މީޑިއާ ކޮންޓްރޯލު ކުރުމަށް ސަރުކާރުން ފައިސާ ދޭން އުޅޭތީ މީޙުން މުޒާހަރާއަށް ނިކުމެއްޖެ

ޗެކް ރިޕަބްލިކްގެ ސަރުކާރު ބްރޯޑްކާސްޓަރުންނަށް ފައިސާ ދޭ އުސޫލު ބަދަލުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް، އެ ގައުމުގެ ވެރިރަށް ޕްރާގްގެ މައި މައިދާނަށް އެތައް ހާސް ބަޔަކު އެއްވެ މުޒާހަރާއެއް ކޮށްފިއެވެ. މި މުޒާހަރާގެ ބައިވެރިން ކަންބޮޑުވުން ފާޅުކުރަމުންދަނީ މި ބަދަލުގެ ސަބަބުން މީޑިއާގެ މިނިވަންކަން ގެއްލި، ސިޔާސީ ނުފޫޒު ވަދެދާނެތީއެވެ.

ސަރުކާރުން ޑްރާފްޓް ކޮސްފައިވާ ޕްލޭންގައިވާ ގޮތުން، ސަރުކާރު މީޑިއާއަށް އެހީވުމަށް ގޭބިސީތަކުން މިހާރު ދައްކަމުންދާ ލައިސަންސް ފީ އުވާލުމަށް ވަނީ ނިންމާފައެވެ. އޭގެ ބަދަލުގައި ޗެކް ޓެލެވިޜަނާއި ޗެކް ރޭޑިއޯއަށް ފައިސާ ދޫކުރާނީ ސީދާ ދައުލަތުގެ ބަޖެޓުންނެވެ. ސަރުކާރުން ބުނާ ގޮތުގައި މި ބަދަލަކީ ސަރުކާރު މީޑިއާގެ ނިޒާމު ޒަމާނީކޮށް، މާލީ ގޮތުން އިތުބާރު ހުރި ގޮތަކަށް ފަންޑިންގް ކަށަވަރުކުރުމަށް ގެންނަ ބަދަލެކެވެ.

މި އިސްލާހާ ދެކޮޅު ފަރާތްތަކުން ބުނާ ގޮތުގައި، ސަރުކާރު ބަޖެޓުން ފައިސާ ދޭން ފެށުމުން ސަރުކާރު ބްރޯޑްކާސްޓަރުންގެ މާލީ މިނިވަންކަން ގެއްލި، އެޑިޓޯރިއަލް ނިންމުންތަކަށް ސަރުކާރުގެ ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުވާނެއެވެ. މީޑިއާ އަށް ފާރަވެރިވާ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި، މިއީ ހަންގޭރީ އާއި ސްލޮވާކިއާ ފަދަ ގައުމުތަކުން ފެނިފައިވާ ފަދަ، ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެކެވެ.

މީޑިއާގެ މިނިވަންކަން މިޮނީޓާ ކުރާ ރިޕޯޓާސް ވިތައުޓް ބޯޑާސް އިން މި ޕްލޭން ސިފަކޮށްފައިވަނީ "އޮޅުންބޮޅުން ބޮޑު" ކަމެއްގެ ގޮތުގައެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމުގެ ތަނބުތަކެއްގެ ގޮތުގައި ބެލެވޭ މުއައްސަސާތަކުގެ ބިންގާ ގުޑުވާލާނެ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ޗެކް ބޮޑުވަޒީރު އެންޑްރޭ ބަބިޝް އާއި އޭނާގެ އޭއެންއޯ ޕާޓީން ކެމްޕޭން ކުރީ މީޑިއާއަށް ނަގާ ލައިސަންސް ފީއަކީ ޒަމާނާ ނުގުޅޭ އަދި ރައްޔިތުންނަށް އޮތް ބުރައެއް ކަމަށް ބުނެ އެ ފީ އުވާލުމަށެވެ. ނަމަވެސް، ބަބިޝްގެ ވިޔަފާރި އާއި ސިޔާސީ ކަންކަމާ ގުޅޭގޮތުން މީޑިއާއިން ގެނެސްދޭ ޚަބަރުތަކަށް އޭނާ މީގެ ކުރިން ފާޑުވިދާޅުވެފައިވާތީ، މި ބަދަލަކީ މީޑިއާ ކޮންޓްރޯލް ކުރުމަށް ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ސަރުކާރުން މިއަހަރުގެ ފަހުކޮޅު މި ހުށަހެޅުން ޕާލަމެންޓަށް ހުށަހަޅާނެ ކަމަށް ބެލެވެއެވެ. އިދިކޮޅު ޕާޓީތަކުން ވަނީ މި ޕްލޭނާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމުގެ އިޝާރާތެއް ދީފައެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި މިއީ ހަމައެކަނި ފައިސާގެ މައްސަލައެއް ނޫން ކަމަށާއި، މިއީ ގައުމުގެ ޑިމޮކްރަސީ ދެމެހެއްޓުމަށްޓަކައި ރައްޔިތުން ކުރާ ޖިހާދެކެވެ.

ހިއްސާ ކުރައްވާ!