ސާބިއާގެ ރައީސް އެލެގްޒެންޑާ ވުޗިޗް އިސްތިއުފާ ދެއްވަން ނިންމަވައި، އަވަސް އިންތިހާބަކަށް ގޮވާލައްވައިފި

ސާބިއާގެ ރައީސް އެލެގްޒެންޑާ ވުޗިޗް ހޮނިހިރު ދުވަހު އިއުލާންކުރެއްވި ގޮތުގައި، ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވާނެއެވެ. އަދި އޭގެ ފަހުން ރިޔާސީ އިންތިޚާބާއި ޕާލަމެންޓްރީ އިންތިޚާބު އަވަސްކޮށް، ބޭއްވުމަށް ވަނީ ނިންމަވާފައެވެ.

މި ނިންމެވުން އިއުލާންކުރައްވާފައި މިވަނީ، 2024 ވަނަ އަހަރު ނޯވީ ސާޑް ސިޓީގެ ރޭލްވޭ ސްޓޭޝަނެއްގެ ހިޔާގަނޑު ވެއްޓި 16 މީހަކު މަރުވި ހާދިސާއާ ގުޅިގެން، ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް ފާއިތުވި އެއް އަހަރާއި ބައިގެ ތެރޭގައި އެ ގައުމުގައި ކުރިއަށްދިޔަ ބޮޑެތި މުޒާހަރާތަކަށް ފަހުގައެވެ.

ވެރިރަށް ބެލްގްރޭޑްގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާ މުހާތަބުކުރައްވައި ވާހަކަ ދައްކަވަމުން ވުޗިޗް ވިދާޅުވީ، މަގާމުގައި ދެމިހުންނަވާނީ މަދު ހަފުތާތަކަކަށް ކަމަށެވެ. އެއަށްފަހު އިސްތިއުފާ ދެއްވާނެ ކަމަށެވެ. ސާބިއާގެ ރައީސްގެ މަގާމުގައި ވުޗިޗް މިހާރު ފުރުއްވަމުން ގެންދަވާ ދެވަނަ އަދި ފަހު ދައުރު ހަމަވާން އޮތީ 2027 ވަނަ އަހަރުގެ މެދުތެރޭގައެވެ.

ވުޗިޗް އިތުރަށް ވިދާޅުވީ، އިންތިހާބުތަކުގައި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ 'ސާބިއަން ޕްރޮގްރެސިވް ޕާޓީ' އަށް ކާމިޔާބީ ހޯދައިދިނުމަށް އެހީތެރިވެދެއްވާނެ ކަމަށެވެ. މީގެ ތެރޭގައި އަވަސްކޮށް ބާއްވާ ޕާލަމެންޓްރީ އިންތިހާބު ވެސް ހިމެނެއެވެ. ނަމަވެސް، އިސްތިއުފާ ދެއްވާނެ ސީދާ ތާރީހެއް ނުވަތަ ޕާލަމެންޓް އުވާލާނެ ދުވަހެއް ހާމައެއް ނުކުރައްވައެވެ.

ސާބިއާގެ އިދިކޮޅު ފަރާތްތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތުކުރާ ގޮތުގައި، ރޭލްވޭ ސްޓޭޝަންގެ ހާދިސާއަކީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމުގައި އޮތް ކޮރަޕްޝަނާއި އިހުމާލުގެ ވަރަށް ބޮޑު ހެއްކެކެވެ. މުޒާހަރާތައް އިންތިޒާމުކުރާ ދަރިވަރުން ބުނަނީ، ކުރިއަށް އޮތް އިންތިހާބުތަކުގައި ވުޗިޗް އާއި އޭނާގެ ޕާޓީއާ ދެކޮޅަށް ނުކުމެ، ގައުމުގެ ހާލަތު ބަދަލުކުރަން ބޭނުންވާ ކަމަށެވެ.

ހިއްސާ ކުރައްވާ!