ވިލާތުގެ ބައްރަށް މިހާރު ކުރިމަތިވެފައިވާ އާދަޔާ ޚިލާފަށް ގަދަ ހޫނުގެ ރާޅާ ގުޅިގެން، ރައްޔިތުން ރައްކާތެރިކުރުމަށް އަޅާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ އިން ވިލާތުގެ ގައުމުތަކާއެކު ކުއްލި ބައްދަލުވުމެއް ބާއްވައިފިއެވެ. ޑަބްލިޔު.އެޗް.އޯ ގެ ޔޫރަޕް ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރު ހާންސް ކްލޫގަ އިސްކޮށް ހުންނަވައި ޑެންމާކުގެ ކޯޕަންހޭގަންގައި ބޭއްވި މި ބައްދަލުވުމުގައި ވިލާތުގެ 41 ގައުމެއްގެ އެކަޑެމީޝަނުންނާއި ސިއްހީ މާހިރުން ވަނީ ބައިވެރިވެފައެވެ. ބައްދަލުވުމުގައި ކްލޫގަ ވަނީ ކުރިއަށް އޮތް ހަފްތާތަކަކީ ވިލާތަށް "މަރުގެ ހަފްތާތަކަކަށް" ވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
ރޭވުންތެރިކަން ކުޑަވުމުގެ ސަބަބުން މަރުގެ އަދަދު މައްޗަށް
ޑަބްލިޔު.އެޗް.އޯ އިން ހާމަކުރި ގޮތުގައި ވިލާތުގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ ގައުމުތަކުގައި މިފަދަ ނުރައްކާތެރި ހޫނުމިނަކުން ރައްޔިތުން ސަލާމަތްކުރާނެ ދުރާލައި ރޭވިފައިވާ ސްތްރެޓެޖީއެއް ނެތެވެ.
މިހާރު ކުރިމަތިވެފައިވާ ހޫނުގެ ސަބަބުން ލިބުނު ބައެއް ގެއްލުންތައް:
- މަރުގެ އަދަދު: ފަރަންސޭސިވިލާތް، ނެދަލޭންޑްސް، އަދި ބެލްޖިއަމްއިން އެކަނިވެސް ހޫނުގެ ސަބަބުން 3،700 އަށްވުރެ ގިނަ ކުއްލި މަރު ރިޕޯޓްކޮށްފައިވެއެވެ. އަދި މި އަދަދު މިއަށްވުރެ މަތިވުން އެކަށީގެންވެއެވެ.
- އަސާސީ ޚިދުމަތްތަކަށް ބުރޫއެރުން: ޖޫން 20 އިން 28 އަށް ދެމިގެންދިޔަ ހޫނުގެ ރާޅުގެ ސަބަބުން ކަރަންޓު އުފެއްދުމަށާއި، ގައުމުތަކުގެ އިންފްރާސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތަކެއްވެ، ސިއްހީ ނިޒާމުތަކަށް ވަނީ ނުކަތާވަރަށް ބާރުބޮޑުވެފައެވެ.
"އަހަރެމެން މިހާރު މަސައްކަތްކުރަންވީ ދެ ގޮތަކަށް. އެއީ ވޭތުވެދިޔަ ހަފްތާތަކުގައި ފެއިލްވި ކަންކަން ދެން އަންނަ ހޫނުގެ ރާޅެއްގެ ކުރިން ރަނގަޅުކުރުމާއި، ހަމައެކަނި ހޫނަށް އިޖާބަދޭ ނިޒާމެއްގެ ބަދަލުގައި، ހޫނަށް ދުރާލައި ތައްޔާރުވެފައިވާ ސިއްހީ ނިޒާމެއް ބިނާކުރުން،" ހާންސް ކްލޫގަ ވިދާޅުވިއެވެ.
- ސްޕެއިން އަދި ފަރަންސޭސިވިލާތް ރެޑް އަދި އޮރެންޖް އެލާޓްގައި
- ވިލާތުގެ ބައެއް ގައުމުތަކުގެ ހޫނުމިން މިހާރު ހުރީ 40 އިން 42 ޑިގްރީ ސެލްސިއަސް އަށްވުރެ މަތީގައެވެ.
- ސްޕެއިންގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ އެގައުމުގެ އިރުމަތީ ތިން ސަރަހައްދެއް ކަމަށްވާ ކަޓަލޯނިއާ، ވެލެންސިއާ އަދި ޒަރަގޯޒާއަށް ރަތް ސަމާލު ނެރެފައެވެ. މިއީ ރައްޔިތުންގެ ފުރާނައަށާއި މުދަލަށް "އާދަޔާ ޚިލާފު ބޮޑު ނުރައްކަލެއް" އޮތް ހާލަތްތަކުގައި ނެރޭ އެލާޓެކެވެ.
- އަނެއްކޮޅުން، ފަރަންސޭސިވިލާތުގެ ދެކުނުގެ 7 ޑިޕާޓްމަންޓެއް ވަނީ އޮރެންޖް އެލާޓަށް ބަދަލުކޮށްފައެވެ. އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނާގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ހޫނުމިން 38 އާއި 40 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ މިންވަރަކަށް މަތި ވެގެންދާނެއެވެ.
- ސައިންސްވެރިން ބަޔާންކުރާ ގޮތުގައި ވިލާތަށް މިހާރު ކުރިމަތިވަމުންދާ ދިގުދެމިގެންދާ އަދި ނުރައްކާތެރި ހޫނުގެ ރާޅުތަކަކީ ކަނޑައެޅިގެން ބިމުގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދިމާވަމުންދާ ކާރިސާތަކެކެވެ.






