އެއް ޒަމާނެއްގައި މުސްލިމު ޚަލީފާއިންނަކީ، މި ޒާމަނުގައި މިފެންނަ އެމެރިކާ ދެކެ ބިރުން އުޅޭ ފަދަ ބަލިކަށި ވެރިންނެއް ނޫނެވެ. އެމީހުންގެ ޒަމާނުގައި އެމީހުންނަކީ ދުނިޔޭގެ ވެރިން ކުރިމަތީގައި ހައްގު ބަސް ވިދާޅުވެ އުޅުއްވި ބަޔެކެވެ.
ޢުޘްމާނީ ދައުލަތުގެ އެންމެ ވަރުގަދަ އެއް ރަސްކަލެއް ކަމުގައިވާ ސުލައިމާން އަލްޤާނޫނީ (1520-1566) އަކީ އެފަދަ ހިތްވަރުގަދަ އުސޫލުތައް ނެގެހެއްޓެވި ރަސްކަލެކެވެ. ސުލައިމާނަކީ، ފަރަންސޭސިވިލާތުގައި މީހުންގެ އަޚުލާޤީ މިންގަނޑުތައް އިޞްލާޙުކުރުމަށް ބާރުއެޅުއްވި ރަސްކަލެކެވެ.
އޮސްޓްރިއާގެ ތާރީޚު ޢިލްމުވެރިއެއް ކަމަށްވާ ޖޯސެފް ވޮން ހޭމާ ލިޔުއްވާފައިވާ ގޮތުގައި، ސުލައިމާނުގެ ދުވަސްވަރު ފަރަންސޭސިވިލާތުގައި ފިރިހެނުންނާއި އަންހެނުން އެކުވެގެން ނަށައި އާންމު އަދަބާ ނުގުޅޭފަދަގޮތަކަށް މަސްހުނި ޕާޓީތަކެއް ބާއްވަމުންދާކަމުގެ ޚަބަރު ސުލައިމާން އަލްޤާނޫނީއަށް ލިބިވަޑައިގަތެވެ.
މި ޚަބަރު ލިބިވަޑައިގަތުމާއެކު، ސުލައިމާން އަލްޤާނޫނީ ފަރަންސޭސިވިލާތުގެ ރަސްގެފާނަށް ހަރުކަށި އިބާރާތުން ފަތްކޮޅެއް ފޮނުއްވިއެވެ. އެ ސިޓީގައި އެ ރަސްގެފާނު ފާހަގަކުރެއްވީ، ޢުޘްމާނީ ދައުލަތަކީ ޔޫރަޕްގެ ގައުމުތަކާ އަވަށްޓެރި ޤައުމަކަށް ވީހިނދު، ދެ ޖިންސު މައްސުނިވެ ބޭއަދަބީ ކަންކަން ހިންގުމަކީ އަޚުލާޤީ ގޮތުން ދަށުދަރަޖައިގެ ކަމެކެވެ. އަދި އެފަދަ ކަންކަން ފްރާންސްގައި ހިނގާނަމަ، އެކަންކަން މުސްލިމުންގެ ތެރެއަށް ފެތުރިދާނެކަމުގެ ބިރު އޮތް ކަމަށްވެސް ލިޔުއްވިއެވެ.
އެހެންކަމުން، އެފަދަ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށް އަމުރު ކުރައްވާކަމަށް އެފަތްކޮޅުގައި ލިޔުއްވިއެވެ.
ތާރިޚީ ހާދިސާތަކުން އެނގޭ ގޮތުގައި މި ފަތްކޮޅަށްފަހު ގާތްގަނޑަކަށް ސަތޭކަ އަހަރު ވަންދެން ފަރަންސޭސިވިލާތުގައި ދެޖިންސުން އެއްތަންވެ ފާޅުގައި ބޭއަދަބީ ހަރަކާތްތައް ހިންގުން އޮތީ މަނާވެފައެވެ.
އިސްލާމީ ތާރީޚުގައި ސުލައިމާން އަލްޤާނޫނީގެ މަޤާމު
ސުލައިމާން އަލްޤާނޫނީއަކީ އިސްލާމީ ތާރީޚު ދުށް އެންމެ ވަރުގަދަ އެއް ޝަޚުޞިއްޔަތެވެ. ސުލައިމާނުގެ ރަސްކަމުގައި ޢުޘްމާނީ ދައުލަތް އަސްކަރީ ގޮތުންނާއި އަދި ސިޔާސީ ގޮތުން އޭގެ އެންމެ އުސްމިނަށް ވާޞިލުވިއެވެ.
ބެލްގްރޭޑް ފަތަޙަކުރައްވައި، މުޅި މެދުތެރޭ ޔޫރަޕަށް ޢުޘްމާނީ ޚިލާފަތުގެ ބާރު ފޯރުއްވިއެވެ.
ސުލައިމާނަށް އަލްޤާނޫނީގެ ނަމުން ނަދެވުނީ، އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާއި ޤާނޫނުތައް ތަރުތީބުކުރެއްވުމަށް އޭނާގެންގުޅުއްވި މަތިވެރި އުސޫލުތަކާހެދިއެވެ.
މީގެ އިތުރުން، ސުލައިމާނުގެ ވެރިކަމުގައި ފަންނުވެރިކަމާއި ބިނާކުރުންތެރިކަން ކުރިއަރައިގެން ދިޔައެވެ.
މަޝްހޫރު ބިނާކުރުންތެރިޔާ މިޢްމާރު ސިނާން ފަދަ ބޭފުޅުން މެދުވެރިކޮށް ތުރުކީވިލާތުގައި އިސްލާމީ ޚާއްސަ ފަރުމާއަށް ޒަމާނަށް ދެމިހުންނަ ފަދަ ރީތި މިސްކިތްތައް ބިނާކުރެއްވިއެވެ.
ސިޔާސީ ގޮތުން ބަލާއިރު، އޮސްޓްރިއާގައި ވެރިކަން ކުރި ޔޫރަޕްގެ އެންމެ ނުފޫޒުގަދަ ހެބްސްބާގް ޚާންދާނާއި ފަރަންސޭސިވިލާތާއެކު މުހިންމު އެއްބަސްވުންތައް އުފެއްދެވިއެވެ.
އަވަހާރަވުމާއި ފަސްދާނުލުން
ސުލައިމާނު 46 އަހަރުވަންދެން ރަސްކަން ކުރެއްވިއެވެ. ސުލައިމާން އަލްޤާނޫނީ އަވަހާރަވީ 1566 ވަނަ އަހަރު ޒިގެޓްވާރު ހަނގުރާމައިގެ މައިދާނުގައެވެ. އެ ރަސްގެފާނު ފަސްދާނުލެވިފައިވަނީ އިސްތަންބޫލްގައި ހުންނަ ސުލައިމާނިއްޔާ މިސްކިތުގެ ގޯތި ތެރޭގައެވެ. އސުލައިމާނުގެ މަޤްބަރާއަކީ މިއަދުވެސް އެ ސިޓީގައި ހުރި އެންމެ މުހިންމު ތާރީޚީ ބިނާތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.








