މިސްރުގެ ނޫސްވެރިޔާ މުހައްމަދު ދާއުދު އީސާއަކީ ކެއިރޯ ޔުނިވަރސިޓީގެ ގުރެޖުއޭޓެކެވެ. އޭނާއަކީ މިސްރުގެ އަޚުބާރުލްޔައުމް ނޫހަށް ލިޔުނު މަޝްހޫރު ނޫސްވެރިއެކެވެ. މިހާރުވެސް އޭނާއަކީ ލިޔުންތެރިކަމުގައި އުޅޭ މީހެކެވެ. އޭނާ ލިޔެފައިވާ 57 ފޮތުގެ ތެރޭން އެއް ފޮތަކީ މުސްލިމު ޖިންނިއާއެކު ކޮށްފައިވާ އިންޓަރވިއު މިނަމުން ޝާއިއުކޮށްފައިވާ ފޮތެކެވެ. މިފޮތް ވަނީ 20 ބަހަށް ތަރުޖަމާ ކޮށްފައެވެ.
މިފޮތުގައި ހިމެނޭ ވާހަކަތަކަކީ ގަބޫލު ކުރަން އުދަގޫ ވާހަކަތަކެވެ. ދާއޫދު އީސާ ބުނާ ގޮތުން މި ފޮތުގައި އޭނާ ގެނަސްދީފައިވާ ވާހަކައަކީ ހަގީގީ ވާހަކައެކެވެ. މި ލިޔުމަކީ މި ވާހަކައިގެ ވަރަށް ކުރު ޚުލާސާއެކެވެ!
ޖިންނީންގެ އާލަމަކީ އިންސާނުންގެ މެދުގައި އަބަދުވެސް ބޮޑު ޝައުޤުވެރިކަމެއް އޮންނަ، ނަމަވެސް ފޮރުވިފައިވާ އާލަމެކެވެ. މި އާލަމުގެ ސިއްރުތައް ހާމަކޮށްދިނުމުގެ ގޮތުން މިޞްރުގެ ނޫސްވެރިޔާ މުޙައްމަދު އީސާ ދާއޫދު ވަނީ އިންޑިއާގެ މުމްބާއީގެ ’އިބްނު ކަޖޫރު' ނަމަކަށް ކިޔާ މުސްލިމް ޖިންނިއަކާ އިންޓަވިއުއެއް ކޮށް، އެ މަޢުލޫމާތުތައް އޭނާގެ މަޝްހޫރު ފޮތް "ޖިންނިއަކާ އެކު ކުރެވުނު އިންޓަރވިއު" ގައި ހިމަނާފައެވެ. އޭގައި އައިސްފައިވާ މައުލޫމާތުގެ ޚުލާސާ މިވަނީއެވެ.
ޖިންނީންގެ އުމުރާއި ސިފަ
އިބްނު ކަޖޫރު ހާމަކުރި ގޮތުގައި ޖިންނީންގެ އުމުރު އިންސާނުންނަށްވުރެ މާ ދިގުވެފައި، ވަގުތު ގުނާ ގޮތް ތަފާތެވެ. އިބްނު ކަޖޫރުގެ އުމުރަކީ 180 އަހަރު ކަމުގައި ވިޔަސް، އިންސާނުންގެ އުމުރުން އެއީ ގާތްގަނޑަކަށް 15 ނުވަތަ 17 އަހަރުގެ ފުރާވަރުގެ ކުއްޖެކެވެ. ބައެއް ޖިންނީން 7000 އަހަރަށްވުރެ ގިނަ ދުވަހު ދިރިއުޅޭއިރު، އޭގެ ތެރޭގައި އިބިލީހާއި އޭނާގެ ދަރިފަސްކޮޅު ހިމެނެއެވެ.
ޖިންނީންގެ ސިފައާ ބެހޭގޮތުން އޭނާ ބުނީ، އިންސާނުން ތަޞައްވުރު ކުރާ ފަދަ ބިރުވެރި ސިފައެއް މުސްލިމް ޖިންނީންގެ ނުހުންނަ ކަމަށެވެ. އެމީހުންގެ ބޯ، ހަށިގަނޑާ އަޅާބަލާއިރު ބޮޑުވެފައި، ލޯތައް ދިގުކޮށް ހުންނަ ކަމަށާއި، ކަންފަތް ހުންނަނީ އަސް ނުވަތަ ބުޅަލުގެ ކަންފަތް ހުންނަ ގޮތަށް ކޮޅަށް ކަމަށް އޭނާ ސިފަކުރިއެވެ.
ދިރިއުޅުމާއި އިންސާނުންނާ ހުރި ގުޅުން
ޖިންނީން ދިރިއުޅެނީ މައިގަނޑު ގޮތެއްގައި ކަނޑުތަކުގެ އަޑީގައާއި، ފަޅުގެތަކާއި، ހަނަފަސް ސަހަރާތަކާއި ފަރުބަދަތަކުގައެވެ. މީގެ އިތުރުން އިންސާނުން ދިރިއުޅޭ ގޭގޭގައި ވެސް ޖިންނީން ދިރިއުޅެއެވެ.
އިބްނު ކަޖޫރު ބުނި ގޮތުގައި، މުސްލިމް ޖިންނީން ދިރިއުޅެނީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރާ އާއިލާތަކުގެ ގޭގައެވެ.
އޭނާ ވަނީ އިންސާނުންނަށް މުހިންމު ނަސޭހަތްތަކެއް ދީފައެވެ. އެގޮތުން ނަޖިސް ތަންތަނަށް ވަންނައިރު ދުޢާ ކިޔުމަށާއި، ފާޚާނާ ފަދަ ތަންތަނަށް ވަނުމުގެ ކުރިން ﷲ ގެ އިސްމުފުޅު ކިޔުމަށް އޭނާ އިލްތިމާސްކުރިއެވެ. އެއީ އެފަދަ ކަންކަމުގެ ސަބަބުން ޖިންނީންނަށް އުނދަގޫވެ، އޭގެ ބަދަލު ހިފުމުގެ ގޮތުން އިންސާނުންނަށް ގެއްލުން ދީފާނެތީއެވެ.
ބާމިއުޑާ ޓްރޭންގަލް އާއި އިބިލީހުގެ ތަޚުތު
ޖިންނީންގެ ދިރިއުޅުމަކީ ލޯތްބާއި، ނަފުރަތާއި އަދި ދެބަސްވުންތަކުގެ ތެރެއިން އިންސާނުންގެ ދިރިއުޅުމާ ވަރަށް އެއްގޮތް ކަންތައްތަކެއް އެކުލެވިގެންވާ ދިރިއުޅުމެއް ކަމަށް އޭނާ ކިޔައިދިނެވެ. ނަމަވެސް، ޖިންނީންގެ އަންހެންތަކެތީގެ މާބަނޑު ދުވަސްވަރު އިންސާނުންނަށްވުރެ ދިގުވެފައި، އެކަން ގާތްގަނޑަކަށް 15 މަސްދުވަހަށް ދެމިގެންދެއެވެ. އަދި އާންމުގޮތެއްގައި ކޮންމެ ފަހަރަކު 7 އާއި 9 އާ ދެމެދުގެ އަދަދަކަށް ޖިންނިން ދަރިން ވިހާކަމަށް ވެސް ކިޔައި ދިނެވެ. މީގެއިތުރުން، އިންސާނުންނާއި ޖިންނީންގެ ތަބީއަތް ތަފާތުވުމުގެ ސަބަބުން، އެ ދެމެދުގައި ކައިވެނީގެ ގުޅުން އުފެދުމަކީ ނާދިރު ކަމެއް ކަމަށް ބުންޏެވެ.
މި މައުލޫމާތުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ވާހަކައަކީ، އިބްނު ކަޖޫރު އިސްލާމްވުމުގެ ކުރިން، އޭނާގެ ބައްޕަ އޭނާ ގޮވައިގެން ބަރަކާތް ހޯދުމަށް އިބިލީހުގެ ގާތަށް ދިޔަ ދަތުރުގެ ވާހަކައެވެ. އޭނާ ސިފަކުރާ ގޮތުގައި އިބިލީހަކީ ބަލާލަން ހުތުރު ސިފައެއްގައި ހުންނަ، ގާތްގަނޑަކަށް 140 އާއި 160 ސެންޓިމީޓަރުގެ އިސްކޮޅެއް ހުންނަ އެއްޗެކެވެ. ނަމަވެސް، ބޭނުން ޖެހޭ ހިނދު އޭނާގެ ހަށިގަނޑު 10 މީޓަރަށް ދަމާލުމުގެ ގާބިލުކަން ލިބިފައި ވެއެވެ. އަދި އޭނާގެ ކުރު ނިގުލެއްވެސް ހުރެއެވެ.
މި އިންޓަވިއުއިން ހާމަވި އެންމެ އާދަޔާޚިލާފު އެއް މަޢުލޫމާތަކީ ބާމިއުޑާ ޓްރޭންގަލްއާ ބެހޭ މަޢުލޫމާތެވެ.
އިބްނު ކަޖޫރު ބުނި ގޮތުގައި އިބިލީހުގެ ގަނޑުވަރާއި ތަޚުތު ހުންނަނީ ބާމިއުޑާ ޓްރޭންގަލް ސަރަޙައްދުގައި ކަނޑުގެ މެދުގައެވެ. އެ ސަރަޙައްދުން ގެއްލޭ ބޯޓުފަހަރާއި ބޯޓުތަކަކީ ޝައިޠާނުންގެ މަސައްކަތުން ފޮރުވާ ތަކެތި ކަމަށާއި، އިންސާނުންނަށް ފެންނަ "އޭލިއަން" ނުވަތަ އުދުހޭ ތަށިތަކަކީ އަސްލު ޖިންނީން ކަމަށް އޭނާ ކިޔައިދިނެވެ. އަދި އާޔަތުލް ކުރުސި ކިޔަވައިގެން އެފަދަ ސަރަޙައްދުތަކުން ދަތުރުކުރާނަމަ ޝައިޠާނުންގެ ކިބައިން ރައްކާތެރިކަން ލިބޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އިބިލީހުގެ ފަސް ދަރިންނާއި އެމީހުންގެ ވަޒީފާ
އިންސާނުން މަގުފުރެއްދުމަށްޓަކައި އިބިލީހުގެ ފަސް ދަރިންނަށް ޚާއްޞަ މަސައްކަތްތަކެއް ހަވާލުކުރެވިފައިވާ ކަމަށް އިބްނު ކަޖޫރު ހާމަކުރިއެވެ.
އެއީ: ޘަބަރު (މުސީބާތްތަކުގެ ވަގުތު އިންސާނުން ރުޅިއަރުވާ މީހާ)،
ދާސިމް (ދެމަފިރިން ދޭތެރެ ޖައްސާ މީހާ)،
އަލްއައުވަރު (ޒިނޭއަށް މަގުފަހިކުރުވާ މީހާ)،
މިސްވަޠު (ދޮގު ޚަބަރު ފަތުރާ މީހާ)،
އަދި ޒަލަންބޫރު (ބާޒާރުތަކުގައި ފިތުނަ އުފައްދާ މީހާ) އެވެ.
މި މަޢުލޫމާތުތަކަކީ ގަބޫލުކުރަން ދަތި އަދި ޢިލްމީ ގޮތުން ސާބިތުކުރަން ދަތި ކަންތައްތަކެވެ. ނަމަވެސް މުހައްމަދު އީސާ ދާއުދުގެ (حوار صحفي مع جني مسلم) ފޮތުން މިމައުލޫމާތު ގެނަސްދިނީމެވެ!







