އަފްޣާނިސްތާނުގައި ފޯނު ބޭނުންކުރުން މަނާކޮށްފި

އަފްޣާނިސްތާނުގެ ވެރިކަން ކުރާ ޠާލިބާން ޖަމާޢަތުގެ މެންބަރުންނާއި ސަރުކާރުގެ މުވައްޒަފުން ސްމާޓްފޯނު ބޭނުންކުރުން މުޅިން މަނާކޮށް، އެ ޖަމާޢަތުގެ ޒައީމް ހިބަތުﷲ އަޚުންދްޒާދާ އަމުރެއް ނެރުއްވައިފިއެވެ. މި އަމުރާ ޚިލާފުވާ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ސާފުނުވި ނަމަވެސް، އެފަދަ މީހުން ސިފައިންގެ ކޯޓުތަކަށް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ.

އަފްޣާނިސްތާނުގެ މިނިވަންކަމާއި އިސްލާމީ ސަގާފަތް ބޭރުގެ ނުފޫޒުތަކުން ހިމާޔަތްކުރުމަށް ޠާލިބާނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނެރުނު މި އަމުރު، އެޤައުމުގެ އަދުލުއިންސާފާ ބެހޭ ވުޒާރާއިން މިހާރު ވަނީ 8 ސަރަޙައްދެއްގެ ސިފައިންގެ ކޯޓުތަކުގެ ވެރިންނަށް ފޮނުވާފައެވެ. މީގެއިތުރުން އެ ސަރަޙައްދުތަކުގެ ފުލުހުންގެ ވެރިންނާއި ޖާސޫސީ އިދާރާތަކަށްވެސް މިކަން ވަނީ އަންގާފައެވެ.

މި އަމުރު ތަންފީޛުކުރުމަށްޓަކައި ޠާލިބާނުން ވަނީ ޚާއްޞަ ނިޒާމެއް އެކުލަވާލާފައެވެ. މިގޮތުން ސަރުކާރުގެ މުވައްޒަފުން މި ނިންމުމަށް ބޯލަނބާތޯ ބެލުމުގެ ޒިންމާ ޙަވާލުކޮށްފައިވަނީ ސިފައިންގެ ކޯޓުތަކުގެ މުވައްޒަފުންނަށެވެ.

މި ބަދަލާއެކު، ފާރަވެރިވާންޖެހޭ ކޮންމެ މީހެއްގެ ނަމާއި، ވަޒީފާގެ މަޤާމާއި، އޮފީހުގެ އިތުރުން އެމީހަކު ބޭނުންކުރާ މުވާޞަލާތީ ކުންފުންޏާއި ފޯނު ނަންބަރު ހިމެނޭ ޚާއްޞަ ލިސްޓެއް އެކުލަވާލުމަށް ވަނީ އަމުރުކޮށްފައެވެ. އެމެރިކާއާއި ހުޅަނގުގެ ޓެކްނޮލޮޖީގެ ޒަރީޢާއިން ޤައުމުގެ ސަލާމަތަށް ނުރައްކާވިޔަ ނުދިނުމަށްޓަކައި، މި އަމުރު ފުރިހަމައަށް ހިންގާނެކަމުގެ ޔަޤީންކަން ޠާލިބާންގެ ލީޑަރޝިޕަށް އެރުވުމަށް ސިފައިންގެ ކޯޓުތަކަށް ވަނީ އަންގާފައެވެ.

މިވާހަކައިގެ ތެދުދޮގު ބެލިފައެއް ނުވެއެވެ. މި ކަން ގެނަސްދިނީ ތާލިބާނާ ދެކޮޅު އަފްޣާން އިންޓަރނޭޝަނަލް އިންނެވެ!

ހިއްސާ ކުރައްވާ!