ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީގައި ހުންނަ ބަރަކާ ނިއުކްލިއާ ޕަވަރ ޕްލާންޓް ކައިރިއަށް ޑްރޯން ހަމަލާއެއް ދީފިއެވެ. މި ހަމަލާއާ ގުޅިގެން އެ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ރަސްމީ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
އަބޫދާބީ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަލްޒަފްރާ ރީޖަންގައި ހުންނަ ބަރަކާ ނިއުކްލިއާ ޕަވަރ ޕްލާންޓުގެ އެތެރޭގެ އިން ވަކިކުރާ ފެންސުން ބޭރުގައި ހުރި އިލެކްޓްރިކަލް ޖެނެރޭޓަރެއްގައި ރޯވި އަލިފާންގަނޑު ކަމާބެހޭ ފަރާތްތަކުން މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ޑްރޯން ހަމަލާއެއްގެ ސަބަބުން ކަމަށް އެ އޮފީހުން މައުލޫމާތު ދެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އަދި ނިއުކްލިއާ ރޭޑިއޮލޮޖިކަލް ސަލާމަތީ މިންގަނޑުތަކަށް އެއްވެސް އަސަރެއް ކޮށްފައި ނުވާ ކަމަށާއި، ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތައް ލިބެމުންދާ ވަރަކަށް ހާމަކުރަމުންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޔޫއޭއީގެ ފެޑެރަލް އޮތޯރިޓީ ފޯ ނިއުކްލިއާ ރެގިއުލޭޝަނުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ހާދިސާގެ ސަބަބުން ޕަވަރ ޕްލާންޓުގެ ރައްކާތެރިކަމަށް ނުވަތަ އޭގެ މައިގަނޑު ނިޒާމުތަކުގެ މަސައްކަތަށް އެއްވެސް ބުރޫއެއް އަރާފައެއް ނުވެއެވެ. ޕްލާންޓުގެ ހުރިހާ ޔުނިޓްތަކެއްވެސް އާންމު ހާލަތުގައި މަސައްކަތް ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެއެވެ.


