އދ ބަނގުރޫޓުވާން ދަނިކޮށް ސަލާމަތް ކޮށްފި

އދއަށް ކުރިމަތިލާން ޖެހިފައި އޮތް މާލީ ބަނގުރޫޓުވުމުން އދ. ގެ ޢާންމު މަޖިލީހުން އެ ޖަމްޢިއްޔާސަލާމަތް ކޮށްދީފިއެވެ. އެއީ 70 އަހަރަށް ވުރެ ގިނަ ދުވަސްވީ ޤަވާޢިދެއް އުވާލުމަށް މިދިޔަ އަންގާރަ ދުވަހު ވޯޓު ދީގެންނެވެ. އެ ޤަވާޢިދުގެ ދަށުން، ބަޖެޓުން އިސްރާފުނުވެ ބާކީވާ ފައިސާ މެންބަރު ޤައުމުތަކަށް އަނބުރާ ރައްދުކުރަން ޖެހެއެވެ. ޗަންދާ ނުދައްކާ ގައުމުތަކަށްވެސް އެ ފައިސާއިން ބައެއް ދޭން ޖެހެއެވެ.

އެމެރިކާގެ "ނިއުސްވީކް" މަޖައްލާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބަދަލު ގެނެސްފައިވަނީ އދ. ގެ ޚިދުމަތްތައް ހުއްޓި، ނިއުޔޯކްގައި ހުންނަ މައި މަރުކަޒު ބަންދުކުރަން ޖެހިދާނެކަން އިޢުލާން ކުރަން ޖެހުމާ ގާތްކޮށެވެ.

އދ. އުފެދުނީއްސުރެ، މާލީ އިދާރީ ހުރަސްތަކުން ސަލާމަތްވުމުގެ ގޮތުން ބާކީވާ ފައިސާ މެންބަރު ޤައުމުތަކަށް އަނބުރާ ދިނުމަކީ އާދައެކެވެ. ނަމަވެސް ޒަމާންތަކާއެކު މި ޤަވާޢިދު ބަދަލުވީ އދގެ ޚަޒާނާ ހުސްކޮށްލާ ހަތިޔާރަކަށެވެ. ސަބަބަކީ ފައިސާ ދެއްކުން ލަސްކުރާ ނުވަތަ މުޅިން ފައިސާ ނުދައްކާ ތިބޭ ޤައުމުތަކަށްވެސް މި ފައިސާ ލިބެމުންދާތީއެވެ.

އާންމު މަޖިލީހުގެ ރައީސާ އަންނަލީނާ ބެއިރްބޮކް، ފެބްރުއަރީ މަހު ޔޫރަޕްގެ ޕާލަމެންޓުގައި ވާހަކަދައްކަވަމުން މިކަން ސިފަކުރެއްވީ "އެއްވެސް ބުއްދިއަކަށް ނުފެތޭ، އަދި ދުވަހަކުވެސް ލިބިފައިނުވާ ފައިސާއެއް އަނބުރާ ރައްދުކޮށްދޭ ބޭކާރު ޤަވާޢިދެއް" ގެ ގޮތުގައެވެ. އަދި މީގެ ސަބަބުން ދުނިޔޭގެ ޖަމްޢިއްޔާގެ ދެމިއޮތުމަށް ނުރައްކާވާ ފަދަ "ނަގުދު ފައިސާގެ ތާށިކަމެއްގެ ބޮޑު ކާރިސާއެއް" ކުރިމަތިވެފައިވާ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

އަނެއްކޮޅުން، މެންބަރު ޤައުމުތަކުން ދައްކަން ޖެހޭ އަހަރީ ފީއަކީ މަޖުބޫރު އެއްޗެކެވެ. އަދި އެ ފީ ކަނޑައަޅަނީ ކޮންމެ ޤައުމެއްގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތަށް ބަލައިގެންނެވެ.

"ނިއުސްވީކް" އިން ހާމަކުރި ގޮތުގައި، 2025 ވަނަ އަހަރު ނިމުނުއިރު އދ. އަށް ނުލިބި ހުރި އަހަރީ ފީގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރު ވެފައި ވެއެވެ. އެއީ 1.6 ބިލިއަން ޑޮލަރެވެ. އަދި އާންމު ބަޖެޓާއި، ޕީސްކީޕިންގ ފައުޖުތަކުގެ ޚަރަދުތަކާއި، ބައިނަލްއަޤްވާމީ ކޯޓުތަކުގެ ޚަރަދުތައް ހިމެނޭހެން ޖުމްލަ ނުދައްކާ ހުރި ބާކީ ފައިސާ 6.5 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައެވެ.

އދއަށް ދަރާފައިވާ ދަރަނިވެރި ޤައުމުތަކުގެ ކުރީގައި އޮތީ އދ. އަށް އެންމެ ބޮޑު ހޭދައެއް ކުރާ 22 އިންސައްތަ ޚިއްޞާވާ އެމެރިކާއެވެ. އދ. ގެ އިސް އޮފިޝަލަކާ ޙަވާލާދީ ނިއުޔޯކް ޓައިމްސް އިން ބުނި ގޮތުގައި، ނުދައްކާ ހުރި ޖުމްލަ ދަރަނީގެ 95 އިންސައްތަ ޙިއްޞާކުރަނީ އެމެރިކާއިންނެވެ. އެއީ ގާތްގަނޑަކަށް 2.2 ބިލިއަން ޑޮލަރެވެ.

މީގެ އިތުރުން، ޗައިނާގެ ދަރަނިވެސް 400 މިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓުކުރެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އދ. ގެ ބައެއް މުހިންމު އިދާރާތަކުން (ޔުނެސްކޯ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޔޫއެންއެފްޕީއޭ އަދި ހިއުމަން ރައިޓްސް ކައުންސިލް) ވަކިވުމުން މި މައްސަލަ އިތުރަށް ބޮޑުވިއެވެ. އަދި އަމަން ބަލަހައްޓާ މަސައްކަތްތަކަށް ވޮޝިންގޓަނުން ދޭ ފައިސާ މަދުކުރާނެ ކަމަށްވެސް އޭނާ ވަނީ އިޢުލާން ކުރައްވާފައެވެ.

މިދިޔަ ޖަނަވަރީ މަހު، ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވަނީ ދުނިޔޭގެ ޖަމްޢިއްޔާ އޮތީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައި ކަމަށް ވިދާޅުވެ ސާފު އިންޒާރެއް ދެއްވާފައެވެ. އަދި ނުދައްކާ ހުރި ފައިސާ ނުލިބިއްޖެނަމަ، ޖުލައި މަހާ ހަމައަށް ބަޖެޓް ފައިސާ ހުސްވެ، ނިއުޔޯކްގެ މައި މަރުކަޒު ބަންދުކުރަން ޖެހިދާނެ ކަމަށް ވިދާޅުވިއެވެ. މި އިންޒާރު އައީ، ސުލްހައާއި، ތަރައްޤީއާއި، އިންސާނީ ޙައްޤުތަކަށް ޑިސެމްބަރު މަހު ޖެނެރަލް އެސެމްބްލީން 3.45 ބިލިއަން ޑޮލަރުގެ ބަޖެޓެއް ފާސްކުރިތާ މަދު ހަފުތާތަކެއްގެ ފަހުންނެވެ.

އަންގާރަ ދުވަހުގެ ވޯޓަށްފަހު، ބެއިރްބޮކް އިޢުލާން ކުރެއްވީ ޖެނެރަލް އެސެމްބްލީން އދއަށް ކުރިމަތިވަމުންދިޔަ މާލީ ބަނގުރޫޓުވުން ހުއްޓުވައިފި ކަމަށެވެ. އަދި ގުޓެރޭސް މި ނިންމުމަށް މަރުޙަބާ ވިދާޅުވަމުން ވިދާޅުވީ، މީގެ ސަބަބުން ވަސީލަތްތައް "ކުރިއާލާ ދެނެގަނެވޭ އަދި ޒިންމާދާރު ގޮތެއްގައި" ބެލެހެއްޓުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!