ސައްލާމް އައްތަރްޖުމާނަކީ ޔައުޖޫޖު މައުޖޫޖު ބަންދުކޮށްފައިވާ ސައްދު ހޯދި މީހާއެވެ. އޭނާ އެ ފާރުގެ ދިގުމިނާއި ފުޅާމިނާއި، އެފާރުގެ ބޯމިން ވެސް ތަފްސީލުކޮށް ކިޔައިދިނެވެ.
މި ވާހަކައަކީ އިސްލާމީ ތާރީޚުގައިވާ އެންމެ މަޝްހޫރު އަދި އެންމެ އަޖާއިބް ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މުއައްރިޚް އަދި ޖިއޮގްރާފަރު އިބްނު ހުރްދާޛްބިހް (މަރުވީ ހިޖުރައިން 208 ވަނަ އަހަރު) އޭނާގެ "އަލްމަސާލިކު ވަލްމަމާލިކު" ފޮތުގައި މި ވާހަކަ ތަފްސީލުކޮށް ލިޔެފައިވެއެވެ.

ކުރެހުން: ޔައުޖޫޖު މައުޖޫޖުގެ ފިތުނަ (ނުވަތަ ޔައުޖޫޖު މައުޖޫޖު)، މިއީ 18 ވަނަ ޤަރުނުގެ އުސްމާނީ މެނުސްކްރިޕްޓެއްގައިވާ، ޒަކަރިއްޔާ އަލްޤަޒްވީނީގެ ފޮތުގެ ކުރެހުމެކެވެ.
ދަތުރުގެ ފެށުން
ޢައްބާސީ ޚަލީފާ އަލްވާޘިގު ބިﷲއަށް ބިރުވެރި ހުވަފެނެއް ފެނިވަޑައިގެންނެވިއެވެ. އެ ހުވަފެނުގައި ޛުލްޤަރުނައިނި (ސުލައިމާނުގެފާނު) ބިނާކުރެއްވި ސައްދުގެ ބައެއް ހަލާކުވެފައިވާތަން އޭނާއަށް ފެނިވަޑައިގަތެވެ. އެހެންކަމުން، އެ ފާރުގެ ހާލަތު ބެއްލުމަށް ޚަލީފާ ނިންމެވިއެވެ. މި ނުރައްކާތެރި ދަތުރަށް ޚަލީފާ ހޮއްވެވީ 30 ބަހުން ވާހަކަދައްކަން އެނގޭ ސައްލާމް އައްތަރްޖުމާންއެވެ.
ދަތުރަށް ތައްޔާރުވުން
ޚަލީފާ 50 މީހުންގެ ވަރުގަދަ ޓީމެއް ސައްލާމާއެކު ފޮނުއްވިއެވެ. ސައްލާމަށް 5,000 ދީނާރު، އަދި ކޮންމެ މީހަކަށް 1,000 ދިރުހަމާއި އެއް އަހަރު ދުވަހުގެ ކާބޯތަކެތި ދެއްވިއެވެ. މީގެ އިތުރުން 200 ޖަމަލުގެ ކާބޯތަކެތި އުފުލުމަށް ހަމަޖެއްސެވިއެވެ.
ދަތުރުގެ މަގު
ސައްލާމް އޭނާގެ ޓީމާއެކު ޚިލާފަތުގެ ވެރިރަށް ބަޣުދާދުން ފުރައިގެން ތިބްލީސީ މިހާރުގެ ޖޯޖިއާގެ ވެރިރަށަށް ދިޔައެވެ. އެތަނުގެ ގަވަރުނަރު އިސްހާޤު ބިން އިސްމާޢީލް އެމީހުންނަށް އެހީތެރިވެ، ދާޣިސްތާނާއި އޮސީޝިއާގެ ރަސްކަލުންނަށް ސިޓީ ފޮނުއްވިއެވެ. އެންމެ ފަހުން އެމީހުން ޚަޒަރުންގެ ރަސްގެފާނުގެ ގާތަށް ދިޔައެވެ. ޚަޒަރުންގެ ރަސްގެފާނު 5 މީހުންގެ އާރުކާޓީއެއް ދެއްވިއެވެ. އަދި، އެމީހުން ހަނަފަސް ބިމެއް ހުރަސްކޮށް 25 ދުވަސް ވަންދެން ދަތުރުކުރިއެވެ.
ސައްދާއި ހަމައަށް ވާސިލުވުން
ދަތުރުމަތީގައި އެމީހުން 10 ދުވަސް ވަންދެން ވަރަށް ނުބައި ވަސްދުވާ ކަޅު ބިމެއް ހުރަސްކުރިއެވެ. ދެން އެމީހުން 20 ދުވަސް ވަންދެން ހުރަސްކުރީ ޔައުޖޫޖު މައުޖޫޖު ހަލާކުކޮށްފައިވާ ފަޅު ރަށްތަކުގެ ތެރެއިން ލައިގެންނެވެ. އެންމެ ފަހުން އެމީހުން ފަރުބަދަތަކުގެ ދޭތެރޭގައިވާ 150 މުށް ފުޅާ މަގަކަށް ފޯރިއެވެ. އެތަނުން އެމީހުންނަށް ދަގަނޑާއި ލޮއި ބޭނުންކޮށްގެން ހަދާފައިވާ ބިޔަ ފާރު (ސައްދު) ފެނުނެވެ. އެ ފާރުގެ މެދުގައި 60 މުށުގެ ފުޅާ ބޮޑު ދޮރެއް ހުއްޓެވެ.
ސައްދުގެ ހާލަތު
ސައްލާމް އެ ދޮރު ބެލި އިރު، ޚަލީފާއަށް ހުވަފެނުގައި ފެނިވަޑައިގަތް ފަދައިން އެތަނުގައި ކުޑަ ރެނދެއް ހުއްޓެވެ. ސައްލާމް އެ ރެނދުން ދަގަނޑުގެ ބައިކޮޅެއް ކޮނެގެން ގެނައެވެ. އެތަނުގައި ޚަޒަރުންގެ ގާޑުން ކޮންމެ ދުވަހަކުވެސް ފާރު ގެ ހާލަތު ބަލަހައްޓަމުން ދިޔައެވެ. ކޮންމެ ދުވަހަކު ވެސް ސުޕަވައިޒަރަކު އައިސް ދަގަނޑު މުގުރުން ފާރުގެ ބޭރުގައި ތިން ފަހަރު ޖަހައި، އެތެރޭގައި ތިބި މީހުންނަށް ފާރަވެރިން ތިބިކަން އަންގައެވެ. އެ ވަގުތު އެތެރެއިން މާބުރުތަކެއްގެ އަޑު ފަދަ އަޑުތަކެއް އިވެއެވެ.
އެނބުރި އައުން
ދަތުރު ނިންމާފައި ސައްލާމް ތަރުޖުމާން އެނބުރި އައި މަގުމަތީގައި، ބަލިމަޑުކަމާއި ބަނޑުހައިހޫނުކަމުގެ ސަބަބުން ގިނަ ބަޔަކު މަރުވިއެވެ. ފުރި 50 މީހުންގެ ތެރެއިން އެނބުރި ބަޣުދާދަށް ދެވުނީ 14 މީހުންނަށެވެ. ސައްލާމް ޚަލީފާގެ އަރިހަށް ގޮސް ހުރިހާ ވާހަކައެއް ކިޔައިދީ، އޭނާ ގެނައި ދަގަނޑުކޮޅު ދެއްކިއެވެ. ޚަލީފާ ވަރަށް އުފާކުރައްވައި، ﷲ އަށް ޝުކުރު ދެންނެވިއެވެ.
މި ދަތުރަށް ޖުމްލަ 28 މަސް ހޭދަވިއެވެ. މުއައްރިޚުން ދެކޭ ގޮތުގައި މިއީ ހަގީގީ ދަތުރެކެވެ! ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ސައްދަކީ ދާޣިސްތާނުގައިވާ 'ދަރުބަންދު' އެވެ. އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ މެދު އޭޝިއާގެ ސަރަހައްދެއްގައިވާ ތަނެކެވެ.
މުއައްރިޚް އަދި ޖިއޮގްރާފަރު އިބްނު ހުރްދާޛްބިހް (208އ)ގެ "އަލްމަސާލިކު ވަލްމަމާލިކު" ފޮތުން.



