ޤުރުއާނުގެ ނަޒަރުގައި އާއިލާއަކީ ހަމައެކަނި އިޖުތިމާޢީ ގުޅުމެއް ނޫނެވެ. އެއީ ފަރުދުން ތަރުބިއްޔަތު ކުރާ ތަޢުލީމީ މުއައްސަސާއެކެވެ. އެހެންކަމުން ޤުރުއާނުގައި އާއިލާ އުފެދުމާއި އޯގާތެރިކަމާއި، ކުލުނާއި، އިންސާފާއި، ވަޢުދުތައް ފުއްދުން ފަދަ އަގުތަކާ ގުޅުވައިދެއެވެ. ދެމަފިރިންނަށް އަމުރުކުރެވިފައިވަނީ އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ. އާއިލާއަކީ، ހިޔާވަހިކަމާއި ހަމަޖެހުމާއި ރައްކާތެރިކަމުގެ މަސްދަރެކެވެ. މި ފުން ތަސްވީރަކީ ހަމައެކަނި ރަސްމީ ވާޖިބުތައް އަދާކުރުމުގެ ޒިންމާއެއް ނޫނެވެ. އެއީ ނަފްސާނީ އަދި ރޫޙާނީ ގޮތުން އަނެއް ބައިވެރިޔާ ތަރުބިއްޔަތު ކުރުމުގެ ޒިންމާ ކޮންމެ ބައިވެރިއެއްގެ މައްޗަށް އޮތް ކަމެކެވެ. މިގޮތުން ޤުރުއާނީ އާއިލާ ބިނާވެފައިވަނީ ޚާއްސަ ޤިޔަމްތަކެއްގެ މައްޗަށެވެ.
1- ލޯތްބާއި އޯގާތެރިކަން
ކީރިތި ގުރުއާނުގައި ކައިވެނީގެ ގުޅުން ބިނާކުރައްވާފައިވަނީ ބޮޑު ދެ ބިންގަލެއްގެ މައްޗަށެވެ.
وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ
ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. [އައްރޫމް: 21]
"ހަމަހިމޭންކަން" (السكن) މި ބަހުގެ ތެރޭގައި ނަފްސާނީ އަމާންކަމާއި، ޖަޒުބާތީ ހަމަޖެހުން ހިމެނެއެވެ. އޭގެ ތަފްސީލަކީ: (ލޯބި – المودة) އަކީ ބޭރުފުށުން ފެންނަ ލޯތްބާއި އެކަން ހާމަކުރުމެވެ. އަދި (އޯގާތެރިކަން – الرحمة) އަކީ އުނިކަމެއް އަންނަ ހިނދު އިހުސާންތެރިވުމާއި، ދަތި އުނދަގޫ ވަގުތުތަކުގައި ކެތްތެރިވެ އޯގާތެރިވުމެވެ. ދެމަފިރިންކުރެ މީހަކު ބަލިކަށިވާ ހިނދު ނުވަތަ ބަލިވާ ހިނދު، އޯގާތެރިކަން ފެންނާނީ އަޅާލުމާއި ގުރުބާނީންނެވެ. މިއީ ގުޅުން ދެމެހެއްޓުމަށް އެހީތެރިވެދޭ ކަމެވެ.
2- އަދުލުވެރިކަމާއި އިންސާފު
އަދުލުވެރިކަމަކީ އާއިލީ ގުޅުންތަކުގައި ހިމެނޭ މައިގަނޑު އަގުތަކުގެ ތެރެއިން ކަމެކެވެ. މާތް الله ވަހީކުރެއްވިއެވެ:
فَإِنْ خِفْتُمْ أَلَّا تَعْدِلُوا فَوَاحِدَةً
ފަހެ، ޢަދުލުވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ. [އައްނިސާ: 3].
އަދި ވަހީކުރެއްވިއެވެ:
وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ ۚ
އަދި ޝަރުޢީ ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް ޙައްޤު ވެގެން ވެއެވެ. [އަލްބަގަރާ: 228].
އަދި ވަހީކުރެއްވިއެވެ:
وَلَن تَسْتَطِيعُوا أَن تَعْدِلُوا بَيْنَ النِّسَاءِ وَلَوْ حَرَصْتُمْ ۖ فَلَا تَمِيلُوا كُلَّ الْمَيْلِ فَتَذَرُوهَا كَالْمُعَلَّقَةِ ۚ وَإِن تُصْلِحُوا وَتَتَّقُوا فَإِنَّ اللَّهَ كَانَ غَفُورًا رَّحِيمًا
ތިޔަބައިމީހުން ކިތަންމެ ވަރަކަށް އެދި ދަހިވެތިވިޔަސް، އަނބިންގެ މެދުގައި (ލޯބީގެގޮތުން) ޢަދުލުވެރިވުމަކަށް ތިޔަބައިމީހުންނަކަށް ކުޅަދާނަވެގެނެއް ނުވާނެތެވެ. ފަހެ، ތިޔަބައިމީހުން (އެކެއްގެ ފަރާތް ދޫކޮށް) މުޅިން ލެނބުމަކުން ނުލެނބޭށެވެ! އެލުވާފައިވާ މީހެއް ފަދައިން އެކަނބުލޭގެ ދޫކޮށްލާ ގޮތުގައެވެ. (އެބަހީ: ވަރިވެސް ނުކޮށް، ޞުލްޙަ ވުމެއްވެސްނެތި އިނދެގެންމެ، ނީނދެ އުޅޭގޮތަށް އެއް އަނތްބަކާ އަޅައިނުލައި، އަނެއް އަނތްބެއްގެ ފަރާތަށް މުޅިން ލެނބިގެން ނުދާށެވެ!) އަދި، ތިޔަބައިމީހުން (އެކަން) އިޞްލާޙު ކޮށް ތަޤްވާވެރިވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ. [އައްނިސާ: 129].
މިއީ ހައްގުތަކާއި ވާޖިބުތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކޮށްދޭ މަތިވެރި ގަވާއިދުތަކެކެވެ. އަނބިމީހާގެ ޚަރަދުބަރަދު ދިނުމުގެ ހައްގަކީ ރަނގަޅު ގޮތުގައި އެކުގައި އުޅުމުގެ ބަދަލެވެ. އަދި ފިރިމީހާއަށް ހެޔޮކަންކަމުގައި ކިޔަމަންވުމުގެ ހައްގަކީ އަޅާލުމާއި އަދުލުވެރިކަމުގެ ބަދަލެވެ. ގުރުއާނުގައި ހަމައެކަނި އަދުލުވެރިވުމަށް އަމުރުކުރެއްވީއެއް ނޫނެވެ. އޭގެ ބަދަލުގައި އެކަން އަމަލީ ހަގީގަތާ ގުޅުވައި، އާއިލާގެ ތެރޭގައި އަނިޔާވެރިކަން ހުއްޓުވާނެ އުސޫލުތައް ކަނޑައަޅުއްވާފައިވެއެވެ.
3- ހެޔޮގޮތުގައި އެކުގައި އުޅުން
މާތް الله ވަހީކުރެއްވިއެވެ:
وَعَاشِرُوهُنَّ بِالْمَعْرُوفِ ۚ
އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ! [އައްނިސާ: 19].
ހެޔޮގޮތުގައި އުޅުމުގެ ތެރޭގައި: ހެޔޮ ބަސް ބުނުމާއި، ރަނގަޅަށް ހިތްހެޔޮކޮށް އޯގާތެރިކަމާއެކު މުއާމަލާތް ކުރުމާއި، ކުދިކުދި ކުށްތަކާއި އުނިކަންކަމަށް ދޫކޮށްލުން ހިމެނެއެވެ.
4- މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި އިހުސާންތެރިވުން
މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އާއިލީ އެންމެ މަތިވެރި އަގުތަކުގެ ތެރެއިން ކަމެކެވެ. މާތް الله ވަހީކުރެއްވިއެވެ:
وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا
އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުއްފު ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! [އަލްއިސްރާ: 23].
މާތް الله ވަނީ އެއިލާހުގެ ހައްގާއި މައިންބަފައިންގެ ހައްގު ގުޅުވާލައްވާފައެވެ. މިއީ އެ ދެމީހުންގެ މަތިވެރިކަން އަންގައިދޭ ކަމެކެވެ. މީގެ ތެރޭގައި: އެމީހުންގެ ކުރިމަތީގައި މަޑުމޮޅިވުމާއި، އެމީހުންނަށް ހެޔޮދުއާ ކުރުމާއި، މައިންބަފައިންގެ ގާތްތިމާގެ މީހުންނާ ގުޅުން ބޭއްވުން ހިމެނެއެވެ.
5- ހެޔޮކަންކަމުގައި ކިޔަމަންވުން
ގުރުއާނުގައި އާއިލާގެ މެންބަރުންގެ މެދުގައިވާ ގުޅުން ތަރުތީބުކޮށްފައިވަނީ އުސޫލުތަކެއްގެ މަތިން ކިޔަމަންވުމުގެ މައްޗަށެވެ. އެއީ މުޠުތަޤުކޮށް ހުރިހާ ކަމެއްގައި ކިޔަމަންވުމެއް ނޫނެވެ. މާތް الله ވަހީކުރެއްވިއެވެ:
وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حُسْنًا ۖ وَإِن جَاهَدَاكَ لِتُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۚ
އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރައްވައި، އަމުރު ކުރެއްވީމެވެ. އަދި ތިބާޔަށް އެއާމެދު ޢިލްމެއްލިބިފައި ނުވާ އެއްޗެއް، ތިމަންރަސްކަލާނގެއާ ޝަރީކު ކުރުމަށް ތިބާގެ މައްޗަށް އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، އެ ދެމީހުންނަށް ތިބާ ކިޔަމަން ނުވާހުށިކަމެވެ! [އަލްއަންކަބޫތު: 8]
އަދިވެސް ވަހީކުރެއްވިއެވެ:
وَإِن جَاهَدَاكَ عَلَىٰ أَن تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا ۖ
އަދި ތިމަންރަސްކަލާނގެއާމެދު، ތިބާއަށް އެނގުމެއްނުވާ އެއްޗެއް ޝަރީކު ކުރުމަށް، އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، ތިބާ އެ ދެމީހުންނަށް ކިޔަމަންނުވާށެވެ! އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ ދެމީހުންނާއެކު އުޅޭށެވެ! [ލުގުމާން: 15].
މިއިން، ކިޔަމަންތެރިކަން އޮންނަންވާނީ الله އަށް ކިޔަމަންވުމުގެ ތެރޭގައި ކަމާއި، އެކަލާނގެއަށް އުރެދުމުގެ ތެރޭގައި ނޫންކަން ސާބިތުކޮށްދެއެވެ. އެހެނީ، ޚާލިގުވަންތަ އިލާހަށް އުރެދުމެއްވާ ކަމެއްގައި މަޚުލޫގަކަށް ކިޔަމަންވުމެއް ނެތެވެ.
6- ތަރުބިއްޔަތާއި ތައުލީމު
ގުރުއާނުގައި ވަނީ އީމާންކަމާއި ހެޔޮ އަމަލުގެ މައްޗަށް ދަރިން ތަރުބިއްޔަތު ކުރުމަށް ސަމާލުކަން ދީފައެވެ. ލުގުމާންގެފާނުގެ ވަސިއްޔަތްތަކުގައި ގުރުއާން ވަނީ ފުރިހަމަ ނަމޫނާއެއް ދައްކަވާފައެވެ:
يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ
އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމް ކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރު ކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާޔަށްޖެހޭ މުޞީބަތަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، ޢަޒުމު ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ. [ލުގުމާން: 17].
ތަރުބިއްޔަތުގެ ދާއިރާތަކުގެ ތެރޭގައި: އަގީދާއައި، އަޅުކަމާއި، އަދި އަޚުލާގު (ތެދުވެރިކަން، ކެތްތެރިކަން، އަދި މަޑުމޮޅިކަން ފަދަ) ކަންކަން ހިމެނެއެވެ. އެހެންކަމުން ތަރުބިއްޔަތަކީ ހަމައެކަނި ޖިސްމާނީ ގޮތުން ބެލެހެއްޓުމެއް ނޫނެވެ. އެއީ ފުރިހަމަ ވަށައި ޖެހޭ އަގީދާއާއި އަޚުލާގުގެ ބިނާއެކެވެ.
ކީރިތި ޤުރުއާނުގައި އާއިލާ ބިނާކުރުމުގައި އަޤީދާގެ އަސާސްތައް







