ޔޫރަޕްގައި ޖަންގަލީގެ އަލިފާންގަނޑުތައް ކޮންޓްރޯލުން ނެއްޓި، ފަތުރުވެރިންނާއި އާންމުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަނީ

ޔޫރަޕަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ރާޅާ އެކު، ބައެއް ގައުމުތަކުގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑުތައް ކޮންޓްރޯލް ނުވެ، ފަތުރުވެރި ސަރަހައްދުތަކުން މީހުން ހުސްކުރަން ފަށައިފިއެވެ. ސްޕެއިން، ފްރާންސް، ގްރީސް އަދި ޕޯޗުގަލް ފަދަ ގައުމުތަކަށް މިކަމުގެ ނުރައްކާ ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ.

ސްޕެއިންގެ މަޝްހޫރު ފަތުރުވެރި ސަރަހައްދެއް ކަމަށްވާ ކާޑިޒްގެ ގްރަޒަލެމާގައި ހުރި "ހޮޓެލް ފުއެރްތޭ" އާއި ގިނަ އަދަދެއްގެ ވިލާތަކުން ފަތުރުވެރިންނާއި އާންމުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހޮޓަލުގެ ސްވިމިންގް ޕޫލްގެ ފަހަތުން ބިޔަ ދުންގަނޑުތައް އަރަމުންދެއެވެ.

  • އަޅާފައިވާ ފިޔަވަޅުތައް: އަލިފާން ނިއްވުމަށް ހެލިކޮޕްޓަރުތަކާއި، ބޯޓުފަހަރާއި، ފެންބައުޒަރުތަކުގެ އިތުރުން މެޑިކަލް ޓީމުތައް ދަނީ ހަރަކާތްތެރިވަމުންނެވެ. ގަދަ ވަޔާއެކު އަލިފާންގަނޑު ފެތުރެމުންދާތީ ދެ މައި މަގެއް ވަނީ ބަންދުކޮށްފައެވެ.
  • ރެޑް އެލާޓް: ސްޕެއިންގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ބައެއް ސަރަހައްދުތަކަށް އެންމެ މަތީ ދަރަޖައިގެ ރަތް ސަމާލު ނެރެފައެވެ. އެ ސަރަހައްދުތަކުގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވެއެވެ.

ފްރާންސްގެ ދެކުނުގެ ސަރަހައްދުތަކުގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 10،000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވާން އަންގާފައެވެ. މިހާތަނަށް 4،600 ހެކްޓަރުގެ ބިން ވަނީ އަނދާފައެވެ.

މި ހާދިސާއާ ގުޅިގެން ޔޫރަޕިއަން ޔޫނިއަންއިން ވަނީ ފްރާންސަށް އެހީވުމަށް ސައިޕްރަސް އާއި ސްވިޑަންއިން އަލިފާން ނިއްވާ 4 ބޯޓު ފޮނުވާފައެވެ. ފްރާންސްގެ ފަޔަރ ސާވިސްއިން ބުނާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިއަހަރުގެ އަލިފާން ރޯވުމުގެ މޫސުން ތިން ހަފްތާ ކުރިން ވަނީ ފެށިފައެވެ.

ގްރީސްގެ ތެސަލޮނިކީ ސަރަހައްދުގައި ރޯވި އަލިފާންގަނޑެއްގެ ސަބަބުން ދެ ފެކްޓަރީއަކާއި ގިނަ އަދަދެއްގެ ގެތަކަށް ވަނީ ގެއްލުންވެފައެވެ. މި ހާދިސާއާ ގުޅިގެން 76 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ އޭނާ ދުއްވި ވެހިކަލުން ބުރި އަލިފާން ކަނިތަކެއްގެ ސަބަބުން މަގު ކައިރީގައި ހުރި ގަސްތަކުގައި ރޯވުމުގެ ސަބަބުންނެވެ.

ގްރީސްގެ ފަޔަރ ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި، އެ ގައުމުގައި ރޯވާ އަލިފާންގަނޑުތަކުގެ %85 އަކީ އިންސާނުންގެ އިހުމާލުންނާއި ދަނޑުވެރިކަމުގެ މެޝިނަރީ ބޭނުންކުރުމާއި، ސިނގިރޭޓް އުކާލުމާއި، ބޭރުގައި ބާބަކިއު ހެދުން ފަދަ ކަންކަމުން ރޯވާ އަލިފާންގަނޑުތަކެވެ.

ސައިންސްވެރިން ބަޔާންކުރާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނޫން ގޮތަކަށް މިފަދަ ގަދަ ހޫނެއް ޔޫރަޕަށް ކުރިމަތިވުމަކީ މުސްތަހީލު ކަމެކެވެ. ޖޫން މަހުގެ ތެރޭގައި ދެ ހަފްތާ ވަންދެން ހޫނުގަދަވުމުގެ ސަބަބުން ފްރާންސްއިން 2،000 އަށްވުރެ ގިނަ މީހުން އަދި ސްޕެއިން އާއި ބެލްޖިއަމްއިން ކޮންމެ ގައުމަކުން 1000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

ހިއްސާ ކުރައްވާ!