ކަނޑުގެ އަޑީގައި ހިނގާ ކަންކަމަކީ ހަމައެކަނި ކަނޑުގެ ދިރުންތަކަށް ނިމޭ ކަންކަމެއް ނޫނެވެ. މުޅި ދުނިޔޭގެ މޫސުމަށް ނުރައްކާތެރި ބަދަލުތަކެއް އަތުވެދާނެކަމުގެ ބިރުވެރި އިންޒާރެއް ޕެސިފިކް ކަނޑުން މިވަނީ ފެންނަން ފަށާފައެވެ. ސައިންސްވެރިން ހާމަކުރި ގޮތުގައި، އެމެރިކާގެ ބޮޑުމިނަށްވުރެ 8 ގުނަ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ އާދަޔާ ޚިލާފު ބިޔަ ކަނޑުގެ ހޫނުގެ ރާޅެއް ނުވަތަ މެރިން ހީޓްވޭވެއް ޕެސިފިކް ކަނޑުގައި މިހާރު ދަނީ އުފެދެމުންނެވެ.
ކަނޑުގެ ހޫނުގެ ރާޅުތަކަކީ އޭގެ ބާރުގަދަކަމާއި ދެމިހުންނަ މުއްދަތަށް ބަލައި 1 އިން 5 އަށް (ދަރަޖަކުރެވޭ ކަމެކެވެ. މިހާރު އުފެދިފައިވާ ބިޔަ ރާޅަކީ އުތުރު ޕެސިފިކް ކަނޑުގެ ހޫނުގެ ރާޅާއި، ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް ގެންނަ "ސުޕަރ އެލް ނީނިއޯ" އެއްކޮށްލެވިގެން އުފެދުނު ބިޔަ ސަރަހައްދެކެވެ.
މި ހޫނު ސަރަހައްދުގެ ބޮޑުމިން ދުނިޔޭގެ ޖުމްލަ ބިމުގެ ސަރަހައްދުގެ %13.5 އަށް އަރައެވެ. މިއީ ފިލިޕީންސުން ފެށިގެން ޕެރޫއަށް، އަދި ހަވާއީއިން ފެށިގެން ކެލިފޯނިއާގެ އައްސޭރިފަށާ ހަމައަށް ފެތުރިފައިވާ ބިޔަ ސަރަހައްދެކެވެ. ސައިންސްވެރިން އިންޒާރުދޭ ގޮތުގައި މިއީ ކުރިއަށް އޮތް ފިނިމޫސުން އަދި ރަބީޢު މޫސުމުގައި މުޅި ދުނިޔޭގެ މޫސުން ގަޑުބަޑުކޮށްލާނެ ކަމެކެވެ.
މި "ކަނޑުގެ ހުމުގެ" ސަބަބުން މޫސުމަށް ކުރާނީ ކޮން އަސަރެއް؟
ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައިވެސް މީގެ ނުރައްކާ ފެންނަން ފަށާނެއެވެ. އޭގެ ތެރޭގައި
- ސުޕަރ ހަރިކޭން: ހުޅަނގު ޕެސިފިކް ކަނޑުގައި ނުރައްކާތެރި ބާރުގަދަ ތޫފާނެއް އުފެދުމުގެ ފުރުސަތު ބޮޑެވެ.
- ހޫނުގެ ކުޑަ އަދި އަލިފާނުގެ ހާދިސާތައް: އެމެރިކާގެ ހުޅަނގުގެ ސްޓޭޓްތަކުގައި ޖުލައި މަހުގެ މެދުތެރޭގައި ގަދަ ހޫނުގެ ކުޑައެއް އުފެދި، ރޯވުމުގެ ހާދިސާތައް އިތުރުވާނެއެވެ.
- ލޮނުގަނޑު އުފުލުމާއި ފެންބޮޑުވުން: ޚަރީފް މޫސުން އަދި ފިނިމޫސުމުގައި ކެލިފޯނިއާގެ އައްސޭރިފަށުގެ ކަނޑުގެ ލޮނުގަނޑު 15 އިން 60 ސެންޓިމީޓަރަށް އުފުލި، ފެންބޮޑުވުމުގެ ބޮޑެތި ކާރިސާތައް ކުރިމަތިވެދާނެއެވެ.
ދުނިޔެއަށް ކުރާނެ ނޭދެވޭ އަސަރުތައް
ކަނޑުގެ ފިނިހޫނުމިން މަތިވުމުން، ކަނޑުން ފެން އާވިވުން އިތުރުވެ، ޖައްވުގައި ހުންނަ ތެތްކަން ނުވަތަ ވޯޓާ ވޭޕާ ގިނަވެއެވެ. މިއީ ބޯކޮށް ވާރޭވެހުމާއި މޫސުމީ ކާރިސާތަކަށް ދިމާވާނެ އެކެވެ. ޖައްވުގައި އުފެދޭ މި އިތުރު ތެތްކަން، ވައިގެ ރާޅުތަކާއެކު ދަތުރުކޮށް، އުފެދޭ ތަނާ އެތައް ހާސް މޭލެއް ދުރަށް ގޮސް ބޮޑެތި ތޫފާންތައް އުފައްދައެވެ. މިހާރުވެސް ވިލާތުގެ މެޑިޓެރޭނިއަން ކަނޑުގެ ސަރަހައްދުގައިވެސް މިފަދަ ކަނޑުގެ ހޫނުގެ ރާޅެއް ވަނީ އުފެދިފައެވެ.
ކަނޑުގެ ހޫނުގެ ރާޅުތައް ދަނީ ހަލުވިކަމާއެކު އިތުރުވަމުން
1980 ގެ އަހަރުތަކާ އަޅާބަލާއިރު، ދުނިޔޭގެ ކަނޑުތަކުގައި މިފަދަ ހޫނުގެ ރާޅުތައް އުފެދޭ މިންވަރު ވަނީ ތިން ގުނައަށް އިތުރުވެފައެވެ. ކުރިން އެންމެ %9 ކަނޑުގެ ސަރަހައްދަށް އަސަރުކުރިއިރު، މިއަދު ދުނިޔޭގެ ކަނޑުތަކުގެ %37 ސަރަހައްދަކީ ކަނޑުގެ ހޫނުގެ ރާޅުގެ އަސަރު ފޯރާފައިވާ ތަންތަނެވެ.
އެންމެ ފަހުން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ދުނިޔެއަށް އައި އެލް ނީނިއޯގެ ސަބަބުން ކަނޑުތަކުގެ %46 ސަރަހައްދު ހޫނުވެ، އެއީ ތާރީޚުގައިވެސް ދުނިޔެ އެންމެ ހޫނުވި އަހަރަށް ވިއެވެ. ނަމަވެސް، މިހާރު ޕެސިފިކް ކަނޑުގައި އުފެދެމުންދާ "ކަނޑުގެ ހުމުގެ" ސަބަބުން މިއަހަރު ނުވަތަ ކުރިއަށް އޮތް އަހަރު ދުނިޔޭގެ ހޫނުމިނުގެ އައު ރެކޯޑެއް ގާއިމުވުމުގެ ބިރު އެބައޮތެވެ.





