ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ، އަތުނުލެވޭނެ ހައްގުތަކާ ބެހޭ އދ. ގެ ކޮމިޓީއާއި، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަދި މިސްރު ސަރުކާރު ގުޅިގެން ބާއްވާ ބައިނަލްއަގުވާމީ ހާއްސަ ކޮންފަރެންސެއް މި ހިނގާ ޖުލައި މަހުގެ 18 ވާ ހޮނިހިރު ދުވަހު ގާހިރާގައި ބޭއްވުމަށް ނިންމައިފިއެވެ.
މިއީ ގުދުސް ސިޓީއަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައިނަލްއަގުވާމީ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ބައްދަލުވުމެކެވެ.
އދ. އަށް ފަލަސްތީނުން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ރިޔާޒް މަންސޫރު ވިދާޅުވީ، މި ބައްދަލުވުން ގާހިރާގައި ބޭއްވުމަށް ހަމަޖެހުމުން އެކަމާ މެދު ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެބައޮތް ކަމަށެވެ. އަދި ފަލަސްތީނުގެ މައްސަލައަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މިސްރުން އަދާކުރަމުންދާ އިސް ދައުރުގެ ސަބަބުން، މި ސަރަހައްދީ ބައްދަލުވުން އެ ގައުމުގައި ބޭއްވުން ވަރަށް މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މަންސޫރު އިތުރަށް ވިދާޅުވި ގޮތުގައި، ގުދުސްއަކީ ސިޔާސީ ގޮތުންނާއި، ދީނީ އަދި ސަގާފީ ގޮތުންވެސް ފަލަސްތީނުގެ އެހެން ސަރަހައްދުތަކެކޭ އެއްފަދައިން ނުހަނު މުހިންމު ސިޓީއެކެވެ. މިއަދު މުޅި ދުނިޔޭގެ ސަމާލުކަން ޣައްޒާއާއި ހުޅަނގު އައްސޭރިއަށް ހުއްޓިފައިވީ ނަމަވެސް، މި ކޮންފަރެންސްގެ ސަބަބުން ގުދުސްއަށް ލިބެންޖެހޭ ހައްގު ސަމާލުކަން ބައިނަލްއަގުވާމީ މައިދާނުގައި އަލުން ހޯދައިދެވޭނެއެވެ.
މި ބައްދަލުވުމުގައި ގުދުސްގެ ތާރީޚީ އަދި ރޫހާނީ މުހިންމުކަމުގެ މައްޗަށާއި، އެ ސިޓީއަށް ކުރިމަތިވެފައިވާ ސިޔާސީ ހުރަސްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.






