ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ ބޭނުންތަކަށާއި އިހުސާސްތަކަށް އިސްކަންދީގެން ޚިދުމަތް ފޯރުކޮށްދޭ ނަމޫނާ މުއައްސަސާއަކަށް ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.
ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި، ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި، މުއައްސަސާގެ ހިންގުން ހަރުދަނާ ކުރުމާއި، އަދި ކަނޑައެޅިފައިވާ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އަދި އެގްޒެކެޓިވް ބޯޑުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރަމުންދާ މި ދަނޑިވަޅުގައި، މުއައްސަސާގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގައި އެގްޒެކެޓިވް ބޯޑުގެ ދައުރު ވަރަށް މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށާއި، ރާއްޖޭގެ އަމަންއަމާންކަން ދެމެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމުގެ ޔަގީންކަން އެގްޒެކެޓިވް ބޯޑުން ވަނީ ރައީސަށް އަރުވާފައެވެ.
ފުލުހުންގެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި، އެ މުއައްސަސާގެ އޮނިގަނޑަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އައު އޮނިގަނޑުގެ ދަށުން ތަހުގީގު، އިންޓެލިޖެންސް، ފޮރެންސިކް، ޓެކްނޮލޮޖީ އަދި ތަމްރީނު ފަދަ މުހިންމު ދާއިރާތައް ވަކި ކޮމާންޑްތަކެއްގެ ދަށުން ތަރުތީބުކޮށް، ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ވަނީ ރާވާފައެވެ.






