ސައޫދީ: ކޮރަޕްޝަނުގެ މައްސަލަތަކެއްގައި 385 މީހަކާ ސުވާލުކުރަން ފަށައިފި

ސައުދީ ޢަރަބިއްޔާގެ އެންޓި-ކޮރަޕްޝަން އިދާރާ، ނަޒާހާ އިން ޖޫން މަހުގެ ތެރޭގައި 1,585 ތަނެއް ބަލައިފާސްކުރުމެއް ކުރިއަށް ގެންގޮސް، ކޮރަޕްޝަނުގެ އެކި މައްސަލަތަކުގައި ތުހުމަތުކުރެވޭ 385 މީހަކާ ސުވާލުކޮށް ތަހުގީގު ހިންގަން ފަށައިފިއެވެ. ޢިރާޤުން ވެސް މިފަދަ ފިޔަވަޅުތަކެއް އަޅަމުންދާ ދުވަސްވަރެއްގައި ސައުދީން ފެށި މި ހަރަކާތަކީ ދައުލަތުގެ ފައިސާ އާއި މުދާ ހިމާޔަތްކުރުމަށް އަޅަމުންދާ ވަރުގަދަ ފިޔަވަޅެކެވެ.

ތަހުގީގު ހިންގަމުންދާ މީހުންގެ ތެރޭގައި ސައުދީ ސަރުކާރުގެ މުހިންމު ވުޒާރާތަކެއްގެ މުވައްޒަފުން ހިމެނެއެވެ. އޭގެ ތެރޭގައި:

  • ދާޚިލީ ވުޒާރާ
  • ދިފާއީ ވުޒާރާ
  • ޞިއްޙީ ވުޒާރާ
  • ބޯހިޔާވަހިކަމާ ބެހޭ ވުޒާރާ
  • އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުން ހިމެނެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، ކޮރަޕްޝަނާއި ރިޝްވަތު ހިފުމާއި އަދި މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ސައުދީގެ 130 ރައްޔިތުންނާއި އެ ގައުމުގައި އުޅޭ ބޭރު މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން ބައެއް މީހުން މިހާރު ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ ކަމަށް ނަޒާހާ އިދާރާއިން ހާމަކުރެއެވެ.

ނަޒާހާއިން ބުނިގޮތުގައި، ހައްޔަރުކުރެވުނު މީހުންގެ މައްސަލަތައް ކޯޓަށް ފޮނުވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ދަނީ ހިނގަމުންނެވެ.

އެންޓި-ކޮރަޕްޝަން އޮތޯރިޓީން ވަނީ ދައުލަތުގެ މާލިއްޔަތު ހިމާޔަތްކުރުމަށްޓަކައި، މާލީ ނުވަތަ އިދާރީ ކޮރަޕްޝަނުގެ އެއްވެސް ޝައްކެއް އުފެދޭ ކަމެއް ފެނިއްޖެ ނަމަ، ރަސްމީ ވަސީލަތްތައް މެދުވެރިކޮށް އެކަން ރިޕޯޓުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ހިއްސާ ކުރައްވާ!