ރާއްޖޭގައި އުޅޭ ކޮންމެ ބިދޭސީއަކަށް ދޫކުރެވޭނީ އެންމެ ސިމްކާޑެއް ކަމަށް ކަނޑައަޅައި ގަވާއިދު ހަރުކަށިކޮށްފި

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ބިދޭސީއަކަށް ދެން ދޫކުރެވޭނީ އެންމެ މޯބައިލް ސިމްކާޑެއް ކަމުގައި ކަނޑައަޅައި، ބިދޭސީންނަށް ސިމްކާޑު ވިއްކުމާއި ރަޖިސްޓަރީކުރުމުގެ އުސޫލުތައް ސަރުކާރުން ހަރުދަނާކޮށްފިއެވެ.

މި ނިންމެވުން ނިންމަވާފައިވަނީ އޮގަސްޓު 16، 2026 ވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. ސަރުކާރުގެ މި ނިންމެވުމާއެކު، ބިދޭސީއަކު ބޭނުންކުރަމުންދާ ސިމްކާޑު ހަލާކުވެގެން ނުވަތަ ގެއްލިގެން އިތުރު ސިމްކާޑެއް ނަގަން ބޭނުންވި ނަމަވެސް، އެކަން ކުރެވޭނީ ސީދާ މޯލްޑިވްސް ޕޮލިސް ސާވިސްއަށް މައްސަލަ ހުށަހަޅައި، ކަނޑައެޅިފައިވާ ހާއްސަ އިޖުރާއަތްތަކުގެ ތެރެއިންނެވެ.

މި ބަދަލަކީ ރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމާއި ބޭނުންކުރުމުގެ ނިޒާމު ހަރުދަނާކޮށް، ގާނޫނީ އިމުގެ ތެރެއަށް ފެތުރުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ. ހާއްސަކޮށް، ޖަލުތަކަށް ޣައިރުގާނޫނީކޮށް ވަައްދާ މޯބައިލް ފޯނުތަކުގައި ބޭނުންކުރާ ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ފަސޭހައިން ދެނެގަތުމަށް މި ފިޔަވަޅުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން، ކުށްކުރާ ފަރާތްތަކާމެދު ގާނޫނީ އަދި އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އެޅޭނެކަން ކަށަވަރުކުރުމަކީވެސް މި ސިޔާސަތުގެ މުހިންމު މަގުސަދެކެވެ.

ފަހަކަށް އައިސް ރާއްޖޭގައި މަކަރާއި ހީލަތުން ފައިސާ ހޯދުމާއި، ތަފާތު އެކި ނަންނަމުގައި ގުޅައިގެން ހިންގާ ސްކޭމް ކޯލުތަކުގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. ސައިބަރ ކްރައިމްގެ މިފަދަ ކުށްތައް ހިންގުމުގައި ގިނައިން ބޭނުންކޮށްފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ނަމުގައި ނުވަތަ އެކި ގޮތްގޮތުން ހޯދާފައިވާ ބިދޭސީންގެ މަޢުލޫމާތު ބޭނުންކޮށްގެން ރަޖިސްޓަރީކޮށްފައިވާ ސިމްކާޑުތަކެވެ. އެހެންކަމުން، ބިދޭސީންނަށް ދޫކުރެވޭ ސިމްކާޑުގެ އަދަދު ލިމިޓުކުރުމަކީ މިފަދަ ކުށްތައް ހުއްޓުވައި، މުޖުތަމައުގެ ރައްކާތެރިކަމާއި މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ހިއްސާ ކުރައްވާ!