އެމިރޭޓްސް އެއަރލައިންސްއަށް "ބިޒްނަސް ޓްރެވަލަރ މިޑްލް އީސްޓް 2026″ އެވޯޑް ހަފްލާގައި މުހިންމު 3 އެވޯޑެއް ލިބިއްޖެއެވެ. އޭގެ ތެރޭގައި "ދުނިޔޭގެ އެންމެ މޮޅު އެއަރލައިން"ގެ އެވޯޑް ހިމެނޭއިރު، ދެން ލިބިފައިވަނީ "އެންމެ މޮޅު ފަސްޓް ކްލާސް" އަދި ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހުންނަ އެމިރޭޓްސްގެ ފަސްޓް ކްލާސް ލައުންޖަށް "މެދުއިރުމަތީގެ އެންމެ މޮޅު އެއަރޕޯޓް ލައުންޖު"ގެ އެވޯޑެވެ.
މި އެވޯޑުތަކަކީ ވިޔަފާރި ދަތުރުފަތުރުގެ ދާއިރާގައި ފާހަގަކޮށްލެވޭ އެވޯޑުތަކެއް ކަމަށާއި، މި އެވޯޑުތައް ކަނޑައަޅަނީ މަޖައްލާގެ ކިޔުންތެރިންގެ ވޯޓުން ކަމަށް އެމިރޭޓްސްއިން މައުލޫމާތު ދެއެވެ. މި އެވޯޑުތަކާ ހަވާލުވީ އެމިރޭޓްސްގެ ޗީފް ކޮމާޝަލް އޮފިސަރު އަދުނާން ކާޒިމްއެވެ.

އެމިރޭޓްސްގެ ތަރައްޤީއާއި ކުރިއެރުން:
- އެމިރޭޓްސްއިން މިހާރު 219 މަތިންދާ ބޯޓު (އޭ380 އަދި ބޮއިންގ 777) އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދެއެވެ. އަދި އައު އޭ350 މަތިންދާ ބޯޓުތައް ވެސް ދަނީ ފްލީޓަށް އިތުރުކުރަމުންނެވެ.
- މިހާރު އެމިރޭޓްސްގެ އައު އަދި އަޕްގްރޭޑްކޮށްފައިވާ ބޯޓުތައް ދުނިޔޭގެ 70 އަށް ވުރެ ގިނަ މަންޒިލަށް ޚިދުމަތް ދެއެވެ.
- އެމިރޭޓްސްގެ ބޯޓުތަކުގައި "ސްޓާލިންކް" ހައި-ސްޕީޑް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދޭން ވަނީ ފަށާފައެވެ. މިހާތަނަށް 36 ބޯޓެއްގައި މި ޚިދުމަތް ހަރުކޮށްފައިވާއިރު، މިއީ މި ޓެކްނޮލޮޖީ ބޭނުންކުރާ ދުނިޔޭގެ އެންމެ ބޮޑު އިންޓަރނޭޝަނަލް ފްލީޓަށް ވެގެންދާނެއެވެ.
- ދަތުރުވެރިންގެ ރައްކާތެރިކަމަށްޓަކައި އެމިރޭޓްސްއިން ދާދި ފަހުން ވަނީ "ކޮމްޕްރިހެންސިވް ޓްރެވަލް އިންޝުއަރެންސް" ޕްރޮގްރާމް ވެސް ތައާރަފްކޮށްފައެވެ.



