ނަތަންޔާހޫއަށް ވެރިކަން ގެއްލިއްޖެނަމަ ވާނީ ކިހިނެއް؟

ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ވެއްޓުމަކީ މިހާރު އިސްރާއީލުގެ ސިޔާސީ މަސްރަހުގައި ހަމައެކަނި ފެންނަ ޚިޔާލީ ސުވާލެއްގެ ގޮތުގައެއް ނޫނެވެ. ޔަހޫދީންގެ އެތެރޭގެ ހަލަބޮލިކަމާއި ފަލަސްތީނުގެ ބިމުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް އެއްފަހަރާ ބައްދަލުވެފައިވާ މި ދަނޑިވަޅުގައި އޭނާގެ ވެރިކަްނ ގެއްލުމާ ބެހޭ ގޮތުން ކުރަ ސުއާލަކީ މައިގަނޑު މައުޟޫއެވެ.

އިސްރާއީލުގެ ތަހުލީލުތަކުން ހާމަވާ ގޮތުގައި ޔަހޫދީ ގައުމު މިހާރު ހުރީ ނުރައްކާތެރި ހިސާބެއްގައެވެ. މީގެ ދިހަ އަހަރު ކުރިންސުރެ ގައުމު ކޮންޓްރޯލް ކުރަމުން އައި ކަނާތު ފިޔައިގެ ވެރިކަމުގެ ނިޒާމު ބަލިކަށިވަމުން ދާއިރު، ހުޅަނގު އައްސޭރިއާއި ގުދުސްގައި ވަޒަންވެރިކުރުމާއި ބިން ފޭރުމުގެ އަމަލުތައް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. ހަމައެއާއެކު ގާޒާގައި ކުރަމުންދާ ހަނގުރާމައަށް ސިޔާސީ ގޮތުން ނިމުމެއް ގެންނާނެ ވަކި މަގެއް ނެތެވެ.

އިސްރާއީލުގެ އެތެރޭގައި، ކަނާތު ފިޔައިގެ ފިކުރުގެ މީހުންގެ މެދުގައި އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން ނަތަންޔާހޫ އަހަރުތަކެއް ވަންދެން ބަރޯސާވި ސިޔާސީ ބާރުތައް ބައިބައިވުމުގެ ބިރު އެބައޮތެވެ.

ލިކޫޑް ޕާޓީގެ ތެރޭގައި ހާސްކަން ބޮޑުވެފައިވާއިރު، އާންމު ޚިޔާލު ހޯދުންތަކުން ދައްކަނީ ކުރިން ދުވަހަކުވެސް ނުފެންނަ މިންވަރަށް އެމީހުން ބަލިކަށިވެފައިވާ ތަނެވެ. ހާއްސަކޮށް "ރިލީޖިއަސް ޒަޔަނިޒަމް" ޕާޓީއަށް ވޯޓު ބޭނުންވާ ވަރަށް ނުލިބިދާނެ ކަމުގެ ބިރު އޮތުމަކީ ލިކޫޑް ޕާޓީގެ ލީޑަރޝިޕުން ދެކޭ ގޮތުގައި މުޅި ކަނާތު ފިޔައިގެ ބާރަށް ލިބޭނެ ބޮޑު ގެއްލުމެކެވެ.

މިކަންކަމާ ގުޅިގެން ނަތަންޔާހޫ މަސައްކަތް ކުރަނީ އެންމެ ހަރުކަށި އެންމެ ޓެރަރިސްޓް މާލީ ވަޒީރު ސްމޮޓްރިޗް އާއި ބެން-ގްވިއާ އެއްގަލަކަށް އަރުވައި، ވެރިކަން ދެމެހެއްޓޭނެ ފަދަ އާ ގޮތްތަކެއް ހޯދުމަށެވެ.

ނަމަވެސް ނަތަންޔާހޫއަށް ކުރިމަތިވާ އެންމެ ބޮޑު ހަނގުރާމަ އޮތީ ކޯޓު ރޫމުގައެވެ.

ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ 3 ބޮޑު މައްސަލައެއް އެބައޮތެވެ. އަގުބޮޑު ހަދިޔާތައް ގަބޫލުކުރުމާއި، ގާނޫނާ ހިލާފަށް މީޑިއާއަށް ރިޝްވަތުދީ މީޑިއާއާއެކު ވިޔަފާރީގެ މުއާމަލާތް ކުރުމާއި، ރިޝްވަތު ހިފުމުގެ ތުހުމަތުތަކުގެ ޝަރިއަތްތައް ހިމެނެއެވެ.

މި މައްސަލަތަކުގެ ސީރިއަސްކަން ބޮޑު ނަމަވެސް، ނަތަންޔާހޫ މަސައްކަތް ކުރަނީ ޝަރީއަތް ސިޔާސީ ޕްލެޓްފޯމަކަށް ބަދަލުކޮށް، އޭނާއަކީ "ސިޔާސީ ގޮތުން ފާރަލައި އިދިކޮޅުން ހައްޔަރުކުރަން އުޅޭ" ޝިކާރައެއް ކަމަށް ދެއްކުމަށެވެ. އޭނާ ދަނީ ޝަރުއީ ނިޒާމާއި މީޑިއާއަކީ އޭނާ ވެރިކަމުން ދުރުކުރަން އުޅޭ އަޑީ ދައުލަތުގެ ބައެއް ކަމަށް ސިފަކޮށް، ރައްޔިތުންގެ އިތުބާރު ނަގާލުމަށެވެ.

ނަތަންޔާހޫއަށް ދިމާވާ އެތެރޭގެ ޕްރެޝަރުގެ ތެރޭގައި، ހުޅަނގު އައްސޭރިއާއި ގުދުސްގައި ބިން ފޭރުމުގެ އަމަލުތައް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. ސަރުކާރުގެ ބަލިކަށިކަމާއި އެތެރޭގެ ކޯޅުންތަކުގެ ސަބަބުން ހައްދުފަހަނައެޅި ވަޒަންވެރިންނާއި ހަރުކަށި ވަޒީރުންނަށް ހިތްވަރުދީ ޔަހޫދީންގެ އަނިޔާވެރިކަމާއި ބާރު ދައްކަމުން ދެއެވެ.

ނަތަންޔާހޫ ބޭނުން ވަނީ ހަނގުރާމައެއްގައި އުޅުމަށެވެ. ނަތަންޔާހޫ ހަނގުރާމަ ބޭނުންކުރަނީ ޝަރީއަތުން ރެކެން ނުވަތަ ސަލާމަތީ ލީޑަރެއްގެ ގޮތުގައި ޔަހޫދީންނަށް އޭނާ ދެއްކުމަށެވެ.

އެހެންވީމާ ސުވާލަކީ: ނަތަންޔާހޫ ވެއްޓިއްޖެނަމަ ވާނީ ކިހިނެއް؟

ނަތަންޔާހޫގެ ވެރިކަން ވެއްޓިއްޖެނަމަ އޭނާ ޖަލަށް ދިއުމުގެ ފުރުސަތު ބޮޑެވެ. އޭނާ ކުރަމުންދާހާ ވެސް ކަމަކީ ޖަލު ހުކުމަކުން ސަލާމަތް ވެވޭ ގޮތަށް ވެރިކަމުގެ ބާރު އަތަށް މަހައިގެން ހުރުމެވެ.

ހިއްސާ ކުރައްވާ!