މީގެ ކުރިން ޔޫރަޕިއަން ޕާލަމެންޓުގެ ހޯލުތަކުގައި ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ މެންބަރުން ގޮވަމުން އައި "އެމީހުންގެ ޤައުމުތަކަށް އަނބުރާ ފޮނުވާލާ!" މި ހަރު އަޑުތަކަކީ މިހާރު ހަމައެކަނި ޕްރޮޕަގެންޑާއެއް ނުވަތަ އިންތިޚާބީ ޝިއާރެއް ނޫނެވެ. މިއަދު އެއީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ރަސްމީ ޤާނޫނީ ސިޔާސަތުގެ މައިގަނޑު އަސާސެވެ.
މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު އީޔޫގެ ޕާލަމެންޓުން ވަނީ 418 ވޯޓުގެ ބޮޑު އަޣުލަބިއްޔަތަކުން ޔޫރަޕަށް ހިޖުރަކުރާ މީހުން އަނބުރާ ފޮނުވާލުމަށް ޚާއްސަ މަރުކަޒުތައް ޤާއިމުކުރުމުގެ ޤާނޫނު ފާސްކޮށްފައެވެ.މި ޤާނޫނަކީ އީޔޫގެ އިދާރީ އަދި ސިޔާސީ އޮނިގަނޑުގެ ތެރެއިން އެކުލަވާލެވުނު ރަސްމީ ސިޔާސަތެކެވެ.
މި ޤާނޫނު ފާސްވުމަކީ ހަރުކަށި ކަނާތު ފިޔައިގެ ފިކުރަށް ލިބުނު ބޮޑު ސިޔާސީ ކާމިޔާބީއެކެވެ. މި ކާމިޔާބީ ފެނިގެންދަނީ ޕާލަމެންޓުގެ ތެރޭގައި އޮތް ވިސްނުމުގެ އެއްގޮތްކަމުންނެވެ. ކަނާތު ފިޔައިގެ ހަރުކަށި ޕާޓީތަކުން ބުނާ ގޮތުގައި، މިއީ އެމީހުންގެ ސިޔާސީ އެޖެންޑާ ޔޫރަޕުގެ މުސްކުޅި ޤައުމުތަކަށް ސާބިތުކޮށްދިން ހެތްކެކެވެ.
މި އާ ސިޔާސަތުގެ ދަށުން، އީޔޫގެ މެންބަރު ޤައުމުތަކަށް ލިބޭ ބާރަކީ ހިޖުރަކުރާ މީހުން ޤައުމުން ބޭރުކޮށް، ތިންވަނަ ޤައުމެއްގައި ހުންނަ މަރުކަޒުތަކަށް އެމީހުން ފޮނުވާލުމެވެ. މިއީ ބައިނަލްއަޤްވާމީ ހިމާޔަތް ދިނުމުގެ ނިޒާމު ވަރުގަދަކުރުމުގެ ބަދަލުގައި، ހިޖުރަކުރާ މީހުން ޔޫރަޕުގެ ބިންތަކުން ދުރުކުރުމުގެ ސިޔާސަތެކެވެ. މި ޤާނޫނަކީ އީޔޫއިން ތުރުކީ، ލީބިޔާ، އަދި ޓިއުނީޝިއާ ފަދަ ޤައުމުތަކާ އެކު ކުރިން ހެދި އެއްބަސްވުންތަކުގެ ދިގު ދެމިގެން އައި ހިޖުރައިގެ ކަންކަން އެހެން ފަރާތްތަކަށް ޖާމިނުކުރުމުގެ ޕްރޮސެސްގެ ތެރެއިން އައިސްފައިވާ ކަމެކެވެ.
އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަނީ މި މަރުކަޒުތަކުގެ ހިންގުމުގައި ޤާނޫނީ ހުސްކަމެއް އުފެދިދާނެތީއެވެ. މިފަދަ ތަންތަނުގައި ހިމާޔަތް ހޯދުމުގެ ޙައްޤު ކަށަވަރުކުރުމާއި، އަނބުރާ ފޮނުވާލުމާ ދެކޮޅަށް އަޑުއުފުލުމުގެ ފުރުސަތު ކުޑަވެ، އިންސާނީ ޙައްޤުތަކަށް ބޮޑެތި އަރައިގަތުންތައް ހިންގާފާނެ ކަމުގެ ބިރު އެބައޮތެވެ.
އީޔޫގެ މި އަމަލުން ފެނިގެންދަނީ، އިންސާނީ ޙައްޤުތަކުގެ ވާހަކަ ދެއްކުމަށްފަހު، ހިޖުރަކުރާ މީހުން ހިފެހެއްޓޭނެ ކޮންމެ އަނިޔާވެރި ނިޒާމަކާ އެކު ވެސް އެއްބާރުލުން ދިނުމަށް ތައްޔާރަށް އޮތް މަންޒަރެވެ. މިއީ އެތައް ދުވަހެއްގެ އިންސާނިއްޔަތާ ހިލާފު ވިސްނުންތަކެއްގެ ނަތީޖާއެއް ކަމަށާއި، ހިޖުރަކުރާ މީހުންނަކީ ސިޔާސީ ބާޒާރުގައި ބަދަލުކުރެވޭ މުދަލެއްގެ ގޮތުގައި ބަލަމުންދިއުމެވެ.
މިހާރު ހިޖުރަކުރާ މީހުން ޤައުމުން ބޭރުކުރުމުގެ ޤާނޫނުތައް ތަންފީޒު ކުރެވެނީ އެންމެ 20% އެވެ. މި ނިސްބަތް އިތުރުކުރުމަށްޓަކައި ޔޫރަޕުގެ ޤައުމުތަކުން މިވަނީ ޤާނޫނީ ހަމަތަކާއި އިންސާނީ ކަރާމާތް ޤުރުބާންކޮށް، ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
މިކަމުގެ އެންމެ ނުރައްކާތެރި ކަމަކީ، ހަމައެކަނި ޤާނޫނުތައް ހަރުކަށިވުމެއް ނޫނެވެ. އޭގެ ބަދަލުގައި ޔޫރަޕުގެ ސިޔާސީ ބަސްމޮށުންތެރިކަން ނަސްލީ ތަފާތު ކުރުމަށް މުޅިން ބަދަލުވެ، ކުރިން ގެންގުޅުނު ނާޒީ ސްޓަައިލްގެ ހަރުކަށި ފިކުރާ ދެކޮޅު ހެދި ޕާޓީތައް ވެސް މިއަދު އެ ފިކުރުތައް ބަލައިގަންނަމުން ދިއުމެވެ.







