ވިލާގަނޑެއްގެ ތެރޭގައި އެކަނިވެރިވި 22 އަހަރުގެ ދަރިވަރު

މިއީ އިންސާނެއްގެ ސިއްހީ ނަފްސާނީ ހާލަތާއި، ކުއްލިއަކަށް ކުރިމަތިވާ ބިރުވެރި ހާލަތެއްގައި އިންސާނާ ދައްކުވައިދޭ ހިތްވަރާއި ސާބިތުކަމުގެ ކުޅަދާނަކަމުގެ ހާދިސާއެކެވެ. އާޖެންޓީނާގެ އުޑުމަތީގައި ދަތުރުކުރަމުންދިޔަ ކުޑަ ޓްރެއިނިންގް ބޯޓެއްގެ ތެރޭގައި، އުމުރުން އެންމެ 22 އަހަރުގެ އަންހެން ދަރިވަރަކަށް ކުރިމަތިވީ މުޅި އުމުރުގައިވެސް މީހަކު ތަހައްމަލު ކުރަން ބޭނުންނުވާނެ ފަދަ ނާމާން ތަޖުރިބާއެކެވެ. އޭނާގެ އިންސްޓްރަކްޓަރު، ދަތުރުގެ މެދުތެރެއިން ކޮކްޕިޓްގެ ދޮރު ހުޅުވާލުމަށްފަހު ތިރިއަށް ފުންމާލައި އަމިއްލައަށް މަރުވީއެވެ.

އެ ބިރުވެރި މަންޒަރު އަމިއްލަ ލޮލުން ދެކެމުންވެސް، އެ ޒުވާން އަންހެން ކުއްޖާ ވަނީ ސިކުންތުކޮޅެއްގެ ތެރޭގައި ހިތްވަރު އެއްކޮށް، އެކަނިމާކަނި ސެސްނާ ސީ 150 މަރުކާގެ ކުޑަ ބޯޓު ސަލާމަތްތެރިކަމާއެކު އެއާޕޯޓަށް ތިރިކޮށްފައެވެ.

ލެއަންޑްރޯ ބެރްޓާޒޯ (42 އަހަރު) އަކީ ޗިލީގެ ކުރީގެ ކޮމާޝަލް ޕައިލެޓެކެވެ. އޭނާ ދިޔައީ ފްލައިންގް ސްކޫލެއްގައި އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. އޭނާއާއެކު ދަތުރުކުރި 22 އަހަރުގެ ދަރިވަރަކީ ޕައިލެޓް ލައިސަންސް އޮތް ނަމަވެސް، އުދުހުމުގެ ތަޖުރިބާ ވަރަށް މަދު ކުއްޖެކެވެ.

ފްލައިންގް ސްކޫލްގެ ޑިރެކްޓަރު އެޑުއާޑޯ އަލްވަރޭޒް މީޑިއާތަކަށް ކިޔައިދިން ގޮތުގައި، ދަތުރުގެ ވަކި ހިސާބަކުން ލެއަންޑްރޯގެ އަމަލުތައް ހުރީ ވަރަށް އާދަޔާ ޚިލާފުކޮށެވެ. އޭނާ ކުއްލިއަކަށް ދަރިވަރު ކައިރީ ބުނެލިއެވެ.

"ކޮންމެ ފަދަ ހާލަތެއް އައި ނަމަވެސް، ދެން ކުރަންވީ ކަންތައް ކަނބުލޮއަށް އެނގޭނެ. ކުރިއަށްދާށެވެ."

އެއަށްފަހު، އޭނާގެ ކަންފަތުގައި އިން ހެޑްފޯން ނަގައި، ފޯނާއި އަމިއްލަ ސާމާނުތައް އެއްފަރާތެއްގައި ތަރުތީބުކޮށްލިއެވެ. އަދި ސީޓްބެލްޓް ނައްޓާލުމަށްފަހު، ވަރަށް އުނދަގުލުން ހުޅުވޭ ކޮކްޕިޓްގެ ދޮރު ގަދަކަމުން ހުޅުވާލައި، ބޯޓުން ބޭރަށް ފުންމާލިއެވެ.

އަމިއްލަ މުދައްރިސް އާސްމާނުން ތިރިއަށް ވެއްޓިގެންދިޔަ މަންޒަރު ބަލަން ހުރި ދަރިވަރު، ހާސްކަމުގެ ތެރެއަށް ނުގޮސް، ވަގުތުން ކޮންޓްރޯލް ޓަވަރަށް މެސެޖެއް ފޮނުވިއެވެ. އަދި ބޯޓު އަނބުރާލުމަށްފަހު، އެމީހުން ފުރި ކޮރޮނެލް އޮލްމެޑޯ އެއާޕޯޓަށް ބޯޓު މިސްރާބުކުރިއެވެ.

ސްކޫލްގެ ޑިރެކްޓަރު ބުނި ގޮތުގައި، އެ ކުއްޖާ ހުރީ ވަރަށް ބޮޑަށް ސިއްސައިގެން ގޮސް، ބިރުގެންފައެވެ. ނަމަވެސް އޭނާ ދެއްކީ އާދަޔާ ޚިލާފު ހިތްވަރެކެވެ. އެއްވެސް އެހީތެރިކަމެއް ނެތި، ބޯޓު ރަންވޭއަށް ތިރިކުރީ އެއްވެސް ގޯހެއް ހަދާނުލައި، ފުރިހަމަ ކަމާއެކުގައެވެ. ބޯޓު ޖެއްސުމަށްފަހު، އިންސްޓްރަކްޓަރު ވެއްޓުނު ކަމަށް ލަފާކުރެވޭ ސަރަހައްދު އޭނާ ކަމާބެހޭ ފަރާތްތަކަށް ކިޔައިދިނެވެ. އޭގެ 20 މިނެޓު ފަހުން ސިފައިންނަށް ލެއަންޑްރޯގެ ހަށިގަނޑު ފެނުނީ އެ ސަރަހައްދުގެ ދަނޑެއްގެ ތެރެއިންނެވެ.

ލެއަންޑްރޯ އަކީ އަބަދުވެސް ހިނިތުންވެފައި ހުންނަ، އެއްވެސް މީހަކަށް އޭނާގެ ހިތުގައި މިފަދަ ނުރައްކާތެރި ޚިޔާލެއް ހުރިކަން ޝައކު ނުކުރެވޭ ފަދަ މީހެކެވެ. ނަމަވެސް ފަހުން ލިބުނު ރިޕޯޓްތައް ބުނާގޮތުން، އޭނާ ދިޔައީ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންނެވެ. އެކަން އެނގެނީ ހަމައެކަނި އޭނާގެ ގާތް ތިމާގެ މީހުންނަށެވެ.

އާޖެންޓީނާގެ ކޯޑޮބާ ޕްރޮވިންސްގެ ފުލުހުން ދަނީ މި އާދަޔާ ޚިލާފު ހާދިސާ ތަހުގީގު ކުރަމުންނެވެ. މިއީ މެކޭނިކަލް މައްސަލައެއްގެ ސަބަބުން ދިމާވި ކަމެއްތޯ ބެލުމަށް ބޯޓުގެ ލޮގްތަކާއި ޑޮކިއުމެންޓްތައް ދަނީ ޗެކްކުރަމުންނެވެ. ނަމަވެސް، ދަރިވަރުގެ ބަޔާނާއި، ލެއަންޑްރޯ ފުންމާލުމުގެ ކުރިން އޭނާގެ ސާމާނުތައް ބެހެއްޓި ގޮތުން ބޮޑަށް ބެލެވެނީ މިއީ އަމިއްލައަށް މަރުވުމުގެ ހާދިސާއެއްގެ ގޮތުގައެވެ.

މުޅި ފްލައިންގް ކޮމިއުނިޓީ މިހާރު ތައުރީފުކުރަމުންދަނީ، އުޑުމަތީގައި އެކަނިވެ، ހިތް ހުއްޓޭފަދަ ބިރުވެރި ވަގުތެއްގައިވެސް އަމިއްލަ ފުރާނައާއި ބޯޓު ސަލާމަތްކުރި 25 އަހަރުގެ އެ ހިތްވަރުގަދަ އަންހެން ކުއްޖާއަށެވެ.

ހިއްސާ ކުރައްވާ!