ގްރީސްގެ އުތުރުގެ ރަށެއް ކަމަށްވާ ތެސަލޮނީކީގައި ޔަހޫދީންނާ ދެކޮޅު ހަރަކާތްތަކެއް ހިންގި ކަމުގެ ތުހުމަތުގައި، އެ ގައުމުގެ ސަރުކާރުގެ ބާރު ގަބޫލުނުކުރާ "ރޫވިކޯނަސް" ޖަމާއަތަށް ނިސްބަތްވާ ހަ މީހަކު ހޯދުމުގެ މަސައްކަތް ގްރީސްގެ ފުލުހުން ފަށައިފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ އުމުރުން 32 އަހަރާއި 46 އަހަރާ ދެމެދުގެ ފަސް ފިރިހެނުންނާއި އަންހެނެކެވެ. މިއީ ޔަހޫދީންނާ ދެކޮޅު އަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުގައި ޖިނާއީ ފިޔަވަޅު އަޅަން ނިންމާފައިވާ މީހުންނެވެ. މީގެއިތުރުން، މި ޖަމާއަތުން ޔަހޫދީން މެރުމަށް ހިތްވަރުދީ، ނަފްރަތު އުފެއްދުމުގައި ބައިވެރިވެފައިވޭތޯ ބެލުމަށް ތެސަލޮނީކީގެ ޕްރޮސެކިއުޓަރު ވަނީ އިބްތިދާއީ ތަހުގީގެއްވެސް އަމުރުކުރައްވާފައެވެ.
މި މައްސަލަ ފެންމަތިވީ ފާއިތުވި ޖޫން މަހުގެ ފަހުކޮޅު، ތެސަލޮނީކީގެ މަރުކަޒީ ސަރަހައްދެއްގައި ފަލަސްތީނުގެ ދިދަތައް ހިފައިގެން ހަރަކާތްތެރިވި މަންޒަރު ފެންނަ ވީޑިއޯތަކެއް އެ ޖަމާއަތުން އާންމުކުރުމާ ގުޅިގެންނެވެ. އެ ވީޑިއޯތަކުގައި އެ މީހުން ވަނީ އިސްރާއީލުގެ އިންވެސްޓަރުންނާއި ކުންފުނިތަކުން ގްރީސްގެ ރިއަލް އެސްޓޭޓާއި ގޮނޑުދޮށް ބިންތައް ގަންނަމުންދަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލުނައްތާލުމުގެ އަމަލުތަކުން ހޯދާ ފައިސާއިން ކަމަށް ތުހުމަތުކޮށްފައެވެ.
"ރޫވިކޯނަސް" ޖަމާއަތުން ހާމަކުރި ގޮތުގައި އެ މީހުންގެ މި ހަރަކާތަކީ އިސްރާއީލުގެ އިންވެސްޓްމަންޓްތަކާ ދެކޮޅުހެދުމާއި، ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން ހިންގި ހަރަކާތެކެވެ. މިއީ މިފަދަ ކަމެއްގައި އެ ޖަމާއަތުން ހަރަކާތްތެރިވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން، 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުވެސް ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން އެތެންސްގައި ހުންނަ އިސްރާއީލު އެމްބަސީގެ ގޭޓަށް ރަތް ކުލައިގެ ދެލިޖެހުމުގެ ހަރަކާތެއްވެސް މި ޖަމާއަތުން ވަނީ ހިންގާފައެވެ..
"ރޫވިކޯނަސް" އަކީ 2013 އަދި 2014 ވަނަ އަހަރާ ދެމެދު، ގްރީސްއަށް ދިމާވި އިގްތިސާދީ ހީނަރުކަމުގެ ތެރޭގައި އެތެންސްގައި އުފެދުނު ޖަމާއަތެކެވެ. މި ޖަމާއަތަކީ ސަރުކާރުގެ ސިޔާސަތުތަކާއި ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ސަރުކާރުގެ އޮފީސްތަކަށާއި، ކުންފުނިތަކަށާއި، ސަފާރަތްތަކަށް ވަދެގަނެ، ގެއްލުންދިނުމުގެ ތަފާތު ހަރަކާތްތައް ހިންގުމަށް މަޝްހޫރުވެފައިވާ ގުރޫޕެކެވެ.





