ނޭޓޯ ސަމިޓުގެ ތެރެއިން ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއާ ވާހަކަފުޅު ދައްކަވަމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ނިސްބަތްކޮށް "އިސްލާމިކް ރިޕަބްލިކް އޮފް ޖަޕާން" ގެ ނަމުން މުޚާތަބު ކުރައްވައި ދެއްކެވި ބަކުވާސް ވާހަކަތައް ގިނަ ބައެއްގެ ސަމާލުކަމަށް އަތުވެއްޖެއެވެ. ޓެހެރާނާ ދެކޮޅަށް ހަރުކަށި ބަސްތައް ވިދާޅުވެ، އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވަމުން ގެންދެވި ވަގުތު މި ފާހަގަކުރެވުނު ކުށުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފައެވެ.
އެމެރިކާގެ އަސްކަރީ ދިފާއީ ނިޒާމުތަކުގެ ބާރުގަދަކަން ސިފަކޮށްދެއްވަމުން، ޔޫއެސްއެސް އަބްރަހަމް ލިންކަން ކެރިއަރަށް އަމާޒުވި ހަމަލާއެއްގެ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އިސްލާމިކް ރިޕަބްލިކް އޮފް ޖަޕާނުން ވަނީ 111 މިސައިލް ފޮނުވާފައި. އެއީ ގާތްގަނޑަކަށް އެއް ގަޑިއިރުގެ ތެރޭގައި އެއާކްރާފްޓް ކެރިއަރަށް އަމާޒުކޮށް ފޮނުވި ހަމަލާތައް،" ކަމަށެވެ.
އެހެންނަމަވެސް، ޓްރަމްޕް މި އިޝާރާތް ކުރެއްވީ އީރާނަށެވެ. ޖަޕާނަކީ އެމެރިކާގެ އެންމެ ގާތް އެއް އެކުވެރި ގައުމު ކަމަށާއި، އެއީ އިސްލާމީ ގައުމެއް ނޫން ކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން، ތެހެރާނަށް އިންޒާރު ދެއްވަމުން، އީރާނުގެ ކަރަންޓު އުފައްދާ ފެސިލިޓީތަކާއި، ތެޔޮ އެކްސްޕޯޓްކުރާ ޚަރްގް ޖަޒީރާ ފަދަ ތަންތަނަށް ހަމަލާދީ ކޮންޓްރޯލް ނަގަާނެ ކަމުގެ އިންޒާރު ވެސް ދެއްވިއެވެ.






