޭގެ ބަދަލުގައި، ފާފަތަކަށް މަގުފަހިވާ ދޮރުތައް ބަންދުކުރުމުގެ އުސޫލު ގާއިމުކޮށް، ގާނޫނަކީ ހަމައެކަނި ކުށެއް ކުރުމުން އަދަބުދޭ އެއްޗަކަށް ހެދުމުގެ ބަދަލުގައި، މުޖުތަމައުގެ އާންމު މާހައުލު ހިމާޔަތްކުރާ ރައްކާތެރިކަމުގެ އައްޑަނައަކަށް ގާއިމް ކުރި އެވެ.

وَلْتَكُن مِّنكُمْ أُمَّةٌۭ يَدْعُونَ إِلَى ٱلْخَيْرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ ۚ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ ١٠٤

ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمر ކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.
ހުޅަނގުގެ ސިޔާސީ ފަލްސަފާ ބިނާވެފައިވަނީ "މަޤްޞަދު ހާސިލްކުރުމަށްޓަކައި ކޮންމެ ވަސީލަތެއް ހަލާލު" ވެގެންވާ މާއްދީ ވިސްނުމެއްގެ މައްޗަށެވެ. ދައުލަތް ސަލާމަތްކުރުމުގެ ނަމުގައި ކޮންމެފަދަ ނުބައި، އޮޅުވާލުމެއް ނުވަތަ މަކަރުވެރިކަމެއް އިސްކުރުމަކީ އެ ވިސްނުމުގައި ހުއްދަ ކަމެކެވެ.
ނަމަވެސް އިސްލާމްދީން އިންސާނާގެ މަގާމު މިއަށްވުރެ މާ މަތިވެރިކުރެ އެވެ. އިސްލާމްދީން ދައްކައިދެނީ "އިޙްސާންތެރިކަމުގެ" މިންގަނޑެވެ. އެއީ "ތިބާއަށް الله ފެންނަާ ފަދައިން އެކަލާނގެއަށް އަޅުކަންކުރުމެވެ. ތިބާއަށް އެކަލާނގެ ނުފެނުނު ކަމުގައި ވިޔަސް، އެކަލާނގެ ތިބާ ބައްލަވައިވޮޑެގެންވެ އެވެ."

މެކިޔަވެލީގެ ސިޔާސީ ފިކުގެ ފޮތް "ދަ ޕްރިންސް" ފޮތް ލިޔުނު ދުވަސްވަރު، އުސްމާނީ ދައުލަތުގެ މުފައްކިރު އަލާއުއްދީން ޤީނާލީޒާދާ އޭނާގެ "އަލްއަޚްލާޤު އަލްޢަލާއިއްޔާ" ފޮތުގައި ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ 4 އަސާސީ ސިފައެއް ބަޔާންކުރެއްވި އެވެ.

އެއީ، (ޙިކުމަތް، ހިތްވަރުގަދަކަން، ޢަދުލުވެރިކަން، އަދި ޢިއްފަތްތެރިކަން) އެވެ.

މެކިޔަވެލީގެ ސިޔާސީ ފިކުރުގައި ވެރިޔާއަށް ބޭނުންވަނީ ހަމައެކަނި ދުނިޔޭގެ ބާރާއި، ދެއްކުންތެރި އަޚްލާގެކެވެ. އޭނާގެ ގާތުގައި އަޚްލާގަކީ ވެރިކަން ދެމެހެއްޓުމަށް ބޭނުންކުރާ ހަތިޔާރެކެވެ.

މިއާ ޚިލާފަށް، އިސްލާމީ ތާރީޚުގައި 1000 އަށްވުރެ ގިނަ އަހަރު ސިޔާސީ ނިޒާމު ހިނގާފައިވަނީ ވަޙީގެ ހިޔަލުގަ އެވެ. ސިޔާސީ ދާއިރާއަކީ ދީނާ ވަކިވެފައިވާ އެއްޗެއް ނޫނެވެ. ދައުލަތަކީ އިންސާނާ ބިމުގައި ޚިލާފަތް ގާއިމުކޮށް، ސުވަރުގެ ހާސިލްކުރުމަށް އޮތް އެންމެ ބޮޑު ވަސީލަތެވެ.

އެހެންކަމުން، އިސްލާމީ ސިޔާސީ ނިޒާމުގައި ވަސީލަތްތައް ވާންޖެހޭނީ މަޤްޞަދާ އެއްފަދައިން ސާފުތާހިރު އެއްޗެއްސަށެވެ. ސިޔާސީ ބޭނުމަށްޓަކައި މަކަރު ހެދުމާއި އޮޅުވާލުމާއި ނުބައި ވަސީލަތްތައް ބޭނުންކުރުން ހުއްދައެއް ނޫނެވެ: "ހަމަކަށަވަރުން الله ވަނީ ކޮންމެ އެއްޗެއްގެ މައްޗަށް އިޙްސާންތެރިކަން ލާޒިމުކުރައްވާފަ އެވެ."

ދައުލަތުގެ ބާރު: ޙައްޤަށް ޚިދުމަތްކުރާ ވަސީލަތެއް

އިސްލާމްދީނުގައި ވެރިކަމުގެ ބާރު ނުވަތަ ދައުލަތަކީ އަމިއްލަ ޒާތުގައި މަގްސަދެއް ނޫނެވެ. އެއީ އަބަދުވެސް "ޙައްޤަށް ޚިދުމަތްކުރާ" ވަސީލަތެކެވެ.

މެކިޔަވެލީ އޭނާގެ އެއް ފޮތުގައި ވެރިކަމަކީ އަޚްލާގު ހިމާޔަތްކުރާ އެއްޗެއް ކަމަށް ބުނެފައި، ހަމަ އެއާ ދިމާ ފުށުއަރާ ގޮތަށް "ދަ ޕްރިންސް" ފޮތުގައި ވެރިކަމުގެ ގޮނޑި ހިމާޔަތްކުރުމަކީ ކޮންމެފަދަ އަނިޔާވެރިކަމެއް ކުރަންޖެހުނަސް ހުއްދަ ކަމެއްގެ ގޮތުގައި ބަދަލުކޮށްލަ އެވެ.

މި ފަދަ ސިޔާސީ މިސްރާބެއް ނެތުމުގެ ސަބަބުން ހުޅަނގުގެ ނިޒާމުތައް ފެޝިޒަމްގެ އަނިޔާވެރިކަމަށް ނުވަތަ ކެޕިޓަލިޒަމްގެ ދަހިވެތިކަމަށް ވެއްޓިގެންދެ އެވެ.

ނަމަވެސް އިސްލާމްދީން މިކަން ތަރުތީބުކުރަނީ "އަތްތަކާއި" "ލޮލުގެ" މިސާލުންނެވެ. ބާރަކީ (އަތްތަކެވެ)، އެ ބާރު ހިންގަންޖެހޭނީ ވަޙީގެ ބަޞީރަތުގެ (ލޮލުގެ) ދަށުންނެވެ. ވެރިކަމުގެ ބާރަކީ އަމިއްލަ އެދުމާއި ކިބުރުވެރިކަމުގެ ހަތިޔާރަކަށް ވިޔަނުދީ، ކީރިތި ޤުރުއާނުގެ ޢަދުލުވެރިކަން ހިމާޔަތްކުރާ މާއްދީ ވަސީލަތެއްގެ ގޮތުގައި އިސްލާމްދީން ކަނޑައަޅ އެވެ.

އެހެންކަމުން، އިސްލާމީ ނަޒަރިއްޔާތުން ދައުލަތް ބިނާކުރަނީ ހަމައެކަނި ހުސް ގާނޫނުތަކަކުންނެއް ނޫނެވެ. އަދި އަމަލީ ބާރެއް ނެތް ހުވަފެނީ އަޚްލާގަކުންނެއްވެސް ނޫނެވެ. އޭގެ ބަދަލުގައި، އިސްލާމްދީން ފުރަތަމަ އިންސާނާ "އިޙްސާންތެރިކަމުން" ތަރުބިއްޔަތުކޮށް އަމިއްލަ ނަފްސުގެ ފާރަވެރިއަކަށް ހަދަ އެވެ. ދެން މުޖުތަމައު ފަސާދަ ވިޔަ ނުދީ "ހެޔޮކަމަށް އަމުރުކުރުމާއި ނުބައިކަން ނަހީކުރުމުން" ރައްކާތެރިކުރެ އެވެ. އަދި އެންމެ ފަހުން، ވަޙީގެ ބާރު ހިނގާ "ޢަދުލުވެރި ވެރިކަމަކުން" މި ހުރިހާ އަގުތަކެއް ހިމާޔަތްކޮށްދެ އެވެ. މި ބިނާކުރުމުގެ ތެރެއިން ދައުލަތް ބަދަލުވަނީ ހަމައެކަނި ބާރު ދައްކާ އިދާރާއަކަށް ނޫނެވެ. އެއީ ބިމުގައި الله ގެ ޚިލާފަތް ދިރުވައި އާލާކުރާ ރާއްޖެއަކަށެވެ. ބައެއް ބަދަލާއެކު، މަސްދަރު: އަލްޖަޒީރާ

ހިއްސާ ކުރައްވާ!