އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ގޮނޑި ކާމިޔާބުނުކުރެވުނު ނަމަވެސް، ލިބުނު ނަތީޖާއަކީ ކުރިމަގަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް ބުނެ، ސަރުކާރުގެ އިސްވެރިން ދަނީ 2028 ގެ ރިޔާސީ އިންތިޚާބަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއެކު ސަފުތައް ވަރުގަދަކުރަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވަގުތީ ނަތީޖާތައް ދައްކާގޮތުން، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް ޢަބްދުﷲ ސޯދިގު މި ގޮނޑި ކާމިޔާބުކުރެއްވީ އެންމެ 62 ވޯޓުގެ ހަނި ތަފާތަކުންނެވެ. ސޯދިގަށް 1,375 ވޯޓު (51.15 އިންސައްތަ) ލިބިވަޑައިގަތްއިރު، ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދު ވަނީ 1,313 ވޯޓު (48.85 އިންސައްތަ) ހޯއްދަވާފައެވެ.
މި އިންތިޚާބުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ ވޯޓުފޮށިތައް ބެހިގެންދިޔަ ގޮތެވެ. އިންތިޚާބުގައި ބެހެއްޓުނު ޖުމްލަ ހަތް ވޯޓުފޮށީގެ ތެރެއިން، ހިތަދޫ ސަރަޙައްދުގައި ބެހެއްޓި ފޮށިތަކުން ޕީއެންސީގެ ސަޢީދު ވަނީ 34 ވޯޓުގެ ކުރިއެރުމެއް ހޯއްދަވައި، ޖުމްލަ ހަތަރު ފޮށިން ކުރި ހޯއްދަވާފައެވެ. ނަމަވެސް، ސަރުކާރަށް ގޮނޑި ގެއްލިގެންދިޔައީ މާލޭގައި ތިބި އައްޑޫގެ ރައްޔިތުން ވޯޓުލީ ފޮށިން އެމްޑީޕީއަށް ލިބުނު ބޮޑު ތަފާތުގެ ސަބަބުންނެވެ.
މި ނަތީޖާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ލީޑަރެއް ކަމަށްވާ ޢަބްދުއްރަޙީމް ޢަބްދުﷲ، ސޯޝަލް މީޑިއާ މެދުވެރިކޮށް ދެއްވީ ސިޔާސީ ގޮތުން ވަރުގަދަ މެސެޖެކެވެ. އޭނާ ވިދާޅުވީ ގޮނޑި ނުލިބުނަސް، އައްޑޫ ސިޓީގެ ފޮށިތަކުން ޕާޓީއަށް ލިބުނު ކުރިއެރުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"އަޙްމަދު ސަޢީދު ކުރެއްވި މަސައްކަތާ ހިތްވަރަށް ސާބަސްދެން. ކެމްޕެއިންޓީމުގެ މަސައްކަތަށް ތަޢުރީފު ޙައްގު. އައްޑޫ ސިޓީގައި ބެހެއްޓުނު ފޮށިތަކުން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދެވުމަކީ ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް. އިންޝާ الله، މިއަދުން ހިތްވަރު ލިބިގެން 2028 އަށް ރައީސް މުޢިއްޒާ އެކު މިތިބީ އަމާޒު ހިފައިގެން ގަދަކޮށް،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޕީއެންސީގެ ލީޑަރޝިޕުން މި ނަތީޖާ ސިފަކުރަނީ ބަލިވުމެއްގެ ގޮތުގައެއް ނޫނެވެ. އެއާ ޚިލާފަށް، މިއީ ކުރިއަށް އޮތް ބޮޑެތި އިންތިޚާބުތަކަށް ސިޔާސީ ސްޓްރެޓެޖީ ބައްޓަންކުރަން ލިބުނު "ރޯޑްމެޕެއް" ގެ ގޮތުގައެވެ.
މި ބައި އިލެކްޝަނުގެ ކެމްޕޭން މެނޭޖަރު އަދި ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މި އިންތިޚާބުން ކުރިމަގުގެ ރާސްތާ ވަރަށް ސާފުކޮށް ފެނިގެން ހިނގައްޖެ ކަމަށެވެ. މިއީ ވަރަށް ގިނަ ބައެއްގެ ކޯޑިނޭޝަނާއެކު ކުރެވުނު ބުރަ މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
- މާލޭގެ ފޮށިން ފާހަގަކުރެވުނު ހީނަރުކަމަށް ބަލައި، ކުރިއަށް އޮތް ތަނުގައި މާލެ ސަރަޙައްދާއި އަތޮޅުތެރޭގެ ސިޔާސީ މަސައްކަތްތައް އިތުރަށް ފުޅާކުރާނެއެވެ.
- އެއްވެސް ހަމަނުޖެހުމެއް ނެތި، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ފޯރިއާއެކު އިންތިޚާބު ނިންމާލެވުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.
- އާންމުންނަށް ސަރުކާރުގެ ތެރެއިން ކޮށްދެވެން ހުރި ކަންކަން ހަރުދަނާކޮށް، ޕާޓީގެ ސަފުތައް ބަދަހިކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ އެންމެ ބޮޑު އެދިވަޑައިގަތުމެވެ.



