ޙައްޖުގެ އެންމެ ބޮޑު ރުކުން އަދާކުރުމަށްޓަކައި ޙައްޖާޖީން ޢަރަފާތު ބިމަށް ޖަމާވާން ފަށައިފި

ޙައްޖުގެ އެންމެ މުހިންމު އަދި އެންމެ ބޮޑު ރުކުން ކަމުގައިވާ ޢަރަފާތު ބިމުގައި މަޑުކުރުމަށްޓަކައި، މިއަދު ހެނދުނުން ފެށިގެން ޙައްޖާޖީން ޢަރަފާތަށް ޖަމާވާން ފަށައިފިއެވެ. ޛުލްޙިއްޖާ މަހުގެ ނުވަވަނަ ދުވަހުގެ އިރު އެރުމާއެކު، ޙައްޖާޖީން ވަނީ މިނާ ދޫކޮށް ޢަރަފާތަށް ދިއުމުގެ ދަތުރު ފަށާފައެވެ.

ސައުދީ ޢަރަބިއްޔާގެ ޙައްޖާ ބެހޭ އިދާރާތަކުން ވަނީ ޙައްޖާޖީން ޢަރަފާތަށް ގެންދިއުމަށްޓަކައި ބަސްތަކާއި ރޭލުގެ ޚިދުމަތް ހިމެނޭހެން ވަރުގަދަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށްފައެވެ. މި އިންތިޒާމުތަކުގެ ދަށުން ހުރިހާ ޙައްޖާޖީން ޢަރަފާތަށް ޖަމާވެ، ޙައްޖުގެ އެންމެ މުހިންމު ވަގުތަށް ތައްޔާރުވަމުންދާކަން ސައުދީ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ޢަރަފާތުގައި ދުވަސް ހޭދަކުރުމަށްފަހު، އިރު އޮއްސުމާއެކު ޙައްޖާޖީން ދެން މިސްރާބު ޖަހާނީ މިނާ އާއި ޢަރަފާތާ ދެމެދު އޮންނަ މުޒްދަލިފާއަށެވެ. އެތަނުގައި މަޣުރިބު ނަމާދާއި ޢިޝާ ނަމާދު ޖަމްޢުކޮށް އަދާކުރުމަށްފަހު، ފަތިސްވަންދެން އެތަނުގައި ރޭކުރާނެއެވެ. އަދި ޖަމްރާތަކަށް އުކުމަށް ބޭނުންވާ ހިލަ ހޮވުމަށްފަހު، އަލުން މިނާއަށް އެނބުރި ދާނެއެވެ.

ޢީދު ދުވަހު (ޛުލްޙިއްޖާ 10) ޙައްޖާޖީން މިނާގައި ތިބެ ޖަމްރާތަކަށް ހިލަ އުކުމުގެ އަޅުކަން ކުރިއަށް ގެންދާނެއެވެ. އަދި އަވަސްވެގަންނަ މީހުން ފިޔަވައި، އެހެން ޙައްޖާޖީން ޛުލްޙިއްޖާ މަހުގެ 13 ވަނަ ދުވަހާ ހަމައަށް މިނާގައި މަޑުކުރާނެއެވެ.

ސައުދީ ދާޚިލީ ވަޒީރު އަދި ހައި ކޮމިޓީ ފޯ ޙައްޖުގެ ރައީސް އަމީރު ޢަބްދުލްޢަޒީޒް ބިން ސައުދު ބިން ނާއިފް ވިދާޅުވީ، ޙައްޖާޖީންނަށް ރައްކާތެރިކަމާއެކު އަޅުކަން އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީ ރަސްކަމުގެ ފަރާތުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. "އަޅުގަނޑުމެންގެ ލީޑަޝިޕުން ޙައްޖު މޫސުމަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ، ﷲ ގެ މެހެމާނުންނަށް އަމާންކަމާއެކު އަޅުކަން އަދާކުރެވޭނެ ހުރިހާ ވަސީލަތްތަކެއް ވަނީ ފަހިކޮށްދީފައި،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ޙައްޖުގެ ފުރަތަމަ މަރުހަލާގެ ކަންކަން ކާމިޔާބުކަމާއެކު ކުރިއަށް ގޮސްފައިވާކަން ފާހަގަކުރައްވައި، ސަލާމަތީ ބާރުތަކާއި ޚިދުމަތްދޭ އިދާރާތަކުގެ މެދުގައި އޮތް ގުޅުން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޙައްޖާޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މައިދާނީ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ މުހިންމުކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ހިއްސާ ކުރައްވާ!