ސައުދީ އަރަބިއްޔާގެ ނަޖްރާން ސަރަހައްދުގައި މަސްތުވާތަކެތި އެތެރެކުރި ކަމުގެ ކުށް ސާބިތުވި ސޯމާލިއާގެ ތިން ރައްޔިތަކަށް މަރުގެ އަދަބު ދީފިއެވެ.
ސައުދީ މިނިސްޓްރީ އޮފް އިންޓީރިއާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަރުގެ އަދަބު ދީފައިވަނީ އަހުމަދު އާދަމް އަބްދުﷲ އިބްރާހިމް، އަހުމަދު މަހްމޫދު އިސްމާއިލް އަބްދުއްރަހްމާން، އަދި މަހްމޫދު އަބްދުއްރަހްމާން އިބްރާހިމް ހަސަން ކަމަށެވެ. މި ތިން މީހުންނަކީ ވެސް ސޯމާލިއާގެ ރައްޔިތުންނެވެ.
މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން، މި ތިން މީހުންގެ މައްޗަށް ކުށް ސާބިތުވެފައިވަނީ ސައުދީ އަރަބިއްޔާއަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ 'ހަޝީޝް' އެތެރެކުރުމުގެ މަސައްކަތް ކުރުމުންނެވެ. ސައުދީ ސަލާމަތީ ބާރުތަކުން މި ތިން މީހުން ހައްޔަރުކޮށް، މައްސަލަ ކޯޓަށް ހުށަހެޅުމުން، އެމީހުންގެ މައްޗަށް ކުށް ސާބިތުވެ 'ތައުޒީރީ' ގޮތުން މަރުގެ އަދަބު ދިނުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މި ހުކުމްތައް އިސްތިއުނާފު ކުރުމަށްފަހު، ސައުދީގެ ސުޕްރީމް ކޯޓުން ވަނީ އެ ހުކުމަށް ތާއީދުކޮށްފައެވެ. އަދި ރަސްގެފާނުގެ އަމުރުފުޅުގެ ދަށުން، މި ހުކުމް ނަޖްރާން ސަރަހައްދުގައި ތަންފީޒުކޮށްފައިވާ ކަމަށް އެ ގައުމުގެ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވެއެވެ.
ސައުދީ އަރަބިއްޔާއިން އަންނަނީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، މިފަދަ ޖަރީމާތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ސައުދީ ސަރުކާރުން އަބަދުވެސް ދެމުން އަންނަނީ، އެ ގައުމުގެ ރައްޔިތުންނާއި ގައުމުގެ އަމަންއަމާންކަން ހިމާޔަތް ކުރުމުގެ ގޮތުންނެވެ.





